ޚަބަރު

ހެއިޓީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި 600އަށްވުރެ ގިނަ މީހުން މަރުވެއްޖެ


ކެރީބިޔަންގެ ޤައުމެއް ކަމުގައިވާ ހެއިޓީގެ ވެރިރަށް ޕޯޚް-އޯ-ޕްރާންސްގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި ހުސްވި އޭޕްރިލް މަހުގެ ތެރޭގައި އެކަނިވެސް 600 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމުގައި އ.ދއިން ބުނެފިއެވެ. ޕޯޚް-އޯ-ޕްރާންސް މި ވަގުތު އޮތީ ކުށްކުރާ ގުރޫޕުތަކުގެ ބާރުގެ ދަށުގައެވެ. 2021 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން އެ ޤައުމުގެ އެކި ކަންކޮޅުތަކުގައި ދަނީ ހަމަނުޖެހުން ހިންގަމުންނެވެ.

އ.ދގެ އިންސާނީ ހައްޤުތަކާ ބެހޭ ސަފީރުގެ އޮފީހުން ބުނީ، ކުށްކުރާ ގުރޫޕުތަކުގެ ހަރަކާތްތަކާއި، އެ ފަދަ ގުރޫޕުތަކުގެ މެދުގައި ހިނގަމުންދާ ހަމަނުޖެހުންތައް އޭޕްރިލް މަހުގެ ތެރޭގައި އިތުރުވެފައިވާ ކަމުގައެވެ. އަދި، އެ މަހު އެކަނިވެސް ހަމަނުޖެހުންތަކާއި ޙަމަލާތަކުގައި 600 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމުގައެވެ.

މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ޕޯޚް-އޯ-ޕްރާންސްގައި ހިނގާފައިވާ ހަމަނުޖެހުންތަކުގައި 846 މީހުން މަރުވެފައިވާ ކަމުގައި ވެސް އެ ޖަމުޢިއްޔާއިން ބުނެއެވެ. ހަމަނުޖެހުންތަކުގައި 393 މީހުން ޒަޚަމުވެފައިވާ ކަމަށް ރެކޯޑު ކުރެވިފައިވާއިރު، 395 އަށްވުރެ ގިނަ މީހުން ވަނީ ކިޑްނެޕްކޮށްފައި ނުވަތަ ވަގަށް ގެންގޮސްފައެވެ.

ހުސްވި 2022 ވަނަ އަހަރުގެ ފަހު ތިން މަހާ އަޅައިބަލާއިރު، އެ ޤައުމުގައި ހިނގަމުންދާ ހަމަނުޖެހުންތައް މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި 28 އިންސައްތައިން އިތުރުވެފައިވާ ކަމުގައި ވެސް އ.ދއިން ބުނެއެވެ. ހެއިޓީއަކީ ކެރީބިޔަންގެ އެންމެ ފަގީރު ޤައުމެވެ.

ހެއިޓީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރެއިން 2021 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެ ޤައުމުގެ ރައީސް ޖުވެނެލް މޮއިސް ވަނީ އަވަހާރަ ކޮށްލާފައެވެ. އެއަށްފަހު، އެ ޤައުމު ވަނީ ސިޔާސީ އަދި އިޤުތިޞާދީ ވަޅުގަނޑަކަށް ވެއްޓިފައެވެ. އަދި، ވެރިރަށް ޕޯޚް-އޯ-ޕްރާންސްގެ ބޮޑު ސަރަޙައްދެއް މިހާރު އޮތީ ކުށްކުރާ ގުރޫޕުތަކުގެ ބާރުގެ ދަށުގައެވެ. އެ ގުރޫޕުތަކުން މިހާރު ދަނީ އެ ޤައުމުގެ އެހެން ސަރަޙައްދުތަކަށް ވެސް އަތްގަދަ ކުރަން މަސައްކަތް ކުރަމުންނެވެ.

ހެއިޓީގައި ހިނގަމުންދާ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރަން އ.ދއިން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި، ސުލްޙަ ބަލަހައްޓާ ބައިނަލްއަޤުވާމީ ފައުޖެއް އެ ޤައުމަށް ފޮނުވަން އ.ދގެ އޮފިޝަލުން ވަނީ އ.ދގެ ސަލާމަތީ މަޖިލީހަށް ހުށަހަޅާފައެވެ.