އިންޑިއަން ޕްރިމިއަރ ލީގު (އައިޕީއެލް) ކްރިކެޓް މުބާރާތުގައި ރާޖަސްތާން ރޯޔަލްސްއާ ދެކޮޅަށް ކުޅުނު މެޗު އެންމެ ފަހު ބޯޅައިން ސަންރައިޒާސް ހައިދްރަބާދް ކާމިޔާބުކޮށްފިއެވެ.
މިމެޗް އެޓީމް ކާމިޔާބުކުރީ ހަތަރު ވިކެޓުންނެވެ. ޖައިޕޫރުގެ ސަވާއި މާންސިންގ ސްޓޭޑިއަމްގައި ކުޅުނު މިމެޗްގެ ޓޮސް ދިމާވުމުން ރާޖަސްތާން ރޯޔަލްސް އިން ނިންމީ އެންމެ ފުރަތަމަ ބެޓް ކުރާށެވެ. އެގޮތުން އެޓީމުން ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި 2 ކުޅުންތެރިން ނުބައިވެގެންވަނީ 214 ލަނޑު ހަދާފައެވެ. އެޓީމަށް އެންމެ ރަނގަޅަށް ކުޅެފައިވަނީ 95 ލަނޑު ހަދާދިން ޖޮސް ބަޓްލަރއެވެ. އަދި ކެޕްޓަން ސަންޖޫ ސެމްސަންވަނީ 66 ލަނޑު ހަދާދީފައެވެ. މިއިނިންގްސްގައި ސަންރައިޒަރސް ހައިދްރަބާދުން އެންމެ ރަނގަޅަށް އުކާފައިވަނީ ހަތަރު އޯވަރު 44 ލަނޑަށް ވިކެޓް ނަގާދިން ދެ ކުޅުންތެރިން ކަމަށްވާ މާކޯ ޖެންސެން އާއި ބުވްނޭޝްވަރު ކުމާރެވެ.
ޖަވާބުގައި ސަންރައިޒަރސް ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން 217 ލަނޑު ހަދާ މެޗް ކާމިޔާބުކުރިއެވެ. މިމެޗްގެ ފަހު އޯވަރުގެ ފަހު ބޯޅައަށް ވީއިރު ސަންރައިޒަރސްއަށް މޮޅުވާން ފަސް ލަނޑު ހަދަން އޮތެވެ. އަދި ސަންދީޕް ޝަރްމާ އެއްލި ފަހު ބޯޅަ ހިފުމާއެކު މިމެޗުން ރާޖަސްތާން ރޯޔަލްސް މޮޅުވީކަމަށް އެންމެންނަށް ގަބޫލް ކުރެވުނު ނަމަވެސް އެބޯޅަ ނޯބޯލްއަކަށްވެ ސަންރައިޒަރސްއަށް އިތުރު ފުރުސަތެއް ލިބުނެވެ. އެގޮތުން ލިބުނު ފަހު ފުރުސަތުގައި އަބްދުލް ސަމަދު ހަޔަކަށް ޖަހާ މިމެޗުން ސަންރައިޒަރސް މޮޅުކޮށްދިނެވެ. މިއިނިންގްސްގައި ރޯޔަލްސްއަށް އެންމެ ރަނގަޅަށް އުކާފައިވަނީ ހަތަރު އޯވަރު 29 ލަނޑަށް ހަތަރު ވިކެޓް ނަގާދިން ޔުޑްވެންޑްރަ ޗަހާލްއެވެ.
ސަންރައިޒަރސް މިހާރުއުޅެނީ އަށް ޕޮއިންޓާއެކު ތާވަލްގެ 9 ވަނައިގައެވެ. އަދި ރާޖަސްތާން ރޯޔަލްސް މިނާކާމިޔާބީއާއެކު އުޅެނީ 10 ޕޮއިންޓާއެކު ތާވަލްގެ ހަތަރުވަނައިގައެވެ.