ޗާލްސް ފިލިޕް އާތަރ ޖޯޖް އުފަންވެ ވަޑައިގަތީ 1948 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 14 ވަނަ ދުވަހު އިނގިރޭސި ޝާހީ ގަނޑުވަރުގައެވެ. އެއީ ކާފާފުޅު ރަސްގެފާނު ޖޯޖް ހަވަނައިގެ ރަސްކަމުގެ 12 ވަނަ އަހަރެވެ. ރަސްގެފާނު ޗާލްސް ތިންވަނަ އިނގިރޭސި ރަސްކަމަށް އިސްވެ ވަޑައިގަތީ މަންމާފުޅު ރާނީ އެލިޒަބަތް ދެވަނަ އަވަހާރަވުމާ ގުޅިގެންނެވެ. އެއީ 2022 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 8 ވަނަ ދުވަހެވެ.
ރާނީ އެލަޒަބަތު ދެވަނަ އިނގިރޭސި ތަޚުތައް އިސް ކުރެވުނީ 1952 ވަނަ އަހަރުއެވެ. އެއީ، ޗާލްސްގެ އުމުރުފުޅުން އެންމެ ތިން އަހަރުގައެވެ. އަދި، އެންމެ ތުއްޕުޅު ދުވަހުން ފެށިގެން ވެސް ރާނީ ގެންދެވީ ޗާލްސް ވެރިކަން ކުރައްވާނެ ދުވަހަކަށް އޭނާ ތައްޔާރު ކުރައްވަމުންނެވެ. މިއަދު ރަސްގެފާނު ޗާލްސް މިވަނީ އިނގިރޭސި ވިލާތާއި ކޮމަންވެލްތުގެ 14 ސަރަޙައްދުގެ ރަސްކަމުގެ ތަޚުތައް ވެޑުވާފައެވެ. ރަސްގެފާނަށް ތަޚުތުގައި އިށީނދެ ވަޑައިގެންނެވުމުގެ ފުރުޞަތު ލިބިވަޑައިގަތީ 70 އަހަރުގެ ދިގު އިންތިޒާރަކަށް ފަހުއެވެ.
ރަސްގެފާނުގެ މަޤާމާ ހަވާލުވެ ވަޑައިގަތުމުގެ ކުރިން ޗާލްސްގެ ލަގަބަކީ ޕްރިންސް އޮފް ވޭލްސްއެވެ. ޕްރިންސް އޮފް ވޭލްސްގެ ޝާހީ ޒިންމާތަކުގެ އިތުރުން ޗާލްސްއަކީ އިޖުތިމާޢީ ދާއިރާއިން ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ފާއިތުވި 40 ވަރަކަށް އަހަރުގެ ތެރޭގައި ރަސްގެފާނު ޗާލްސް ވަނީ އިޖުތިމާޢީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް 20 އަށްވުރެ ޗެރިޓީ އުފައްދަވާފައެވެ. އޭގެ ތެރޭގައި "ދަ ޕްރިންސަސް ޓްރަސްޓް،" "ދަ ޕްރިންސަސް ފައުންޑޭޝަން،" އަދި "ދަ ޕްރިންސް އޮފް ވޭލްސް ޗެރިޓެބްލް ފަންޑް" ހިމެނެއެވެ.
މީގެ އިތުރުން، އިޖުތިމާޢީ ދާއިރާ ކުރިއެރުވުމުގައި ހަރަކާތްތެރިވާ ބައިނަލްއަޤުވާމީ ގިނަ ޖަމުޢިއްޔާ އަދި ޖަމާޢަތްތަކާ އެކު ރަސްގެފާނު ޗާލްސް ވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ. ރަސްގެފާނު އެހީތެރިކަން ފޯރުކޮށްދެއްވުމަށް އެންމެ އިސްކަމެއް ދެއްވާފައި ވަނީ ތިމާވެއްޓާއި، ރަށްފުށު ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުންނަށް އެހީތެރިވުމާއި، ޞިއްޙީ، ފަންނުވެރިކަން އަދި ތަޢުލީމީ ދާއިރާ ކުރިއެރުވުމަށެވެ.
ޕްރިންސް އޮފް ވޭލްސްއަކީ ރާނީ އެލިބަޒަތު ދެވަނައާއި ޑޫކް އޮފް އެޑިންބްރާ ޕްރިންސް ފިލިޕްގެ ދޮށީ ދަރިކަލުންނެވެ. މަންމާފުޅު ރާނީ އެލިޒަބަތަށް ރަސްކަން ލިބިވަޑައިގަތީ އުމުރުން 25 އަހަރުފުޅުގައި ރަސްގެފާނު ޗާލްސްގެ ކާފާފުޅު ރަސްގެފާނު ޖޯޖް ހަވަނަ އަވަހާރަވުމާ ގުޅިގެންނެވެ. ރަސްގެފާނު ޖޯޖް އަވަހާރަވީ އުމުރުފުޅުން 55 އަހަރުގައި 1952 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 6 ވަނަ ދުވަހުއެވެ. މަންމާފުޅު ރާނީ އެލިބަޒަތް އިނގިރޭސި ތަޚުތައް ވަޑުވާފައި ވަނީ ރަސްގެފާނު ޗާލްސްގެ އުމުރުފުޅުން އެންމެ 4 އަހަރުގައެވެ.
މަންމާފުޅަށް ރަސްކަން ލިބިވަޑައިގަތުމާ އެކު ޗާލްސްއަށް ވަލީއަޙުދުގެ މަޤާމު ލިބިވަޑައިގަތެވެ. ލަގަބަކީ ޑޫކް އޮފް ކޯންވޯލްއެވެ. ސްކޮޓްލެންޑުގައި ޑޫކް އޮފް ރޮތްސޭއާއި އަރލް އޮފް ކެރިކާއި ބެރޮން ރެންފްރޫ އަދި ލޯދް އޮފް ދަ އައިލްސްގެ ލަގަބެވެ. އަދި ، ޕްރިންސް އެންޑް ގްރެއިޓް ސްޓުވާޑް އޮފް ސްކޮޓްލެންޑުގެ ލަގަބުފުޅެވެ.
ޝާހީ ޢާއިލާގެ ގިނަ ބޭބޭފުޅުންނާ ޚިލާފަށް ޗާލްސް ތަޢުލީމު ހާސިލުކުރައްވާފައި ވަނީ މަދަރުސާތަކުގައެވެ. ތަޢުލީމީ ހަޔާތް ފެއްޓެވީ ލަންޑަނުގެ ހުޅަނގުގައި ހުންނަ ހިލް ހައުސް ސްކޫލްގައި 1956 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 7 ވަނަ ދުވަހުއެވެ. އެއަށްފަހު ސްކޮޓްލެންޑުގެ ގޯޑެންސްޓޫން ސްކޫލާއި، އޮސްޓްރޭލިޔާގެ މެލްބަންގައި ހުންނަ ގީލޮންގް ޗަރޗް އޮފް އިންގްލެންޑް ގްރެމަރ ސްކޫލްގައި ތަޢުލީމު ހާސިލުކުރެއްވިއެވެ. ޗާލްސް މަތީ ތަޢުލީމު ފެއްޓެވީ ކެމްބްރިޖް ޔުނިވަރިސިޓީގެ ޓްރިނިޓީ ކޮލެޖުން އާކިއޮލޮޖީއާއި އެންތްރޮޕޮލޮޖީގެ ދާއިރާއިންނެވެ. އަދި، އެއަށްފަހު ތާރީޚީ ދާއިރާއިން މަތީ ތަޢުލީމު އުނގެނިވަޑައިގެންނެވިއެވެ.
ޗާލްސްއަށް ޕްރިންސް އޮފް ވޭލްސްގެ ލަގަބު އަރުވާފައި ވަނީ 1969 ވަނަ އަހަރުގެ ޖުލައި މަހުގެ 1 ވަނަ ދުވަހު ބޭއްވި ކުލަގަދަ އިހުތިފާލުތަކެއްގައެވެ. އަދި، 1970 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 11 ވަނަ ދުވަހު އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެ ހައުސް އޮފް ލޯޑްސްގެ މެންބަރު ކަމުގެ މަޤާމަށް ޢައްޔަން ކުރެވުނެވެ.
ރަސްގެފާނު ޗާލްސް ވަނީ އިނގިރޭސިވިލާތުގެ އަސްކަރިއްޔާގައި ވެސް މުހިންމު ދައުރެއް އަދާކުރައްވާފައެވެ. ލިންކަންޝަޔަރގައި ހުންނަ އިނގިރޭސިވިލާތުގެ ރޯޔަލް އެއަރ ފޯސް (އާރް.އޭ.އެފް)ގެ އަސްކަރީ ވައިގެ ބަނދަރުގައި އަސްކަރީ މަތިންދާބޯޓު ދުއްވާ ޕައިލެޓެއްގެ ތަމްރީނުތައް ފައްޓަވާފައި ވަނީ 1971 ވަނަ އަހަރުގެ މާރިޗު މަހުގެ 8 ވަނަ ދުވަހުއެވެ.
އެއަށްފަހު، ބައްޕާފުޅާއި ކާފާފުޅެކޭ އެއް ގޮތަށް އިނގިރޭސިވިލާތުގެ ކަނޑުގެ ސިފައިންނާ ގުޅިވަޑައިގަތެވެ. އަދި، އިނގިރޭސިވިލާތުގެ ކަނޑުގެ ސިފައިންގެ މަނަވަރު އެޗް.އެމް.އެސް. ނޯފޯކާއި ދެ ފްރިގޭޓެއްގައި ޒިންމާތައް އަދާކުރެއްވިއެވެ. ރަސްގެފާނު ޗާލްސްއަކީ އަސްކަރީ ހެލިކޮޕްޓަރު ދުއްވަން ވެސް ފަރިތަ ބޭފުޅެކެވެ. އަދި، އެޗް.އެމް.އެސް. ހަރމިސްގެ އިތުރުން އެޗް.އެމް.އެސް. ބްރޮނިންގްޓަންގައި ވެސް ކަނޑުގެ ސިފައިންގެ އިސް މަޤާމުތަކެއް ފުރުއްވިއެވެ. އެޗް.އެމް.އެސް. ބްރޮނިންގްޓަންގައި ފުރުއްވާފައި ވަނީ އެ އުޅަނދުގެ ކޮމާންޑަރުގެ މަޤާމެވެ.
ރަސްގެފާނު ޗާލްސް އެންމެ ފުރަތަމަ ކައިވެނި ބައްލަވައިގަނެފައި ވަނީ 1981 ވަނަ އަހަރުގެ ޖުލައި މަހުގެ 29 ވަނަ ދުވަހު ލޭޑީ ޑަޔާނާ ސްޕެންސަރއާއެވެ. އެ ދެމަފިރިންނަށް ދެ ބޭފުޅުން ލިބިވަޑައިގަތެވެ. ދޮށީ ދަރިކަލުން އަދި ވަލީއަޙުދު ވިލިޔަމް އުފަންވެ ވަޑައިގަތީ 1982 ވަނަ އަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހެވެ. ހަގު ދަރިކަލުން ޕްރިންސް ހެރީ ލިބިވަޑައިގަތީ 1984 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 15 ވަނަ ދުވަހުއެވެ. ރަސްގެފާނު ޗާލްސާއި ޕްރިންސަސް ޑަޔާނާގެ ޒަވާޖީ ހަޔާތް ރޫޅިފައި ވަނީ 1996 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 28 ވަނަ ދުވަހުއެވެ.
އެއަށްފަހު ކެމިލާ ޕާކަރ ބޮވްލްސްއާއި ރަސްގެފާނު ޗާލްސް ކައިވެނި ބައްލަވައިގަތީ 2005 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 9 ވަނަ ދުވަހުއެވެ. ކައިވެނި ބައްލަވައިގަތުމާ އެކު ކެމިލާއަށް ވަނީ ޑަޗަސް އޮފް ކޯންވޯލްގެ ލަގަބު އަރުވާފައެވެ. މިހާރު އެ ކަމަނާ އަކީ ރާނީ ކެމިލާއެވެ.
ވަލީއަޙުދުގެ ހައިސިއްޔަތުން ޗާލްސް ވަނީ ރާނީ އެލިޒަބަތަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. އެންމެ ބޮޑު އިސްކަމެއް ދެއްވާފައި ވަނީ ޤައުމިއްޔަތާއި އެއްބައިވަންތަ ކަން ދެމެހެއްޓުމާއި ކޮމަންވެލްތުގެ މެންބަރުން އެކަތިގަނޑަކަށް ހެއްދެވުމަށެވެ. އަދި، ހަމަޖެހުމާއި ސުލްޙަމަސަލަސް ކަން ކުރިއެރުވުމަށެވެ. އަދި، އިނގިރޭސިވިލާތުގެ އަސްކަރިއްޔާ ކުރިއެރުވުމަށް ރަސްގެފާނު ޗާލްސް ވަނީ ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައެވެ.
މީގެ އިތުރުން އިނގިރޭސިވިލާތާއި ބޭރު ދުނިޔެއާ ދެމެދު އޮތް ޚާރިޖީ ގުޅުންތައް އިތުރަށް ބަދަހިކުރެއްވުމަށް ރަސްގެފާނު ޗާލްސް ވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އިނގިރޭސިވިލާތުގެ ޚާރިޖީ ވުޒާރާގެ އެދުމުގެ މަތިން ކޮންމެ އަހަރަކު ވެސް އެ މަނިކުފާނު ވަނީ ބޭރު ޤައުމުތަކަށް ޒިޔާރަތް ކުރައްވާފައެވެ.
އަދި، އިނގިރޭސިވިލާތުގެ އެކި ސިނާޢަތްތައް ކުރިއަރުވަން ވެސް ރަސްގެފާނު ޗާލްސް ވަނީ ވަލީއަޙުދުގެ ހައިސިއްޔަތުން ރާނީއަށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވާފައެވެ. އެންމެ ބޮޑު އިސްކަމެއް ދެއްވާފައިވާ އެއް ދާއިރާއަކީ، ރަށްފުށު ސަރަޙައްދުތަކުގައި ދަނޑުވެރިކަން ކުރާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެއްވުމެވެ. އަދި، އެކި ދީންތަކުގެ މީހުންގެ މެދުގައި ހަމަޖެހުމާއި އެއްބައިވަންތަ ކަން ކުރިއަރުވަން ވެސް މަސައްކަތްޕުޅު ކުރެއްވިއެވެ.
ދެމެހެއްޓެނިވި ތަރައްޤީއަކީ ވެސް ރަސްގެފާނު ޗާލްސް އިސްކަންދެއްވާ އެއް ދާއިރާއެވެ. ދެމެހެއްޓެނިވި ކުރިމަގެއް ބައްޓަން ކުރައްވަން އެ މަނިކުފާނު ވަނީ 50 އަށްވުރެ ގިނަ އަހަރު ޚިދުމަތް ކުރައްވާފައެވެ. ތިމާވެށި ހިމާޔަތްކުރުމާއި، މޫސުމީ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމާއި، ގަސްކެނޑުން މަދުކުރުމާއި، ކަނޑު ތަޣައްޔަރުވުމާ ދެކޮޅަށް އޭނާ މަސައްކަތްޕުޅު ކުރެއްވިއެވެ.