ޚަބަރު

ހުޅުމާލޭގައި ހަލާކުވެފައިވާ ފްލެޓްތައް މަރާމާތުކުރަނީ


ހުޅުމާލޭގައި އަޅާފައިވާ ބައެއް ފްލެޓްތަކުގެ ފެންވަރު ދަށްވެ ހަލާކުވާ ކަމުގެ ޝަކުވާ ލިބެމުންދާތީ އެކަން ޙައްލުކުރުމުގެ ގޮތުން ، މިހާރު މަސައްކަތް ކުރިއަށް ދާ ތަންތަން އެޗްޑީސީން މޮނިޓަރ ކުރަމުންދާ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

ހުޅުމާލޭގައި ޗައިނާގެ ކުންފުންޏަކުން އަޅާފައިވާ 1000 ފްލެޓްތަލުގެ ތެރެއިން ބައެއް ފްލެޓްތަކުގެ ފެންވަރު ، ދަށްވެގެން އެކަމުގެ ޝަކުވާ ލިބެމުންދާތީ ، އެކަމަށް ޙައްލު ގެނައުމުގެ ގޮތުން އެޗްޑީސީން ދަނީ މަސައްކަތް ކުރަމުންނެވެ. އެޗްޑީސީއަށް ލިބިފައިވާ ޝަކުވާތަކުގެ ތެރޭގައި ފްލެޓްގެ އެތެރޭގައި ޖަހާފައިވާ މުށި ހަލާކުވުމާއި ، ޢިމާރާތުގައި ރެނދުލުމުގެ ޝަކުވާ ލިބެމުންދާކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.

މި މައްސަލަ ޙައްލުކުރުމުގެ ގޮތުން ފްލެޓްތަކުގެ މަސަައްކަތްކުރި ޗައިނާގެ ކުންފުނީގެ އިސްވެރިންނާއި މަޝްވަރާކުރުމަށް ފަހު ، ހަލާކުވެފައިވާ ތަންތަން މަރާމާތުކުރުމުގެ މަސައްކަތްކުރިއަށް ދާކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ. އެގޮތުން ޗައިނާ ކުންފުނީގެ ޚަރަދުގައި މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށާއި ދާދި އަވަހަށް ހަލާކުވެފައިވާތަންތަން މަރާމާތުކުރުމުގެ މަސައްކަތް ނިމޭނެ ކަމަށް ސައިމަން ވިދާޅުވިއެވެ.

ސައިމަން ވިދާޅުވީ ، މި މައްސަލަ ތަކުރާރުވިޔަ ނުދިނުމަށްޓަކައި މިހާރު އެކުންފުނިން މަސައްކަތް ކުރަމުންދާ ފްލެޓްތަކުގެ މަސައްކަތް ކުރިއަށްދާގޮތް ހަފްތާއަކު އެއްފަހަރު މޮނިޓަރ ކުރަމުންދާކަމަށެވެ. އެހެން ކަމުން މިހާރު މަސައްކަތް ކުރިއަށްދާ ފްލެޓްތަކުން އެފަދަ މައްސަލައެއް ދިމާނުވާނެކަމަށް ސައިމަން ވިދާޅުވިއެވެ.

ހުޅުމާލޭގައި ޗައިނާގެ ކުންފުންޏަކުން މިހާރު ވެސް 704 ފްލެޓްގެ މަސައްކަތް ކުރިއަށް އެބަގެންދެއެވެ. މިހާތަނަށް ހުޅުމާލޭގައި 1968 ފްލެޓް ސޯޝަލް ހަައުސިންގ ގެ ގޮތުގައި ސަރުކާރުން އާއްމުންނަށް ދޫކުރައްވާފައިވެއެވެ.