ޚަބަރު

ރަޝިޔާގެ ކާމިޔާބީ ދުވަހާ ދިމާކޮށް ކީވަށް ވަރުގަދަ ޙަމަލާތަކެއް


ރަޝިޔާގައި ފާހަގަކުރާ އެ ޤައުމުގެ ނަޞްރުގެ ދުވަހާ ދިމާކޮށް ޔޫކްރެއިންގެ ވެރިރަށް ކީވަށް ވަރުގަދަ ޙަމަލާތަކެއް ދީފިއެވެ. މި ޙަމަލާތައް ދީފައި ވަނީ ނަޞްރުގެ ދުވަހުގެ ޚާއްޞަ އަސްކަރީ ޕެރޭޑު ވެރިރަށް މޮކްސޯގައި ކުރިއަށް ދިޔަ ވަގުތުގައެވެ. ރަޝިޔާއިން ނަޞްރުގެ ދުވަސް ފާހަގަކުރަނީ، ދެވަނަ ބޮޑު ހަނގުރާމައިގައި ނާޒީންގެ މައްޗަށް ކުރީގެ ރޫސީ ވިލާތުން ހޯދި ކާމިޔާބީ ފާހަގަކުރުމަށެވެ.

ނަޞްރުގެ ދުވަސް ފާހަގަކުރުމަށް ކްރެމްލިން ކުރިމަތީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވްލަޑިމިޔަރ ޕުޓިން ވަނީ ހުޅަނގުގެ ބާރުތަކަށް ހޫނު ބަހުގެ ޙަމަލާތަކެއް އަމާޒު ކުރައްވާފައެވެ. އޭނާ ވިދާޅުވީ، ހުޅަނގުގެ ބާރުތަކުން ރަޝިޔާއާ ދެކޮޅަށް ވަރުގަދަ ހަނގުރާމައެއް ފަށާފައިވާ ކަމުގައެވެ. ނަމަވެސް، ފާހަގަކޮށްލަން ޖެހޭ ކަމަކީ ޔޫކްރެއިނަށް ސިފައިން ފޮނުވައިގެން ޕުޓިން ފައްޓަވާފައިވާ ހަނގުރާމައަށް މިހާރު އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމެވެ. މި ހަނގުރާމައިގައި ރަޝިޔާ ސިފައިންގެ އިތުރުން ޔޫކްރެއިނުގެ ސިފައިންނާއި ޢާންމުންގެ އެތަކެއް ހާސް ބަޔަކު ވަނީ މަރުވެފައެވެ.

ޕުޓިންގެ ވާހަކަފުޅުގައި ރަޝިޔާގެ ވެގްނަރ ގުރޫޕުގެ ކުލީ ސިފައިންނަށް ވެސް ވަނީ ބަހުގެ ޙަމަލާތަކެއް އަމާޒު ކުރައްވާފައެވެ. ޕުޓިން ވިދާޅުވީ، ހަނގުރާމައިގެ މައިދާން ދޫކޮށް ފިލާ ކޮންމެ މީހަކީ ޤައުމަށް ޣައްދާރުވާ މީހެއްގެ ގޮތުގައި ދެކޭނެ ކަމުގައެވެ. އޭނާގެ މި ބަސްފުޅުތައް އަމާޒު ކުރައްވާފައި މި ވަނީ ވެގްނަރ ގުރޫޕުގެ އިސްވެރިޔާ ޔެވްގެނީ ޕްރިގޮޜިނަށެވެ.

ރަޝިޔާއިން ޔޫކްރެއިނަށް ސިފައިން ފޮނުވައި ހަނގުރާމަ ފަށާފައި ވަނީ 2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހުއެވެ. ހަނގުރާމައިގައި މިހާރު ރަޝިޔާއަށް އޮތް އެންމެ މުހިންމު ލަނޑުދަނޑިއަކީ ޔޫކްރެއިނުގެ އިރުމަތީގައިވާ ބަޚްމުތް ހިފުމެވެ. ދޮންބާސް ސަރަޙައްދުގައި އޮންނަ ޑޮނެޓްސްކުގެ އެ ރަށް ހިފުމަށް ރަޝިޔާ ސިފައިން މަސައްކަތް ފަށާފައި ވަނީ މީގެ 10 ވަރަކަށް މަސް ކުރިންނެވެ.

އެ ރަށް ހިފުމަށް ކުރަމުންދާ ހަނގުރާމައިގެ ކުރީ ސަފަށް ރަޝިޔާއިން ފޮނުވާފައި ވަނީ ވެގްނަރ ގުރޫޕުގެ ކުލީ ސިފައިންނެވެ. ނަމަވެސް، މި ހިނގާ މޭ މަހުގެ 10 ވަނަ ދުވަހު ކުރިން ހަނގުރާމައިގެ ކުރީ ސަފު ދޫކޮށް، ވެންގަރ ގުރޫޕުން ބަޚްމުތުން ފައިބާނެ ކަމުގެ އިންޒާރު ޕްރިގޮޜިން ވަނީ ދީފައެވެ.

ޕްރިގޮޜިން ބުނީ، އޭނާގެ ކުލީ ސިފައިންގެ ފައުޖުތަކަށް ބޭނުންވާ ހަތިޔާރާއި ވަޒަނާއި އަސްކަރީ އެހީތެރިކަން ފޯރުކޮށްދޭން ރަޝިޔާގެ އަސްކަރިއްޔާއިން ދެކޮޅު ހަދަމުންދާ ކަމުގައެވެ. ބަޚްމުތް ދޫކޮށް ފައިބާނެ ކަމުގެ އިންޒާރު އޭނާ ދިން ނަމަވެސް، އެ ކަން އެ ގޮތަށް ނުކުރާނެ ކަމަށް އޭނާ ފަހުން ވަނީ ބުނެފައެވެ. ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ކުރިން ބަޚްމުތް ހިފުމަށް ރަޝިޔާއިން ދިޔައީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް، އެ ކަން ހާސިލުވެފައި ނުވާ ކަމަށް ވިދާޅުވެ، ޔޫކްރެއިނުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވަނީ ޕުޓިންއަށް ގޮންޖައްސަވާފައެވެ.

ނަޞްރުގެ ދުވަސް ފާހަގަކުރުމަށް މޮސްކޯގައި އަސްކަރީ ޕެރޭޑެއް ބާއްވާފައިވީ ނަމަވެސް، އެހެން އަހަރުތަކާ ޚިލާފާށް، ޕެރޭޑުގައި ދައްކައިލާފައިވާ ހަތިޔާރުތައް މަދު ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. އަދި، އެހެން އަހަރުތަކާ ޚިލާފަށް، މި އަހަރުގެ ޕެރޭޑުގައި އަސްކަރީ މަތިންދާބޯޓުތައް ފެނިގެން ގޮސްފައި ނުވާ ކަމަށް ވެސް އެ ފަރާތްތަކުން ބުނެއެވެ.

ނަޞްރުގެ ދުވަހުގެ އިހުތިފާލުތަކާ ދިމާކޮށް ރަޝިޔާއިން ކީވަށް 25 ކްރޫޒް މިސައިލް ޙަމަލާދީފައިވާ ކަމުގައި ޔޫކްރެއިނުން ބުނެއެވެ. އަދި، އޭގެ ތެރެއިން 23 ކްރޫޒް މިސައިލް ދިފާޢުކޮށް ވައްޓައިލާފައިވާ ކަމުގައި ވެސް ޔޫކްރެއިނުން ބުނެއެވެ. މި ޙަމަލާތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވި ކަމުގެ ރިޕޯޓެއް ކޮށްފައި ނެތް އިރު، މިއީ މި މޭ މަހުގެ ތެރޭގައި ރަޝިޔާއިން ކީވަށް މި ފަދަ ވަރުގަދަ ޙަމަލާތަކެއް ދީފައިވާ ފަސް ވަނަ ފަހަރެވެ. ކީވަށް އެންމެ ފަހުގެ ޙަމަލާތައް ދީފައި ވަނީ ވިލާތުގެ އިއްތިހާދު (އީ.ޔޫ) ކޮމިޝަނުގެ ރައީސާ އުރްސުލާ ވޮން ޑެ ލަޔަން ކީވަށް ކުރައްވަމުން ގެންދެވި ދަތުރުފުޅަކާ ދިމާކޮށެވެ.

ދެވަނަ ބޮޑު ހަނގުރާމައިގައި ކުރީގެ ރޫސީ ވިލާތަށް ނާޒީންގެ މައްޗަށް ނަޞްރު ލިބުނީ 1945ވަނަ އަހަރުގެ މޭ މަހުގެ 8 ވަނަ ދުވަހުއެވެ. ނަމަވެސް، ނަޞްރުގެ ދުވަހުގެ ގޮތުގައި އެ ޤައުމުން ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ މޭ މަހުގެ 9 ވަނަ ދުވަހެވެ. ޔޫކްރެއިނުގައި މޭ މަހުގެ 8 ވަނަ ދުވަސް ފާހަގަކުރަނީ ވިލާތުގެ ދުވަހުގެ ގޮތުގައެވެ. އެއީ، އީ.ޔޫ. އުފެއްދުމުގެ މަސައްކަތް ފެށި ދުވަހުގެ ގޮތުގައި އެ އިއްތިހާދުން ފާހަގަކުރާ ދުވަހެކެވެ.