ޚަބަރު

ފުރަތަމަ ފަހަރަށް ކޮރޮނޭޝަން ޙަފްލާގައި ބައިވެރިވެ ދިވެހި ޢަސްކަރިއްޔާ ކޮމަންވެލްތުގެ ތާރީޚުގެ ތެރެއަށް


އިނގިރޭސި ތަޚުތަށް ޗާލްސް 3 ވަނަ ވެޑުވުމުގެ ރަސްމިއްޔާތުގެ ޚާއްޞަ ޕެރޭޑުގައި ދިވެހި ޢަސްކަރިއްޔާގެ ވަފުދެއް ފުރަތަމަ ފަހަރަށް ބައިވެރިވެއްޖެއެވެ.

މުޅި ދުނިޔޭގެ ސަމާލުކަން ވެސް މިއަދު ހުއްޓިފައިވާ މިތާރީޚީ ރަސްމިއްޔާތުގައި ދިވެހި އަސްކަރިއްޔާއިން ބައިވެރިވެވަޑައިގެން، ދިވެހި ރާއްޖެ ތަމްސީލުކުރެއްވުމަކީ މުޅި ޤައުމަށް ލިބުނު ޝަރަފެއްގެ ގޮތުގައި ދިވެހި އަސްކަރިއްޔާއިން ސިފަކުރައްވައެވެ.
ކޮމަންވެލްތަށް ނިސްބަތްވާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ 40 ޤައުމަކާއި ސަރަޙައްދަކުން މި ރަސްމިއްޔާތުގައި ޙަރަކާތްތެރިވިއެވެ. މިގޮތުން ދިވެހިރާއްޖެ ތަމްސީލުކުރެއްވުމަށް 10 އޮފިސަރުން މިރަސްމިއްޔާތުގައި ޙަރަކާތްތެރިވެވަޑައިގަތެވެ. ދިވެހި އޮފިސަރުންގެ ތެރޭގައި 3 އަންހެން އޮފިސަރުން ވެސް ހިމެނިވަޑައިގަންނަވައެވެ.

މިރަސްމިއްޔާތުގައި ބައިވެރިވި ސިފައިންގެ އޮފިސަރުންގެ ތެރެއިން ދިވެހި ޢަސްކަރިއްޔާގެ ފަރާތުން ވާހަކަދައްކަވަމުން މޭޖަރ އަޙްމަދު މުޙައްމަދު ވިދާޅުވީ ތާރީޚީ މިފަދަ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަތުމުގެ ފުރުޞަތު ލިބިވަޑައިގެން، ދިވެހި ޤައުމު ތަމްސީލުކުރެވުމަކީ ލިބިވަޑައިގެންނެވި ޝަރަފެއްކަމުގައެވެ. އަދި ކޮމަންވެލްތުގެ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އޮވެމެ، މިފަދަ ޚާއްޞަ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަތުމުގެ ފުރުޞަތު ފަހިވުމަކީ މުޅި ދިވެހި ޤައުމަށާއި ހުރިހާ ދިވެހިންނަށް ވެސް ލިބިގެންދިޔަ ޚާއްޞަ ޝަރަފެއްކަމުގައި މޭޖަރ އަޙްމަދު މުޙައްމަދު ފާހަގަކުރެއްވިއެވެ.

ކޮމަންވެލްތުގެ ޤައުމުތަކާއި ސަރަޙައްދުތަކަށް ނިސްބަތްވާ އަސްކަރިއްޔާތަކުން 400 އެއްހާ އޮފިސަރުން، ކޮމަންވެލްތު ޤައުމުތަކުގެ ވެރިޔާ، ޗާރލްސް 3 ވަނަ އިނގިރޭސި ތަޚުތަށް ވެޑުވުމުގެ ރަސްމިއްޔާތުގައި ޙަރަކާތްތެރިވެވަޑައިގަތެވެ.

ދުނިޔޭގެ އެތައް މިލިޔަން ބައެއްގެ ސަމާލުކަން ހުއްޓިފައިވާ މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ފަރާތުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ފަރާތުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ބައިވެރިވެ ވަޑައިގެންނެވިއެވެ. ފޮރިން މިނިސްޓަރ ކުރެއްވި ޓުވިޓެއްގައިވަނީ ދިވެހި ކޮންޓިންޖެންޓެއް ކޮރޮނޭޝަން އިވެންޓެއްގައި ބައިވެރިވާ ފުރަތަމަ ފަހަރު ކަމަށެވެ. އަދި ކޮމަންވެލްތުގެ އާއިލާގެ ފަޚުރުވެރި މެންބަރެއްގެ ހައިސިއްޔަތުން، އިނގިރޭސިވިލާތުގެ ތަޚުތަށް ޗާލްސް ތިނެއް ވަޑުވާ ތާރީޚީ ރަސްމިއްޔާތުގެ ޕްރޮސެޝަންގައި ޤައުމީ ދިފާޢީ ބާރުގެ ކޮންޓިންޖެންޓެއް ބައިވެރިވާކަމީ ދިވެހިރާއްޖެއަށް ލިބޭ ވަރަށް ބޮޑު ފަޚުރެއް ކަމަށް ފޮރިން މިނިސްޓަރ ވިދާޅުވެފައިވެއެވެ. ޗާލްސް ތިނަކީ ކޮމަންވެލްތުގެވެސް ހެޑްވެސް މެއެވެ.