ޚަބަރު

ހުޅުމާލޭގެ ޕޭމަންޓުމަތީގައި ގަވާއިދާއި ޚިލާފަށް ކުރާ ވިޔަފާރިތައް ހުއްޓުވަނީ


ގަވާއިދާއި ޚިލާފަށް ހުޅުމާލޭގެ ޕޭމަންޓު މަތީގައި ބަހައްޓާފައިވާ ގޮނޑިއާއި މޭޒު ނެގުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން އަންގަވައިފިއެވެ.

އެޗްޑީސީން ވިދާޅުވީ ހުޅުމާލޭގައި ހިންގުމަށް ހުއްދަދީފައިވާ ކެފޭތަކާއި، ޓޭކްއަވޭ ޝޮޕްތަކަށް ދޫކޮށްފައިވާ ހުއްދައާއި ޚިލާފަށް ޕޭމަންޓްމަތީގައި ވިޔަފާރިކުރަމުންދާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އަދި މިކަމާ ގުޅިގެން ބެލިބެލުމުން ގަވާއިދާއި ޚިލާފަށް ހުޅުމާލޭގެ 34 މަގެއްގެ ޕޭމަންޓުގައި 183 މޭޒު ބަހައްޓައި ޚިދުމަތްދެމުން އަންނަކަން ފާހަގަވެފައިވާ ކަމަށް އެޗްޑިސީން ވިދާޅުވެއެވެ. އެގޮތުން ބައެއް ކެފޭ ތަކާއި ޓޭކްއަވޭ ޝޮޕްތަކުން މަގުގެ ޕޭމަންޓުގައި ގޮނޑިއާއި، މޭޒު ބަހައްޓައި އެތަނުގައިވެސް ކެފޭ ޚިދުމަތް ދެމުން އަންނަކަން ފާހަގަކުރެވިފައިވާ އެގޮތަށް ފާހަގަކުރެވިފައިވާ ފަރާތްތަކަށް މަގުމަތިން ގޮނޑިއާއި މޭޒު ނެގުމަށް އަންގަވާފައިވާ ކަމަށް އެޗްޑީސީން ވިދާޅުވެއެވެ.


މަގުތަކަކީ ކުދި ބޮޑު އެންމެން ބޭނުންކުރާ ތަނަކަށްވާއިރު، މިގޮތަށް ޕޭމަންޓުތަކުގައި ގޮނޑި މޭޒު ބަހައްޓައި، ކެފޭ އުސޫލުން ހިންގައި އެތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ އަމަލުތައްކުރުމަކީ އޭގެ ނޭދެވޭ އަސަރު މުޅި މުޖުތަމައަށްވެސް ކުރާކަމެއް ކަމަށް އެޗްޑީސީން ވިދާޅުވެއެވެ. އެހެންކަމުން ވިޔަފާރިތަކުން އެފަދަކަންކަން ތަކުރާރު ނުކުރުމަށްވެސް އެޗްޑީސީން އިލްތިމާސްކުރައްވައެވެ.

ހުޅުމާލޭގެ މާހައުލަކީ އެންމެންނަށް ވެސް ފަސޭހަ އަދި ހިތްގައިމު މާހައުލަކަށް ހެދުމަށް އެޗްޑީސީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ހުޅުމާލޭގެ މަގުތަކަކީ ޢާއްމުންނަށް ރައްކާތެރި އަދި އުނދަގުލަކާއި ނުލާ އުޅެވޭނެ ސަރަޙައްދަކަށް ހެދުމަށް އެޗްޑީސީން ޚާއްސަ އިސްކަމެއް ދެއްވައެވެ.