ޔަހޫދީ އަސްކަރިއްޔާއިން ފަލަސްޠީނުގެ ބިންތަކަށް އަރައި ހިންގި ލާއިންސާނީ އުދުވާންތަކެއްގައި ޝަހީދުކޮށްލާފައިވާ ފަލަސްޠީނުގެ ދެ މީހެއްގެ ޖަނާޒާގައި އެތަކެއް ސަތޭކަ ބަޔަކު ބައިވެރިވެއްޖެއެވެ. ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ވަނީ ފަލަސްޠީނުގެ ދެ މީހަކު ޝަހީދުކޮށްލާފައިވާ ކަން ކަށަވަރުކޮށްދީފައެވެ. ބަޑީގެ ޙަމަލާތަކެއްގައި ޝަހީދުކޮށްލާފައިވާ ދެ މީހެއްގެ ހަށިގަނޑު ތުލްކަރްމުގައި ހުންނަ ސަރުކާރު ހޮސްޕިޓަލަކަށް ގެންގޮސްފައިވާ ކަމުގައި އެ ވުޒާރާއިން ކަށަވަރުކޮށްދެއެވެ.
ފަލަސްޠީނުގެ މިނިވަން ކަމުގެ ދިފާޢުގައި ޖިހާދުކުރާ ޖަމާޢަތެއް ކަމުގައިވާ އަލް-އަޤްޞާ މާޓިޔަރސް ބްރިގޭޑުން ބުނީ ޔަހޫދީ އަސްކަރިއްޔާގެ ޓެރެރިސްޓު ސިފައިން ހިންގި ލާއިންސާނީ އުދުވާންތަކުގައި ޝަހީދުކޮށްލާފައި ވަނީ އެ ޖަމާޢަތުގެ ތުލްކަރްމު ބްރިގޭޑަށް ނިސްބަތްވާ ދެ މުޖާހިދުން ކަމުގައެވެ. އަލް-އަޤްޞާ މާޓިޔަރސް ބްރިގޭޑަކީ ފަލަސްޠީނުގައި ވެރިކަން ކުރާ ފަތަޙަ ޖަމާޢަތުގެ ހަތިޔާރު އެޅި ގޮތްޕެވެ. ޔަހޫދީންގެ ޙަމަލާތަކުގައި ޝަހީދުކޮށްލާފައި ވަނީ ހަމްޒާ ޚްރެވިޝާއި ސާމިރު އަލް-ޝާފިޢީ ކަމަށް އެ ޖަމާޢަތުން ބުނެއެވެ.
ޔަހޫދީ އިސްރާޢީލުން ބުނީ ޝަހީދުކޮށްލާފައިވާ ދެ މީހުންނަކީ ފަލަސްޠީނުގެ ބިންތަކުގައި ދިރިއުޅޭ އިސްރާޢީލުގެ ވަޒަންވެރިންތަކަކަށް ޙަމަލާ ދިނުމުގައި ބައިވެރިވި ދެ މީހުން ކަމުގައެވެ. އެ ދެ މީހުން މޭ މަހުގެ 2 ވަނަ ދުވަހު ޙަމަލާދީފައި ވަނީ އެވްނޭއީ ހެފްތްޒް ކިޔާ ސަރަޙައްދެއްގައި ދިރިއުޅޭ ޔަހޫދީ ވަޒަންވެރިންނަށް ކަމުގައި ވެސް އިސްރާޢީލުގެ އަސްކަރިއްޔާއިން ބުންޏެވެ. އެވްނޭއީ ހެފްތްޒަކީ، ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް އިސްރާޢީލުން ޔަހޫދީ ވަޒަންވެރިން އާބާދުކޮށްގެން ގެންގުޅޭ ސަރަޙައްދެކެވެ. އެ ތަނުގައި ދިރިއުޅޭ ރައްޔިތުންނަށް އަމާޒުކޮށް ދިން ޙަމަލާތަކުގައި އެކަކު ޒަޚަމުވި ކަމުގައި ވެސް އިސްރާޢީލުން ބުނެއެވެ.
ޔަހޫދީ އިސްރާޢީލުގެ ޖައްބާރު ސިފައިން ފަލަސްޠީނުގެ ބިންތަކަށް އަރައި މި އަހަރުގެ ތެރޭގައި ޝަހީދުކޮށްލާފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ ޢަދަދު މިހާރު ވަނީ 108 އަށް އަރާފައެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ ޢާންމުން ހިމެނޭއިރު، އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނާއި ކުދަކުދިން ވެސް ވަނީ ޔަހޫދީ ޓެރެރިސްޓު ސިފައިންގެ ޝިކާރައަކަށްވެފައެވެ.