ސިއްހަތު

ސިއްޙީދާއިރާއިން ރާއްޖެ ކާމީޔާބީތަކެއް ހޯދާފައިވޭ- ޑަބްލިއުއެޗްއޯ


ގައިން ގަޔަށް އަރާ ބަލިތަކާ ޖަނަވާރާއި ދޫނިސޫފާސޫފިން ފެތުރޭ ބަލި ކޮންޓްރޯލް ކުރުމުގައި ރާއްޖެއިން ހޯދާފައިވަނީ ތަޢުރީފް ޙައްޤު ކާމިޔާބީތަކެއް ކަމަށް ދުނިޔޭގެ ޞިއްޙަތާއި ބެހޭ ޖަމްޢިއްޔާ، ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކަޑައަޅާއްވާފައި ހުންނަވާ ޚާއްޞަ މަންދޫބު ޑރ އަރްވިންދް މާތޫރު ވިދާޅުވެއްޖެއެވެ. ޑރ މާތޫރު މިހެން ވިދާޅުވީ ޕަބްލިކް ސާރވިސް މީޑިއާ، ޕީއެސްއެމްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައެވެ. 



ރާއްޖެއާއި އެކު ރަސްމީކޮށް ދުނިޔޭގެ ސިއްޙަތާއި ބެހޭ ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން މަސައްކަތްކުރަން ފެށިތާ މިދިޔަ އަހަރު މިވަނީ 50 އަހަރު ފުރިފައެވެ. ޑަބްލިއުއެޗްއޯއިން ބުނީ މިފަންސާސް އަހަރުގެ ތެރޭގައި ރާއްޖެއިން ގައިންގަޔަށް އަރާބަލިތާކާއި، ދިރޭ ތަކެތީގެ ޒަރިއްޔާއިން ފެތުރޭ ބަލިތައް ކޮންޓްރޯލްކޮށް މިފަދަ ބަލިތައް ނައްތާލަން ކޮށްފައިވާ މަސައްކަތަކީ، ސަރުކާރާއި، ކަމާއި ބެހޭ ފަރާތްތަކަށް، ރާއްޖޭގެ ރައްޔިތުންނަށް ތައުރީފް ހައްގުވާފަދަ މަސައްކަތްތަކެއްކަމަށެވެ.

ޑަބްލިއުއެޗްއޯއިން މިދިޔަ އަހަރު ވަނީ ރާއްޖެއިން މެލޭރިއާ މުޅިން ނައްތާލެވިފައިވާތީ، މިކަމުގެ ޚާއްޞަ ސެޓްފިކެޓް ރާއްޖޭގެ ސަރުކާރާއި ޙަވާލްކޮށްފައެވެ. މެލޭރިއާ ކޮންޓްރޯލް ކުރުމަށް ސަރުކާރުން މަސައްކަތްކުރަން ފެށީ 1965 ވަނަ އަހަރެވެ. 1982ވަނަ އަހަރުން ފެށިގެން ރާއްޖެއިން މެލޭރިއާގެ އެއްވެސް އަލާމަތެއް ހުރި ކަމަށް ރިޕޯޓް ކޮށްފައި ނުވާކަމަށް ޑަބްލިއުއެޗްއޯއިން މައުލޫމާތުދެއެވެ. އަދި ރާއްޖެއިން ޕޯލިއޯގެ ޓްރާންސްމިޝަން އެކުގައި ހުއްޓުވާލެވިފައިވާކަމަށާއި، ފައިލޭރިއާ ވެސް ވަރަށް އަވަހަށް ރާއްޖެއިން މުޅިން ނައްތާލެވޭނެކަމަށް ޑަބްލިއުއެޗްއޯއިން ބުނެއެވެ. މީގެއިތުރުން 2010ވަނަ އަހަރުން ފެށިގެން ރުބެއްލާއާއި، މީޒަލްސްގެ އެއްވެސް ކޭހެއް ރާއްޖެއިން ރިޕޯޓްކޮށްފައި ނުވާކަމަށް ޑަބްލިއުއެޗްއޯއިން މައުލޫމާތުދެއެވެ.

ޕީއެސްއެމްއަށް ދެއްވި ޚާއްޞަ އިންޓަރވިއުގައި ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކަޑައަޅާއްވާފައި ހުންނަވާ ޚާއްޞަ މަންދޫބު ޑރ އަރްވިންދް މާތޫރް ވިދާޅުވީ ގައިންގަޔަށް އަރާ ބަލިތަކާއި، ދިރޭތަކެތީގެ ސަބަބުން ފެތުރޭ ބަލިތައް ނައްތާލާ، ކޮންޓްރޯލް ކުރުމުގައި ރާއްޖެއަށް ލިބިފައި މިވާ ކާމިޔާބީތައް ދެމެހެއްޓުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. ޑރ މާތޫރް ވިދާޅުވީ ރާއްޖޭގެ ސިއްހަތާއި ބެހޭ ވުޒާރާއިން ގައިންގަޔަށްއަރާ ބަލިތައް ނައްތާލާ ކޮންޓްރޯލް ކުރުމަށް ވަރަށް ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ.



"މިހާރު ލިބިފައި މިވާ ކާމިޔާބީތައް ދެމެހެއްޓޭނީ ސަވައިލަންސް ކުރުން ހުއްޓާނުލާ، މިބަލިތައް އަދި އައު ބަލިތައްވެސް ފެތުރޭތޯ ބެލުމަށް ހަރުދަނާ ސިސްޓަމްތައް ޤާއިމް ކުރެވި، މިކަން ބެލުމަށް މީހުން ބެހެއްޓިގެން. އަދި ރާއްޖެއަށް ބަލިތައް އެތެރެވޭތޯ ބެލުމަށް ސްރީންކޮށް، ދަތުރުވެރިން ނަށް އިރުޝާދުދީ، ވަރަށް ބޮޑަށް އެހެން ތަންތަނުން ބަލިތައް ވަނިއަ ނުދިނުމަށް ހުށިޔާރުވެގެން. މެލޭރިއާ އަދި ޑެންގީފަދަ ބަލިތައް ނައްތާ ކޮންޓްރޯލް ކުރުމަށް ބަލި ފެތުރޭ މަދިރި ނުވަތަ މިފެތުރޭ ގޮތް ދެނެގަނެ، މިކަން ކޮންޓްރޯލް ކޮށްފިނަމަ، މިފަދަ ބަލިތައް ކޮންޓްރޯލްކޮށް ނައްތާލުމަށް މިހާރުވެސް ވަރަށް ރަގަޅު މަސައްކަތްތަކެއް ކުރަމުންދާ ރާއްޖޭގެ ސިއްހީ ދާއިރާއަށް މިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދެވޭނެ" ޑރ. މާތޫރު ވިދާޅުވިއެވެ.

ޑރ މާތޫރު ވިދާޅުވީ ޑަބްލިއުއެޗްއޯއިން ކުރިއެކޭ އެއްގޮތަށް ރާއްޖޭގެ ކަމާއި ބެހޭ ފަރާތްތަކާއެކު ސިއްޙީ ދާއިރާއިން ޤައުމަށް ލިބޭ ކާމިޔާބީތައް ދެމެހެއްޓުމުގައި އަދި ދިމާވާ މައްސަލަތައް ހައްލުކުރުމުގައި ބައިނަލްއަޤްވާމީ މިންގަނޑުތަކުގެ މަތިން އެހީތެރިވަމުންދާނެކަމަށެވެ.

އަދި ރާއްޖެއަށް ބޭނުންވާ ޓެކްނިކަލް އެހީތެރިކަމާއި، އިންސާނީ ވަސީލަތް ބިނާކުރުމަށް އެހީތެރިކަން ފޯރު ކޮށްދޭނެކަމަށް ޑރ މާތުރު ވިދާޅުވިއެވެ.

ޑަބްލިއުއެޗްއޯއިން ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާ ކުރުމަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމުގެ ތެރެއިން އެންމެ މުހިންމު އެއްކަމަކީ ރާއްޖޭގައި ފެތުރޭ ބަލިތަކާއި ސިއްޙީ މާޙައުލަށް އަންނަ ބަދަލުތައް ބަލައި މޮނިޓަރ ކުރުމާއި މިފަދަ ބަދަލުތަކުގެ ތަފާސް ހިސާބު އެއްކުރުމާއި ، ރިޕޯޓްކުރުމެވެ.