ޚަބަރު

މާލޭ ރައްޔިތުންނަށް ގޯތި ދިނުމަކީ އިދިކޮޅު ފަރާތްތަކުން އެދޭނެ ކަމެއްނޫން: ފަލާހު


މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ކުރައްވަމުންދާ މަސައްކަތަކީ އިދިކޮޅު ފަރާތްތަކުން އަބަދުވެސް އެކަމާއި ދެކޮޅަށް ވަކާލާތުކުރާ ކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ވިދާޅުވެއްޖެއެވެ.

މާލެ ސަރަޙައްދާއި އަތޮޅުތެރޭގެ ރައްޔިތުންނަށް އޮތް ބޯހިޔާވަހިކަމުގެ ދަތިކަމަށް ޙާއްލު ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙުގެ އެންމެ ބޮޑު އެއް ރިޔާސީ ވަޢުދުފުޅެވެ. ބޯހިޔާވަހިކަމުގެ ދަތިކަން ޙައްލުކޮށްދެއްވުމަށް "ބިންވެރިޔާ" އާއި "ގެދޮރުވެރިޔާ" ސްކީމް ސަރުކާރުން އިޢުލާންކުރެއްވީ މިދިޔަ އަހަރުގެ ޖުލައިމަހުއެވެ.

މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކާއި ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކާއި ގުޅިގެން މެމްބަރު ފަލާހު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަން ކަށަވަރުވުމަކީ އިދިކޮޅު ޕީޕީއެމް، ޕީއެންސީއާއި، ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީން އެދޭނެ ކަމެއް ނޫންކަމަށެވެ. މިބޭފުޅުންގެ އަބަދުވެސް އެދުމަކީ އެބިންތަކުން އެބޭފުޅުންނަށް މަންފާ ވާނެ ގޮތްތަކެއް ހޯދުންކަމަށެވެ.

"މާލޭ ރަށްވެހިންނަށް ގޯތި ދިނުމަށް ސަރުކާރުން ނިންމާފައިވާތީ އެކަމާ ދެކޮޅަށް ޕީޕީއެމް ޖުމްހޫރީ ޕާޓީ އަދި އެމްއެންޕީ ކެކިއަރާނެކަން މާލޭ މީހުންނަށް އެނގޭ. އެވެރިން އަބަދުވެސް އެދެނީ އެބިމުން ފައިސާ ހޯދާ އަމިއްލަ ޖީބު ބަރުކުރަން." ފަލާހު ވިދާޅުވިއެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫޢަށް ގޯތި ދޭނެ ބިން ނެތިގެން ހުޅުމާލޭގެ ފަޅު ހިއްކަން ސަރުކާރުން މަސައްކަތްކުރައްވާ ކަމަށްބުނެ ދައްކަމުންދާ ވާހަތަކަށްވެސް ފަލާހުވަނީ ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢު "ގެދޮރުވެރިޔާ" އަދި "ބިންވެރިޔާ" ސްކީމް އިއުލާންކުރެއްވީ، އެކަމަަށް ބޭނުންވާ ބިން އޮތްކަން ކަށަވަރު ކުރުމަށްފަހުކަމަށެވެ. އަދި މިސަރުކާރަކީ ތާރީހުގައިވެސް މާލޭގެ ރައްޔިތުންނަށް އިންކަނޑައި ބިން ކަށަވަރުކޮށްދޭނެ ސަރުކާރުކަމަށް ފަލާހު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވީ މާލޭގެ ރައްޔިތުންނަށް ޚާއްސަކޮށްގެން 5000 ގޯތި މި ސަރަޙައްދުން ދޫކުރުމަށެވެ. އެއީ ހުޅުމާލެއިން 1000ގޯއްޗާއި ގުޅީފަޅުން 2000 ގޯތި އަދި ގިރާވަރު ފަޅުން 2000 ގޯއްޗެވެ. މީގެތެރެއިން އެޗްޑީސީން މިހާރު ދަނީ، ހުޅުމާލެއިން ދޫކުރާ ބިންތަކުގެ އިން ވަކިކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ. އަދި އެ މަޝްރޫޢުގެ ދަށުން ކުރަންޖެހޭ ފްލެޓްތައްވެސް މިހާރު ދަނީ އިމާރާތްކުރަމުންނެވެ.