ސިޔާސީ

މަޝްވަރާތަކުގައި ބޭރުގެ އެހީ ހޯދަން ނިންމަވައިފި


ސަރުކާރުން އިސްނަންގަވައިގެން ފަށްޓަވާފައިވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާއަށް އިދިކޮޅު އެމްޑީޕީ އާއި އަދާލަތު ޕާޓީ މިއަދު ވެސް ވަޑައިގެންފައިނުވާތީ ބައިނަލްއަޤްވާމީ ފަރާތްތަކާއި ވާހަކަ ދައްކައިގެން އެޕާޓީތަކުންވެސް މަޝްވަރާއަށް ވަޑައިގަންނަވާނެކަމުގެ އުއްމީދު އެބައޮތްކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ. ސަރުކާރުގެ ފަރާތުން މިކަން ހާމަކުރެއްވީ މަޝްވަރާގެ ދެވަނަ ބައްދަލުވުން ނިންމަވާލެއްވުމަށްފަހު މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގަންނަވާ ސަރުކާރުގެ އެންމެ އިސް މަންދޫބް ފިޝަރީޒް މިނިސްޓަރ ޑރ.މުޙައްމަދު ޝައިނީއެވެ. 

ސަރުކާރުން އިސްނަންގަވައިގެން ސިޔާސީ ޕާޓީތަކާއެކު ފައްޓަވައިފައިވާ މަޝްވަރާތަކުގެ ފުރަތަމަ ބައްދަލުވުމަށް އިދިކޮޅުއެމްޑީޕީއާއި އަދާލަތު ޕާޓީން ވަޑައިގެންފައިނުވާއިރު، މިއަދު ބޭއްވެވި ދެވަނަ ބައްދަލުވުމަށްވެސް އެޕާޓީތަކުން ވަޑައިގެންފައެއް ނުވެއެވެ. މަޝްވަރާގެ މޭޒަށް މިއަދުވެސް ވަޑައިގެންފައި ވަނީ ސަރުކާރުން ދައުވަތު އަރުއްވާފައިވާ ހަ ސިޔާސީ ޕާޓީގެ ތެރެއިން ޕީޕީއެމާއި އެމްޑީއޭއާ  ޖުމްހޫރީ ޕާޓީއާއި  ޑީއާރުޕީއެވެ. މަޝްވަރާއަށް އިދިކޮޅު އެމްޑީޕީ އާއި އަދާލަތު ޕާޓީ މިއަދުވެސް ވަޑައިގެންފައި ނުވާތީ މަޝްވަރާތައް ކުރިއަށް ނުގެންދެވިފައެއްނުވެއެވެ. މަޝްވަރާތަކުގައި ސަރުކާރުގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވާ ފިޝަރީޒް މިނިސްޓަރ ޑރ.މުޙައްމަދު ޝައިނީ ވިދާޅުވީ، މަޝްވަރާތަކުގައި އެމްޑީޕީ އާއި އަދާލަތު ޕާޓީ ބައިވެރިކުރަން ބައިނަލްއަޤުވާމީ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރައްވާނެކަމަށެވެ. މިނިސްޓަރ ވިދާޅުވީ ކުރިއަށް އޮތީ ހަފްތާ ބަންދުކަމަށްވާތީ ދެންމަޝްވަރާ ބައްދަލުވުން ބާއްވަވާނީ ހަފްތާ ބަންދަށް ފަހުކަމަށެވެ. އަދި އެ ބައްދަލުވުމެއް ބާއްވާނީ ބޭރުގެ އެހީއާއެކު، ދެ ޕާޓީ މަޝްވަރާގައި ބައިވެރިކުރަން ބާރުއެޅުމަށް ފަހު ކަމަށް ޑރ.ޝައިނީ ވިދާޅުވިއެވެ. އެމްޑީޕީ މަޝްވަރާތަކުގައި ބައިވެރިވާނީ ސިޔާސީ ކުށްވެރިންކަމަށް އެޕާޓިން ބުނާފަރާތްތައް ދޫކޮށްލުމުންކަމަށެވެ. ނަމަވެސް މަޝްވަރާތަކުގައި ބައިވެރިނުވާ ވަކި ސަބަބެއް އަދާލަތު ޕާޓީން ހާމަކޮށްފައި ނުވާކަމަށް ޝައިނީ ވިދާޅުވިއެވެ. 

މިއަދުގެ ބައްދަލުވުމަށްފަހު މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ޖުމްހޫރީ ޕާޓިގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވީ، ސަރުކާރުން ރައްޔިތުންނަށް ފައިދާވާ ގޮތަށް ކުރާ ކޮންމެ ކަމެއްގައި ޖުމްހޫރީ ޕާޓީން ބައިވެރިވެ އެއްބާރުލުން ދެއްވާނެ ކަމަށާއި، ބައްދަލުވުމަށް ސަރުކާރާއި އެއްގޮތަށް އެޕާޓީގެ އެއްވެސް ޝަރުތެއް ހުށަނާޅުއްވާނެކަމަށެވެ.  ޖުމްހޫރީ ޕާޓީ ސަރުކާރު ކޯލިޝަންގައި މިހާރު ނުހިމެނުނަސް، ރަނގަޅަށް ކުރާ ކަންތައްތަކަށް އަބަދުވެސް އެއްބާރުލުން ދެއްވާނެކަމަށް ޤާސިމް ވިދާޅުވިއެވެ.

 ސިޔާސީ ޕާޓީތަކާއިއެކު މަޝްވަރާތައް ފެއްޓެވުމަށް ރައީސް ޢަބްދުﷲ ޔާމީން ނިންމެވީ ދިވެހިރާއްޖެ ތަރައްޤީކުރެއްވުމަށާއި ޤައުމު ބިނާކުރެއްވުމަށް ކުރައްވާ މަސައްކަތް ހަލުވިކުރައްވައި، ރައްޔިތުންގެ އެއްބައިވަންތަކަށް އިތުރުކުރެއްވުމަށް ކަމަށް ސަރުކާރުން ހާމަކުރައްވައެވެ.