ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ބިލާވަލް ބުއްޓޫ ޒަރްދާރީ އިންޑިޔާއަށް ވަޑައިގަންނަވައިފިއެވެ. މިއީ، 2016 ވަނަ އަހަރަށް ފަހު ޕާކިސްތާން ސަރުކާރުގެ އިސް އޮފިޝަލަކު އިންޑިޔާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާ ފުރަތަމަ ފަހަރެވެ. ބުއްޓޫ އިންޑިޔާއަށް ވަޑައިގަންނަވާފައި ވަނީ އެ ޤައުމުގައި ބާއްވާ ބައިނަލްއަޤުވާމީ މަހާސިންތާއެއްގައި ބައިވެރިވެ ވަޑައިގެންނެވުމަށެވެ.
1947 ވަނަ އަހަރު ދެ ޤައުމު ބައިކުރި ފަހުން ދެކުނު އޭޝިޔާގެ އަވައްޓެރިން ކަމުގައިވާ ޕާކިސްތާނާއި އިންޑިޔާއާ ދެމެދު ތިން ތިން ފަހަރަކު ހަނގުރާމަ ހިނގާފައިވެއެވެ. ނިއުކްލިޔަރ ދެ ބާރު ކަމުގައިވާ މި ދެ ޤައުމުގެ ދެމެދުގައި ޚިޔާލުތަފާތުވުން އުފެދިފައިވާ އެންމެ ބޮޑު މައްސަލައަކީ ކަޝްމީރުގެ މިލްކުވެރިކަމާ މެދު އުފެދިފައިވާ ދެބަސްވުންތަކެވެ.
ބުއްޓޫ އިންޑިޔާއަށް ކުރައްވާ މި ދަތުރުފުޅަކީ ގޯވާގައި ބާއްވާ ޝެންގްހާއީ ކޯޕޮރޭޝަން އޮގަނައިޒޭޝަން (އެސް.ސީ.އޯ)ގެ މެންބަރު ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ. ޕާކިސްތާނާއި އިންޑިޔާގެ އިތުރުން މި ބައްދަލުވުމުގައި ދެން ބައިވެރި ވަނީ ރަޝިޔާއާއި ޗައިނާއިންނެވެ.
"މިއީ ވަރަށް އުފާވެރި ދުވަހެއް. ޕާކިސްތާނުގެ ވަފުދާ އެކު އިންޑިޔާއަށް ޒިޔާރަތް ކުރުމުގެ ފުރުޞަތު ލިބުމަކީ ވަރަށް ބޮޑު އުފާވެރިކަމެއް،" ބުއްޓޫ ވިދާޅުވިއެވެ. ނަމަވެސް، މި ދަތުރުފުޅުގައި އިންޑިޔާގެ އިސްވެރިންނާ އެކު ދޭދޭ ގުޅުންތައް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ ކަން އޭނާ ސާފުކޮށްދެއްވާފައެއް ނުވެއެވެ.
މުސްލިމުންގެ އާބާދީ ބޮޑު ކަޝްމީރުގެ މިލްކުވެރިކަމާ މެދު އުފެދިފައިވާ ދެބަސްވުންތަކުގެ ތެރެއިން 2019 ވަނަ އަހަރު އިންޑިޔާއިން ވަނީ އެ ސަރަޙައްދުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، އެ ސަރަޙައްދު ބަންދުކޮށްފައެވެ. މި ކަމާ ނުރުހުން ފާޅުކުރުމުގެ ގޮތުން ޕާކިސްތާނުން ވަނީ އިންޑިޔާއާ އެކު އޮތް ވިޔަފާރީގެ ގުޅުންތައް މެދުކަނޑައިލާފައެވެ. އަދި، ދެ ޤައުމުގެ ޚާރިޖިއްޔާގެ މުވައްޒަފުން އަނބުރާ ޤައުމަށް ގެންދިޔައެވެ.
އެ އަހަރު ދެ ޤައުމުގެ އަސްކަރިއްޔާގެ މެދުގައި ކުރިމަތިލުންތަކެއް ވެސް ހިނގިއެވެ. ކަޝްމީރާ ގުޅުން ހުރި އެ މައްސަލައިގައި ދެ ޤައުމުން ވަނީ ވައިގެ ޙަމަލާތަކެއް ބަދަލުކޮށްފައެވެ. އަދި، ޕާކިސްތާނުން ވަނީ އިންޑިޔާގެ އަސްކަރީ މަތިންދާބޯޓެއް ވައްޓައިލާފައެވެ.
ޕާކިސްތާން ސަރުކާރުގެ އިސްވެރިއަކު އެންމެ ފަހުން އިންޑިޔާއަށް ވަޑައިގަންނަވާފައި ވަނީ 2016 ވަނަ އަހަރެވެ. އެ އަހަރު އިންޑިޔާއަށް ވަޑައިގަންނަވާފައި ވަނީ ސަރްތާޖް ޢަޒީޒެވެ. އޭނާ އިންޑިޔާއަށް ޒިޔާރަތް ކުރެއްވީ ބޮޑުވަޒީރުގެ ޚާރިޖީ ދާއިރާގެ މުޝީރުގެ ހައިސިއްޔަތުންނެވެ.
މި އަހަރު އެސް.ސީ.އޯގެ ރިޔާސަތު ބަލަހައްޓަނީ އިންޑިޔާއިންނެވެ. އެސް.ސީ.އޯއަކީ އޭޝިޔާގެ މެދުތެރޭގެ ބައެއް ޤައުމުތައް ވެސް ހިމެނޭ ގޮތުން 2001 ވަނަ އަހަރު އެކުލަވައިލާފައިވާ ގުޅުމެކެވެ. އެ ގުޅުމުގެ އެންމެ މުހިންމު މަގުސަދަކީ ހުޅަނގުގެ މުވައްސަސާތަކާ ވާދަ ކުރުމެވެ.
މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލެވްރޮފް ވަޑައިގެންނެވުމުން އިންޑިޔާގެ ޚާރިޖީ ވަޒީރު އެސް. ޖައިޝަންކަރު ވަނީ އޭނާއާ ވަކިން ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމުގައި ސަރަޙައްދީ ކަންކަމުގެ އިތުރުން ބައިނަލްއަޤުވާމީ މަސްރަޙާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވާ ކަމުގައި މޮސްކޯއިން ބުނެއެވެ.
އިންޑިޔާއަކީ ރަޝިޔާގެ އިތުރުން ހުޅަނގުގެ ބާރުތަކާ އެކު ވެސް ގާތް ގުޅުމެއް ބާއްވަމުންދާ ޤައުމެކެވެ. އަދި، ޔޫކްރެއިނުގައި ރަޝިޔާއިން ފަށާފައިވާ ހަނގުރާމައާ ގުޅިގެން އިންޑިޔާއާއި ރަޝިޔާއާ ދެމެދު އޮތް ޚާރިޖީ ގުޅުމަށް ކޮންމެވެސް ވަރެއްގެ އަސަރުތަކެއް ކޮށްފައިވާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ. ހުޅަނގުގެ ބާރުތަކާ އެކު އަސްކަރީ ގުޅުންތައް އިންޑިޔާއިން ދަމަހައްޓަމުންދާއިރު، އެ ޤައުމުން ދަނީ ރަޝިޔާއާ އެކު އަސްކަރީ އަދި ތެލުގެ ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހި ކުރަމުންނެވެ.
ޖައިޝަންކަރު ވަނީ ޗައިނާގެ ޚާރިޖީ ވަޒީރު ޗިން ގަންގާ ވެސް ބައްދަލުކުރައްވާފައެވެ. ދެ ބޭފުޅުންގެ މެދުގައި މަޝްވަރާ ކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި ހިމަލަޔާ ސަރަޙައްދުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމާއި އެ ސަރަޙައްދުގެ ސުލްޙަމަސަލަސް ކަން ދެމެހެއްޓުން ހިމެނޭ ކަމުގައި ނިއު ދިއްލީން ބުނެއެވެ.