ޚަބަރު

ކްރެމްލިނަށް ދިން ޑްރޯން ޙަމަލާގެ ފަހަތުގައި އޮތީ އެމެރިކާ: ރަޝިޔާ


ރަޝިޔާގެ ރިޔާސީ ގަނޑުވަރު ކްރެމްލިނަށް އަމާޒުކޮށް ދިން ޑްރޯން ޙަމަލާތަކުގެ ފަހަތުގައި އޮތީ އެމެރިކާ ކަމުގައި ރަޝިޔާއިން ތުހުމަތުކޮށްފިއެވެ. ރަޝިޔާއިން ބުނީ ކްރެމްލިނަށް އަމާޒުކޮށް ޑްރޯން ޙަމަލާތަކެއް ދީފައި ވަނީ ރައީސް ވްލަޑިމިޔަރ ޕުޓިން އަވަހާރަކޮށްލުމުގެ ނިޔަތުގައި ކަމުގައެވެ. ކްރެމްލިންގެ ސެނެޓް ޢިމާރާތުގެ މަތިން ދަތުރު ކުރަމުން ދަނިކޮށް ރަޝިޔާގެ އަސްކަރިއްޔާއިން ވަނީ އެ ދެ ޑްރޯން ވައްޓައިލާފައެވެ.

ރަޝިޔާއިން ބުނީ، ޑްރާން ޙަމަލާ ދީފައި ވަނީ ޔޫކްރެއިނުން ކަމުގައެވެ. އަދި، ޕުޓިން އަވަހާރަކޮށްލަން ރާވާފައި ވަނީ އެމެރިކާއިން ކަމުގައެވެ. މި ތުހުމަތުތަކާ ގުޅިގެން ޔޫކްރެއިނުން ވަނީ ޕުޓިން އަވަހާރަކޮށްލުމުގެ އެއްވެސް ނިޔަތެއް ނެތް ކަމުގައި ބުނެފައެވެ. އަދި، އެމެރިކާއިން ވެސް ވަނީ، އެ ޙަމަލާގައި ބައިވެރިނުވާ ކަމަށް ބުނެ، ރަޝިޔާގެ ތުހުމަތުތައް ދޮގު ކޮށްފައެވެ.

ކްރެމްލިނަށް އަމާޒުކޮށް ޑްރޯން ޙަމަލާތައް ދީފައި ވަނީ ޕުޓިން ކްރެމްލިންގައި ނެތް ވަގުތެއްގައި ނަމަވެސް، އޭނާ މިހާރު ކްރެމްލިންގައި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި އެ ތަނުން ބުންޏެވެ. "މި ފަދަ ޙަމަލާތައް ރާވަނީ ވޮޝިންގްޓަނުން. ވޮޝިންގްޓަނުން ރޭވުންތައް ނިންމުމަށް ފަހު ބުނިހާ ކޮންމެ ގޮތެއް ކީވުން ހަދާނެ. މި ކަން ރަޝިޔާއަށް އިނގޭ ކަން ވޮޝިންގްޓަނުން ދަންނަން ޖެހޭނެ،" އެމެރިކާއަށް ތުހުމަތުގެ އިނގިލި ދިއްކުރައްވައި ވާހަކަފުޅު ދައްކަވަމުން ކްރެމްލިންގެ ތަރުޖަމާނު ޑްމިޓްރީ ޕެސްކޮފް ވިދާޅުވިއެވެ.

"ޕެސްކޮފް އެ ހައްދަވަނީ ކަނޑައެޅިގެން އިތުރުފުޅެއް. އެ ކަން ވަރަށް ސާފު،" ރަޝިޔާގެ ތުހުމަތުތަކަށް ރައްދު ދެއްވަމުން ވައިޓް ހައުސްގެ ޤައުމީ ސަލާމަތާ ބެހޭ ކައުންސިލުގެ ތަރުޖަމާނު ޖޯން ކަރބީ ވިދާޅުވިއެވެ. ނަމަވެސް، ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށި ދުވަހުން ފެށިގެން ޔޫކްރެއިންގެ އަސްކަރިއްޔާއިން ނިންމާ ހުރިހާ ނިންމުމެއްގެ ފަހަތުގައި އޮތީ އެމެރިކާ ކަމުގައި ރަޝިޔާއިން ދަނީ ތުހުމަތު ކުރަމުންނެވެ. ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފަށާފައި ވަނީ 2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހުއެވެ.

ކްރެމްލިނަށް ޑްރޯން ޙަމަލާއެއް ދޭން މަސައްކަތް ކޮށްފައި މި ވަނީ ދެވަނަ ބޮޑު ހަނގުރާމައިގައި ނާޒީންގެ މައްޗަށް އެ ޤައުމުން ހޯދި ކާމިޔާބީއަށް އަހަރު ފުރޭ ދުވަސް ފާހަގަ ކުރުމުގެ އިހުތިފާލުތަކަށް ތައްޔާރުވަމުން ދިޔަ ދަނޑިވަޅެއްގައެވެ. މޭ 9 ވަނަ ދުވަހު ފާހަގަކުރާ އިހުތިފާލުތަކުގެ ތެރޭގައި އަސްކަރީ ޕެރޭޑެއް ވެސް ހިމެނެއެވެ.

ރަޝިޔާއިން ވަނީ ޑްރޯން ޙަމަލާތަކުގެ ތަހުޤީޤެއް ފަށާފައެވެ. އަދި، އެ ޙަމަލާ ދިން މަންޒަރު ފެންނަ ވީޑިޔޯތައް ކްރެމްލިނުން އަދި ޢާންމުކޮށްފައެއް ނުވެއެވެ. ނަމަވެސް، އެއް ޑްރޯން ގޮއްވައިލާ މަންޒަރު ފެންނަ ވީޑިޔޯއެއް ވަނީ ޢާންމުވެފައެވެ. އެ ވީޑިޔޯއިން ފެންނަނީ، ކްރެމްލިންގެ ސެނެޓް ޢިމާރާތާ ހަމައަށް ޑްރޯން ދަތުރުކުރާ ވަގުތު އޭތި ގޮވާ މަންޒަރެވެ. މި ހާދިސާގައި އެ ޢިމާރާތުގެ ގުއްބަށް ކޮންމެ ވެސް ވަރެއްގެ ގެއްލުންތަކެއް ލިބުނު ކަމުގައި ކްރެމްލިނުން ބުނެއެވެ.

ކްރެމްލިނަށް ޙަމަލާދިން ވަގުތު ޔޫކްރެއިނުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ހުންނެނީ ދަ ނެދަލެންޑްސްގައެވެ. ސިއްރިއްޔާގައި ޒެލެންސްކީ ދަ ހޭގަށް ކުރެއްވި މި ދަތުރުފުޅުގައި ބައިނަލްއަޤުވާމީ ޖިނާޢީ ކޯޓު (އައި.ސީ.ސީ)ގެ އިދާރާއަށް ޒިޔާރަތް ކުރެއްވިއެވެ. ބައިނަލްއަޤުވާމީ ކޯޓުގެ ވެރިރަށުގައި ހުންނަވައި ވާހަކަފުޅު ދައްކަވަމުން ޒެލެންސްކީ ވަނީ ޕުޓިންގެ މައްޗަށް ޖިނާޢީ ތަހުޤީޤެއް ހިންގަންޖެހޭ ކަމުގައި ވިދާޅުވެފައެވެ. ޔޫކްރެއިންގެ ކުޑަކުދިންތަކެއް ރަޝިޔާއަށް ވަގަށް ގެންދިޔަ ކުށުގެ ތުހުމަތުގައި އައި.ސީ.ސީން ވަނީ ޕުޓިން ހައްޔަރު ކުރުމުގެ އަމުރެއް ނެރެފައެވެ.

ކްރެމްލިނަށް އަމާޒުކޮށް ދިން ޑްރާން ޙަމަލާތަކުގެ ފަސް ވަރަކަށް ދުވަސް ކުރިން ކްރައިމިޔާގައި ދިން ނުރައްކާތެރި ޙަމަލާތަކެއްގެ ފަހަތުގައި ވަނީ ޔޫކްރެއިން ކަމުގައި ރަޝިޔާއިން ތުހުމަތު ކުރެއެވެ. ކްރައިމިޔާއަކީ 2014 ވަނަ އަހަރު ރަޝިޔާ ސިފައިން އަތްގަދަކޮށްފައިވާ ޔޫކްރެއިނުގެ ދެކުނުގައި އޮންނަ ސަރަޙައްދެކެވެ. އެ ސަރަޙައްދަށް ޔޫކްރެއިނުން ދިން ކަމަށް ބުނާ ޙަމަލާތައް އަމާޒުކޮށްފައި ވަނީ ރޭލުތަކަކަށެވެ. މި ޙަމަލާތަކުގައި ކްރައިމިޔާގައި ބޮޑެތި އަލިފާނުގެ ހާދިސާތަކެއް ހިނގާފައިވާ ކަމަށާއި، އެ ޙަމަލާތަކުގައި ވެސް ޔޫކްރެއިނުން ބޭނުންކޮށްފައި ވަނީ ޑްރޯންތަކެއް ކަމުގައި ރަޝިޔާއިން ބުނެއެވެ.