ޚަބަރު

ކަފާލާތުގެ ދަށުން އިމްރާން ޚާން މިނިވަންކޮށްފި


ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ކަފާލާތުގެ ދަށުން މިނިވަންކޮށްފިއެވެ. ޚާންއާ ދެކޮޅަށް އުފުލާފައިވާ ކޮރަޕްޝަންގެ ދަޢުވާގެ އަޑުއެހުމަކަށް އެ ޤައުމުގެ ހައި ކޯޓަށް ހާޒިރުވުމުން އޭނާ ހައްޔަރުކޮށްފައި ވަނީ މޭ މަހުގެ 9 ވަނަ ދުވަހުއެވެ. ކަފާލާތުގެ ދަށުން ޚާން މިނިވަންކޮށްފައި މި ވަނީ، އޭނާ ހައްޔަރުކޮށްފައި ވަނީ ޤާނޫނާ ޚިލާފަށް ކަމަށް އެ ޤައުމުގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައި ވަނިކޮށެވެ.

ކަފާލާތުގެ ދަށުން ޚާން މިނިވަން ކުރުމަށް އަމުރުކޮށްފައި ވަނީ ޕާކިސްތާނުގެ ހައި ކޯޓުންނެވެ. އޭނާ މިނިވަން ކޮށްފައި ވަނީ ދެ ހަފުތާގެ މުއްދަތަކަށެވެ. އަދި، އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ އެއްވެސް މައްސަލައަކާ ގުޅިގެން މޭ 15 ވަނަ ދުވަހުގެ ކުރިން އޭނާ ހައްޔަރުކުރުމުގެ އިތުރު އަމުރެއް ނެރެ ނުދެވޭނެ ކަމަށް ވެސް ހައި ކޯޓުން ވަނީ ނިންމާފައެވެ.

މޭ 9 ވަނަ ދުވަހު ޚާން ހައްޔަރު ކުރުމާ ގުޅިގެން އޭނާއަށް ތާޢީދުކުރާ މީހުންނާއި، އޭނާގެ ޕާކިސްތާން ތަހްރީކް އަލް-އިންސާފު (ޕީ.ޓީ.އައި) ޕާޓީއަށް ތާޢީދުކުރާ އެތަކެއް ހާސް ބަޔަކު ވަނީ ވެރިރަށް އިސްލާމްއާބާދުގެ އިތުރުން ބޮޑެތި އެހެން ރަށްތަކުގެ މަގުތަކަށް އެއްވެ މުޒާހާރާ ކުރަން ފަށާފައެވެ. އަދި، އޭނާ މިނިވަން ކުރުމަށް ގޮވައިލާ ކުރަމުންދިޔަ މުޒާހަރާތައް ހަމަނުޖެހުންތަކަށް ބަދަލުވެ، މުޒާހަރާގެ ބައިވެރިން ވަނީ މުދަލަށް ގެއްލުންދީފައެވެ. ފުލުހުންނާއި މުޒާހަރާ ކުރާ މީހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި 12 ވަރަކަށް މީހުން މަރުވި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކަފާލާތުގެ ދަށުން ޚާން މިނިވަން ކުރުމަށް އެ ޤައުމުގެ ހައި ކޯޓުން ނިންމުމާ ގުޅިގެން ޕާކިސްތާނުގެ ސަރުކާރުން ވަނީ މި ނިންމުމަށް ފާޑު ކިޔާފައެވެ. ޕާކިސްތާނުގެ ދާޚިލީ ވަޒީރު ރަނާ ސަނާއުالله ވިދާޅުވީ، މިއީ ކޯޓަކުން މި ފަދަ އަމުރެއް ކޮށްފައިވާ ފުރަތަމަ ފަހަރު ކަމުގައެވެ. "ޚާން މިނިވަން ކުރުމަށް ނެރުނު އަމުރާ މެދު ސުވާލު އުފެދޭ. އެ ފަދަ ނިންމުމެއް ކޯޓަކުން މިހާތަނަށް ނިންމާފައެއް ނެތް. ނަމަވެސް، ކޯޓު އަމުރު ތަންފީޒުކުރަން ސަރުކާރުން ފަހަތަކަށް ނުޖެހޭނެ،" އޭނާ ވިދާޅުވިއެވެ. އަދި، ހައި ކޯޓުގެ އެ ނިންމުން އިސްތިއުނާފު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޚާން މިނިވަން ކުރުމަށް ގޮވައިލާ ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން ހިންގަމުންދާ ހަމަނުޖެހުންތަކަށް ވެސް ސަރުކާރުން ވަނީ ފާޑު ކިޔާފައެވެ. އަދި، މުޒާހަރާތައް ހުއްޓުވަން ފުލުހުން ދަނީ ބާރުގެ ބޭނުން ކުރަމުންނެވެ. އަދި، މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް އެ ޤައުމުގެ އަސްކަރިއްޔާއިން ވެސް ދަނީ ފުލުހުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ޕީ.ޓީ.އައިއިން ކުރަމުންދާ މުޒާހަރާތަކަކީ ޤާނޫނުއަސާސީއާއި ޑިމޮކުރަސީގެ ހަމަތަކާއި އުސޫލުތަކާ ޚިލާފަށް ކުރަމުންދާ މުޒާހަރާތަކެއް ކަމުގައި ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވިދާޅުވިއެވެ. "އެއީ މުޒާހަރާ ކުރުން ކަމުގައި ނުދެކެން. އެއީ ޓެރެރިޒަމް ހިންގުން. އެއީ، ޤައުމިއްޔަތު ކަމެއް ނެތް ޓެރެރިޒަމްގެ އަމަލުތަކެއް. އެއްވެސް ހާލެއްގައި އެ މުޒާހަރާތައް ބަލައެއް ނުގަނެވޭނެ،" ޝަރީފް ވިދާޅުވިއެވެ.

"ޕީ.ޓީ.އައިއިން އެ ދަނީ ޤައުމުގެ ހަމަޖެހުމާއި ސުލްޙަމަސަލަސް ކަން ނަގައިލަމުން. އަދި ޤައުމު ފަނާކޮށްލަން މަސައްކަތް ކުރަމުން. މި އަމަލުތަކާ މެދު ވަރަށް ބޮޑަށް ސުވާލު އުފެދޭ،" ޝަރީފް ވިދާޅުވިއެވެ. މުޒާހަރާތައް ހުއްޓުވަން ފުލުހުން ވަނީ އެއްވެ އުޅުމުގެ ހައްގު ހަނިކޮށްފައެވެ. އަދި، ހަތަރު މީހުންނަށް ވުރެ ގިނަ މީހުން އެއްވާ ނަމަ ހައްޔަރު ކުރާނެ ކަމުގެ އިންޒާރު ދީފައެވެ.

އަދި، ޚާންއާ ދެކޮޅަށް ހައި ކޯޓުގައި ކުރިއަށްދިޔަ މައްސަލައަށް އެ ޤައުމުގެ ސުޕްރީމް ކޯޓުން ތަދައްޚުލުވެފައި ވާތީ ޝަރީފް ވަނީ އެ ކަމަށް ވެސް ފާޑުވިދާޅުވެފައެވެ. މި ކަމާ ގުޅޭ ގޮތުން ކެބިނެޓު ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމަލާ އެކު ޝަރުޢީ ދާއިރާގައި ލައްގަނޑެއް ޖެހިފައިވާ ކަމުގައެވެ.

މުޒާހަރާތައް ހުއްޓުވަން ފުލުހުން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، އެއީ ސުލްޙަވެރި މުޒާހަރާތަކެއްގެ ގޮތުގައި ޕީ.ޓީ.އައިއިން ސިފަ ކުރެއެވެ. އަދި، ރާވާފައިވާ ގޮތަށް މުޒާހަރާތައް ކުރިއަށްދާނެ ކަމުގައި ވެސް އެ ޕާޓީން ވަނީ ބުނެފައެވެ. އަދި، އިސްލާމްއާބާދުގައި ބޭއްވުމަށް ރާވަމުންދާ ބޮޑު މުޒާހަރާތަކުގައި ޤައުމުގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ޚާންއަށް ތާޢީދުކުރާ މީހުން ބައިވެރިވުމަށް ވެސް އެ ޕާޓީން ވަނީ ގޮވައިލާފައެވެ.