ޚަބަރު

ސަރުކާރުގެ އެއްވެސް ބޭފުޅެއްގެ މައްޗަށް އިތުބާރު ނެތްކަމަށް ފާހެއް ނުވާނެ: ޝަރީފް


ސަރުކާރުގެ ވެރިއެއްގެ މައްޗަށް އިތުބާރު ނެތްކަމަށް ފާސްކުރަން މަޖިލީހަށް ހުށަހަޅާ އެއްވެސް މައްސަލައެއް ފާސްނުވާނޭކަމުގެ ޔަގީންކަން އެބައޮތްކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާޙިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވެފައި މިވަނީ ޗާގޯސް މައްސަލައިިގައި ސަރުކާރުން އަމަލުކުރެއްވި ގޮތާއި ގުޅޭގޮތުން އިތުބާރު ނެތްކަމުގެ މައްސަލަތަކެއް މަޖިލީހަށް ހުށަހަޅާނޭކަމަށް މަޖިލީހުގައި ހިމެނޭ އިދިކޮޅު ޕާޓީތަކުގެ މެމްބަރުން ވިދާޅުވުމުންނެވެ.

އިދިކޮޅު ސިޔާސީ ޕާޓީތަކާއި ބައެއް ޤާނޫނީ ވަކީލުން ދަނީ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް)ގައި ކުރިއަށްދިޔަ ރާއްޖޭގެ އިން ކަނޑައެޅުމުގައި މައްސަލައިގައި ސަރުކާރުން އަމަލުކުރެއްވި ގޮތަށް ފާޑު ވިދާޅުވަމުންނެވެ. އެގޮތުން ސަރުކާރުން އަމަލުކުރެއްވި ގޮތުން މި މައްސަަލަ ނިމިގެންދިޔައީ ރާއްޖެއިން ބައެއް ގެއްލޭގޮތަށް ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެއެވެ.

ނަމަވެސް ސަރުކާރުން ދަނީ މިކަމުގައި ސަރުކާރުން އަމަލުކުރެއްވި ގޮތް ވަރަށް ސާފުކޮށް ވިދާޅުވަމުންނެވެ. އެގޮތުން ރާއްޖޭގެ އެއްވެސް ސަރަހައްދަކުން ބައެއް ނުގެއްލޭކަމަށާއި، މި މައްސަލަ ނިމުނުއިރު ރާއްޖޭގެ ސަރަހައްދަށް ބޮޑު ބައެއް އިތުރުވެފައިވާކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ޕީއެސްއެމް ނިއުސް ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ރައްޔިތުންގެ މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ އެއް މެމްބަރު، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ މޮރިޝަސްއާއި ރާއްޖެއާ ދެމެދު އިން ވަކިކުރުމުގެ މައްސަލަ ނިމިގެންދިޔައީ ރާއްޖެއަށް އެކަމުން ހުރިހާ ފައިދާއެއް ލިބޭ ގޮތަށްކަމަށެެވެ. އެގޮތުން މީގެކުރިން ރާއްޖެއަށް ލިބިފައިނުވާވަރުގެ ބޮޑު ސަރަހައްދެއް ލިބިފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މިކަމުގައި ރައްޔިތުންނަށް އޮޅުވާލައި، ފިތުނަ އުފައްދަން ބަޔަކު ގަސްތުގައި ހަގީގަތާއި ހިލާފު ވާހަކަތައް ދައްކަމުންދާކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވިކަމަށް ބުނާ ސިޓީފުޅަކާއި ގުޅިގެން ރާއްޖޭގެ ބައެއް ގެއްލުނުކަމަށް ބުނާއިރު، އެފަދަ ކަމެއް ސިޓީޢަކުން ނިންމާނުލެވޭނެކަން ޝަރީފް ފާހަގަކުރެއްވިއެވެ.

"ދެ ޤައުމެއްގެ ދޭތެރޭގައި ކުރެވޭ މަޝްވަރާއަކުން އިން ވަކިކުރުމުގެ މައްސަލައެއްގައި ގޮތެއް ނުނިންމޭނެ. އިޓްލޮސްގެ ނިންމުމުގައި އެބަ ބުނޭ މަޝްވަރާތަކާއި ސިޓީތަކަކީ މި ނިންމުން ނިންމާއިރު ރިޔާއަތްކުރާނެ ކަންކަމެއް ނޫންކަމަށް. އިނގިރޭސި ރަނގަޅަށް ކިޔަން އެނގޭ މީހަކަށް އެހުކުމް ފެންނާނެ" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ބައިނަލްއަޤްވާމީ ޓްރައިބިއުނަލްގައި ރާއްޖެއިން ވަކާލާތު ކުރީ ވަރަށް މޮޅަށްކަމަށާއި، އެހެން ނޫންނަމަ ބޭސް ލައިން އެހެން ތަނަކުން ކަނޑައަޅައިގެން ރާއްޖެއަށް ކުޑަ ސަރަހައްދެއް ލިބުނީސްކަމަށެވެ. ނަމަވެސް ރާއްޖެއިން ކުރި މަަސައްްކަތާއެކު ޤާނޫނީގޮތުން ލިބެން އޮތް އެންމެ ބޮޑު ސަރަހައްދުކަމަށެވެ.

"ދިވެހިރާއްޖެއަށް އެއްޗެއް ގެއްލިގެނެއް ނޫޅޭ، ހުރިހާ އެއްޗެއް ގެއްލުނީ މޮރިޝަސްއަށް، ރާއްޖެއަށް ލިބުނީ މޮޅެއް" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މި މައްސަލައިގައި ބަންޑާރަ ނާއިބު އިބްރާހިމް ރިއްފަތާއި އޭނާގެ ޓީމުގެ ޤާބިލްކަން ފެނިގެން ހިނގައްޖެކަމަށެެ. އަދި ސަރުކާރުގެ އެއްވެސް ބޭފުޅެއްގެ މައްޗަށް އިތުބާރު ނެތްކަމަށް ފާސް ނުކުރެވޭނެކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

"އެ ބޭފުޅުންނަށް 10 މެމްބަރުންގެ ސޮއިއާއެކު މައްސަލަ ހުށަހެޅިދާނެ. އެކަމަކު އަޅުގަނޑުމެންނަށް ބަންޑާރަ ނާއިބު އިބްރާޙިމް ރިއްފަތުގެ މައްޗަށް އިތުބާރު އެބައޮތް. ބަންޑާރަ ނާއިބު ރިއްފަތުގެ މައްޗަށް އިތުބާރު ނެތްކަމަށް ފާހެއް ނުކުރެވޭނެ. ފޮރިން މިނިސްޓަރގެ މައްޗަށްވެސް ނުނެގޭނެ. ރައީސް ސާލިހުގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ނަގާކަށް އަދި އަމުދުން ނުކެރޭނެ. އެއީ ޤައުމީ ބަތަލުން" ޝަރީފް ވިދާޅުވިއެވެ.

ޗާގޯސް އައިލެންޑްސް އާއި ރާއްޖެއާ ދެމެދު އިން ކަނޑައަޅަން މޮރިޝަސްއިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އަށް ހުށަހަަޅާފައިވާ މައްސަލައިގައި ހުކުމް އިއްވީ މިދިޔަމަހުގެ 28 ވަނަ ދުވަހުއެވެ. އެ ނިންމުމާއެކު ރާއްޖޭގެ ދެކުނު ހާއްސަ އިޤްތިޞާދީ ސަރަހައްދުގެ ގޮތުގައި 180 މޭލެއްހާ ސަރަހައްދެއް ވަނީ ކަނޑައެޅިގެން ގޮސްފައެވެ. ޤައުމެއްގެ އީއީޒެޑް ނުވަތަ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދެއްގައި އެ ޤައުމެއްގެ ހުއްދަ ނެތި އެއްވެސް މަސައްކަތެއް ނުކުރެވޭނެއެވެ..