ޚަބަރު

40 އަހަރަށްވުރެ ދިގުމުއްދަތަކަށް ދައުލަތަށް ޚިދުމަތްކުރައްވާފައިވާ ޢާބިދާ އަޙްމަދު ނިޔާވެއްޖެ


ދައުލަތަށް ދިގުމުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ މ.އެންދެރިމާގޭ ޢާބިދާ އަޙްމަދު ނިޔާވެއްޖެއެވެ. އާބިދާ ނިޔާވެފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައެވެ.

އާބިދާ އަޙްމަދުވަނީ 40 އަހަރަށްވުރެ ދިގު މުއްދަތަކަށް ސަރުކާރަށް ޚިދުމަތް ކުރައްވާފައެވެ. 1978 ވަނަ އަހަރު އެންމެ ފުރަތަމަ ވަޒީފައަށް ނުކުންނެވީ މުލީއާގޭގެ މެއިޑެއްގެ ވަޒީފާއިންނެވެ. 4 އަހަރަށްފަހު މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީގެ ޓެލެފޯން އޮޕަރޭޓަރެއްގެ ވަޒީފާއަށް ބަދަލުވިއެވެ. އެއަށްފަހު 1985 ވަނަ އަހަރު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއަށް ވެންނެވުމަށްފަހު މިވީ މުއްދަތުގެ ތެރޭގައި ޢާބިދާ ވަޒީފާ އަދާކުރައްވަމުން ގެންދެވީ އެމިނިސްޓްރީގައެވެ. އެގޮތުން ޢާބިދާ ފޮރިން މިނިސްޓްރީގައި ފުރުއްވައިފައިވާ މަގާމުތަކުގެ ތެރޭގައި، 2 ނަންބަރު ކާތިބާ ކަމުގެ އިތުރުން، ސީނިއަރ ކްލާކް ކަމާއި، އެސިސްޓެންޓް ސެކްރެޓަރީ ކަމާއި، ސެކްރެޓަރީ ކަމާއި، އެސިސްޓެންޓް ޑެސްކް އޮފިސަރ ކަމާއި، ޑެސްކް އޮފިސަރ ކަމާއި، ސީނިއަރ ޑެސްކް އޮފިސަރުކަން ހިމެނެއެވެ.

އާބިދާވަނީ ފޮރިން މިނިސްޓްރީގެ އިދާރީ ހިންގުމާބެހޭ ސެކްޝަނާއި އިތުރު ޑިޕާޓްމަންޓްތަކުގައިވެސް މަސައްކަތްކުރައްވާފައެވެ. އެގޮތުން ރާއްޖެއާއި ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވާ ޤައުމުތަކުން ދިވެހިރާއްޖެއަށް ޒިޔާރަތް ކުރައްވާ އެޤައުމުތަކުގެ ދައުލަތްތަކުގެ އިސްވެރިންގެ ޕްރޮޓޮކޯލް އަދި މެހްމާންދާރީ އަދާކުރެއްވުމުގައި ޢާބިދާވަނީ މުހިއްމު ދައުރެއް އަދާކުރައްވާފައެވެ.

ޢާބިދާ ނިޔާވުމާއި ގުޅިގެން މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު ވިދާޅުވީ ވަކިވެގެން ދިޔައީ ރާއްޖޭގެ ޚާރިޖީ ޓީމުގެ މުހިއްމު ތަނބެއްކަމަށެވެ. އަދި ޢާބިދާގެ ހަނދާން ފޮރިން މިނިސްޓްރީގެ މުވައްޒަފުންގެ ހިތްތަކުން ފިލައިގެން ނުދާނެ ކަމަށް ފޮރިން މިނިސްޓަރވަނީ ވިދާޅުވެފައެވެ.

ދައުލަތަށް ދިގު މުއްދަތެއްގައި އިޚްލާޞްތެރި މަސައްކަތްޕުޅުތަކެއް ކުރައްވައިފައިވާ ޢާބިދާއަކީ ޚާރިޖިއްޔާއާއި އަލަށް ގުޅޭ މުވައްޒަފުން މަސައްކަތުގެ މާޙައުލަށް އަހުލުވެރިކުރުވާ ޚާރިޖީ ޚިދުމަތުގެ ތާރީޚު މިހާރުގެ މުވައްޒަފުންނަށް ފޯރުކޮށްދެއްވުމުގައި އިސްދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ.

ޢާބިދާގެ ޚިދުމަތްތަކުގެ އަގުވަޒަންކޮށް ސަރުކާރުންވަނީ 2021 ވަނަ އަހަރު ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތްކުރުމުގެ އިނާމް ޢާބިދާއަށް ދެއްވާފައެވެ.

އާބިދާ ނިޔާވިއިރު ޢުމުރުފުޅަކީ 66 އަހަރެވެ.