ޚަބަރު

ކޮންޓްރޯލް ގެއްލުމުން ޔޫކްރެއިނުގެ ޑްރޯނެއް ވައްޓާލައިފި


ޔޫކްރެއިނުގެ ވެރިރަށް ކީވްގެ މަތިން ދަތުރުކުރަމުން ދަނިކޮށް ކޮންޓްރޯލް ގެއްލުނު އަސްކަރީ ޑްރޯނެއް ވައްޓައިލައިފިއެވެ. ކީވްގެ އަސްކަރިއްޔާގެ އެ ޑްރޯން ވައްޓައިލާފައި ވަނީ ރަޝިޔާއިން ކީވަށް އަމާޒުކޮށް މިސައިލާއި ޑްރޯން ޙަމަލާތަކެއް ދެމުންދިޔަ ވަގުތެއްގައެވެ.

ޔޫކްރެއިނުގެ އަސްކަރިއްޔާއިން ބުނީ އެ ޤައުމުގެ އެކި އަމާޒުތަކަށް ރަޝިޔާއިން 24 ޑްރޯން ޙަމަލާ ދީފައިވާ ކަމުގައެވެ. އަދި، 75 މިސައިލް ޙަމަލާ ދީފައިވާ ކަމުގައެވެ. އޭގެ ތެރެއިން 18 ޑްރޯނެއް ވައިގެ ތެރޭގައި ދިފާޢުކޮށް ވައްޓައިލާފައިވާ ކަމުގައި ވެސް ޔޫކްރެއިނުގެ އަސްކަރިއްޔާއިން ބުނެއެވެ. ރަޝިޔާގެ މިސައިލް ޙަމަލާތައް އަމާޒުކޮށްފައިވާ ރަށްތަކުގެ ތެރޭގައި ކްރެމަޓޮރްސްކާއި ޒަޕޮރީޜިޔާ ހިމެނެއެވެ.

އަދި، ޔޫކްރެއިނުގެ އިތުރު ބިންތައް ހިފުމަށް ރަޝިޔާ ސިފައިން ހަނގުރާމައިގެ ކުރީ ސަފުގައި 50 ފަހަރެއްގެ މަތިން މަސައްކަތް ކޮށްފައިވާ ކަމުގައި ޔޫކްރެއިނުގެ އަސްކަރިއްޔާއިން ބުނެއެވެ. ނަމަވެސް، ޔޫކްރެއިންގެ މިނިވަންކަން ދިފާޢު ކުރުމަށް ހަނގުރާމަ ކުރަމުންދާ ފައުޖުތަކުން ވަނީ އެ މަސައްކަތްތައް ނާކާމިޔާބު ކޮށްލާފައެވެ.

ރަޝިޔާ ސިފައިން މިހާރު ހިފަން މަސައްކަތް ކުރަމުންދަނީ އިރުމަތީގައިވާ ޑޮނެޓްސްކުގެ ދެ ރަށް ކަމުގައިވާ ބަޚްމުތާއި މަރްޔިންކާއެވެ. ޒަޕޮރީޜިޔާގައި މޫސުން ގޯސްވެ، އެ ރަށުގައިވާ ކޯރެއް ފުރިގެން ބަންޑުންވުމުގެ ބިރު ހީވެފައިވާ ކަމުގައި އެ ރަށުގެ އޮފިޝަލުން ވިދާޅުވެއެވެ. އެ ކޯރު ފުރި، ބަންޑުންވެއްޖެ ނަމަ، އެ ސަރަޙައްދުގައި ހުންނަ ޒަޕޮރީޜިޔާ ނިއުކްލިޔަރ ހަތަކަ އުފައްދާ ޕްލާންޓަށް ގެއްލުންވާނެ ކަމަށް މީޑިޔާ ރިޕޯޓުތައް ބުނެއެވެ.

ކީވްގެ މަތިން ދަތުރުކުރަނިކޮށް ވައްޓައިލާފައިވާ ޔޫކްރެއިނުގެ ޑްރޯނަކީ، އެ ޤައުމުގެ އަސްކަރިއްޔާގެ "ބެއިރަކްޓަރް ޓީ.ބީ.2" މަރުކާގެ ޑްރޯނެއް ކަމުގައި އެ ޤައުމުން ބުނެއެވެ. އެ ޑްރޯން ވައްޓައިލަން މަޖުބޫރުވީ، އެ އުޅަނދުގެ ކޮންޓްރޯލް ގެއްލި، ޢާންމުން ދިރިއުޅޭ ޢިމާރާތަކަށް ނުވަތަ ގެއެއްގެ މައްޗަށް އެ އުޅަނދު ވެއްޓިދާނެ ކަމުގެ ބިރު އޮތުމުން ކަމުގައި ޔޫކްރެއިނުގެ އަސްކަރިއްޔާއިން ބުނެއެވެ.

އެ ޑްރޯން ވައްޓައިލިތާ ކުޑަ ވަގުތުކޮޅެއް ފަހުން ކީވްގެ ފިހާރަބަރިއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވެއެވެ. އެ ތަނުގައި އަލިފާން ރޯވެފައި ވަނީ ޑްރޯން ވެއްޓުމުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނި ނަމަވެސް، ޔޫކްރެއިނުން އެ ކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ. މި ހާދިސާގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވި ކަމުގެ ރިޕޯޓެއް ކޮށްފައެއް ނެތެވެ.