ޚަބަރު

އައްސޭރިޖަލަށް ވައްދަން އުޅުނު މަސްތުވާތަކެއްޗާކު ޖަލު އޮފިސަރެއް ޙައްޔަރުކޮށްފި


ކ.ހިންމަފުށީގައި ހުންނަ އައްސޭރިޖަލަށް ވައްދަން މަސައްކަތްކުރި މަސްތުވާތަކެއްޗާއެކު، މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ އޮފިސަރެއް ހައްޔަރުކޮށްފިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވީ، އިންޓެލިޖަންސްއަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އައްސޭރިޖަލަށް ވައްދަން މަސައްކަތް ކުރި މަސްތުވާތަކެތި، އެ ސަރވިސްގެ އޮފިސަރަކާއި އެކު އަތުލައިގަނެވިފައިވާކަމަށެވެ. އަދި އެ އޮފިސަރު ފުލުހުން ހައްޔަރުކޮށްފައިވާއިރު، ކަރެކްޝަނަލް ސަރވިސްގެ ޚިދުމަތުންވެސް އޭނާ ސަސްޕެންޑްކޮށްފައިވާކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

ކޮމިޝަނަރ ވަނީ މިފަދަ ކަންކަމުގައި މަދުންނަމަވެސް ޖަލު ބަލަހައްޓާ އޮފިސަރުން ބައިވެރިވާކަން ފާހަގަކުރައްވާ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ރާއްޖޭގައި ހިންގާ ޖަލުތަކަށް ޤަވާއިދާ ޚިލާފަށް އެއްޗެހި ވެއްދުމާއި، އެނޫންވެސް ގޮތްގޮތުން ޤާނޫނާ ޚިލާފުވާ ޖަލު އޮފިސަރުންނާ ދެކޮޅަށް އޮޕަރޭޝަން ހިންގައި މީގެ ކުރިން ބައެއް އޮފިސަރުން ހައްޔަރުކޮށްފައިވެއެވެ.

ޖަލުތަކަށް ފޯނު ވެއްދުމާއި، މަސްތުވާތަކެތި ވެއްދުމުގެ މައްސަލަތައް ހުއްޓުވުމަށް ކަރެކްޝަނަލް ސާރވިސްއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ އަޙްމަދު ވިދާޅުވީ ފާއިތުވި އަހަރުތައް ތެރޭގައި ކުރެވުނު މަސައްކަތްތަކަށް ބަލާއިރު ޖަލުތަކައް ގަވާއިދާ ހިލާފަށް އެއްޗެހި ވެއްދުމަކީ މިހާރު ފަސޭހަކަމަކަށް ނުވާނެ ކަމަށެވެ.