ވިޔަފާރި

މޯބައިލް ޕޯޓަބިލިޓީގެ ޚިދުމަތް ރާއްޖެއަށް ތައާރަފްކޮށްފި


މޯބައިލް ފޯނުގެ ނަންބަރު ބަދަލުނުކޮށް، ޚިދުމަތް ހޯދާ ނެޓްވޯކް ބަދަލުކުރެވޭ ޚިދުމަތް ރާއްޖެއަށް ތައާރަފްކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު ހޮޓެލް ޖެން ގައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި މި ޚިދުމަތް ރާއްޖެއަށް ރަސްމީކޮށް އިފްތިތާޙް ކޮށްދެވީ މިނިސްޓަރ އޮފް ހޯމް އެެފެއަޒް އުމަރު ނަސީރެވެ.

މޯބައިލް ފޯނުގެ ނަންބަރު ބަދަލުނުކޮށް،ޚިދުމަތް ހޯދާ ނެޓްވޯކް ބަދަލްކުރުމުގެ ޚިދުމަތް ނުވަތަ "މޯބައިލް ޕޯޓަބިލިޓީ'ގެ ޚިދުމަތް މިއަދު ރާއްޖެއަށް ތައާރަފްކޮށްފައިވީ ނަމަވެސް މި ޚިދުމަތަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައިވަނީ މިމަހުގެ 10 ވަނަ ދުވަހުން ފެށިގެންނެވެ.

މި ޚިދުމަތާއި އެކު އުރީދޫގެ ކަސްޓަމަރަކަށް ނަމްބަރު ބަދަލުނުކޮށް ދިރާގުގެ ކަސްޓަމަރަކަށް ވުމުގެ އިޙްތިޔާރު ލިބިގެންދާނެއެވެ. އަދި ދިރާގުގެ ކަސްޓަމަރުންނަށްވެސް ނަމްބަރު ބަދަލު ނުކޮށް އުރީދޫގެ ކަސްޓަމަރަކަށް ބަދަލްވުމުގެ އިޚްތިޔާރު ލިބިގެންދާނެއެވެ.

މޯބައިލް ޕޯޓަބިލިޓީގެ ޚިދުމަތް ރަސްމީކޮށް ރާއްޖެއަށް އިފްތިތާޙް ކޮށްދެވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ މިއަދަކީ ވަރަށްވެސް ތާރީޚީ ދުވަހެއް ކަމަށެވެ. އަދި މި ޚިދުމަތަކީ މި ސަރަޙައްްދުގެ ވަރަށް މަދު ޤައުމެއްގައި ލިބެން ހުންނަ ޚިދުމަތެއް ކަމަށާއި ރާއްޖެއަށް މި ޚިދުމަތް ތައާރަފްވެގެން ދިއުމަކީ ރާއްޖެއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ކޮމިއުނިކޭޝަން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހުމަދު ވިދާޅުވީ މޯބައިލް ޕޯޓަބިލިޓީގެ ހިދުމަތަށް 200 ރުފިޔާގެ ފީއެއް ނަގާނެ ކަމަށާއި އެ ހިދުމަތަށް އެދޭތާ ދެ ދުވަހުގެ ތެރޭގައި ނެޓްވޯކުގެ ހިދުމަތް ލިބެންފަށާނެކަމަށެވެ.

މޯބައިލް ޕޯޓަބިލިޓީގެ ޚިދުމަތް ރާއްޖެއަށް ތަޢާރަފްކުރުމުގެ މަޝްރޫއަށް ދިރާގު އަދި އުރީދޫން ވަނީ 46.2 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވެއެވެ.