ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީގެ ބައެއް ގެތަކާއި ދަނޑު ބިންތަކުގައި ފެންބޮޑުވުމުގެ ސަބަބުން ގެއްލުންވެއްޖެއެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރެވެހުނުކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއަށް ރެކޯޑްކުރެވިފައި ވަނީ އައްޑޫ ސިޓީ ގަމާއި ހުޅުމީދުއަށެވެ. އެގޮތުން ގަމަށް 120 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. ހުޅުމީދުއަށް 113 މިލިމީޓަރުގެ ވާރޭ ވެހިފައި ވެއެވެ.
24 hours accumulated Rainfall from 4th May 2023, 08:00 to 5th May 2023, 08:00. pic.twitter.com/M3iODBHIYm
— Maldives Meteorology (@MetMaldives) May 5, 2023
ދެކުނަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީގެ ހިތަދު އާއި ފޭދޫގެ ގެތަކަށް ފެންވަދެ ވަނީ ގެއްލުންތަކެއް ލިބިފައެވެ.
ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވީ ހިތަދުއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ 16 ގެއަކަށާއި، 7 ގެއެއްގެ ދަނޑު ބިންތަކަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާކަމަށެވެ. މީގެއިތުރުން ސ.ފޭދޫގެ 8 ގެއަކަށްވެސް ފެންވަދެ ގެއްލުންވެގެން ވަނީ ރިޕޯޓްކޮށްފައެވެ. ނަމަވެސް، އެހީ ފޯރުކޮށްދެންޖެހޭ ޙާލަތަށް އެއްވެސްކަމެއް ގޮސްފައިނުވާ ކަމަށް އެންޑީއެމްއޭއިން ވިދާޅުވެއެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވެ، މުޅި ރާއްޖޭގެ ހުރިހާ ސަރަޙައްދުތަކަށް ވެސް ދަނީ ވިއްސާރަކުރަމުންނެވެ. ޚާއްޞަކޮށް މެދުރާއްޖެތެރެއާއި ދެކުނުގެ މޫސުން ގޯހެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ގެންދަވަނީ މޫސުން ގޯސްވާނެކަމަށް ލަފާކުރައްވައި، ވައިޓް އަދި ޔެލޯ އެލަރޓްތައް ވެސް ނެރެމުންނެވެ. އެގޮތުން ރޭ ދަނވަރު ޔެލޯ އެލަރޓް ނެރެފައިވާއިރު، މިއަދު ހެނދުނު ވަނީ ބޮޑު ސަރަޙައްދަކަަށް ވައިޓް އެލަރޓް ނެރެފައެވެ. އަދި ކުރިއަށް އޮތް 24 ގަޑިއިރުވެސް ދެކުނާ މެދުރާއްޖޭގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނަކަމަށް މެޓުން ވަނީ ލަފާކުރައްވާފައެވެ. ވައިޖެހެނީ 15 މޭލާއި 25 މެލާ މެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެއެވެ.
މުޅި ރާއްޖެއަށް ވެސް ކަނޑުތައް ގަދަވާނެކަމަށް ލަފާކުރައްވައިފައި ވެއެވެ. ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާއި 7 ފޫޓާއި ދެމެދުގައެވެ. އެހެންކަމުން މޫސުމަށް ޚާއްޞަ ސަމާލުކަމެއްދިނުމަށް ކަމާގުޅޭ އިދާރާތަކުން ގެންދަވަނީ އިލްތިމާސްކުރައްވަމުންނެވެ. މި ވިއްސާރައިގައި މޫސުން ގޯސްވެ ކަނޑުމަތީގެ ބައެއް ހާދިސާތައްވެސް ވޭތުވެދިޔަ ދެތިންދުވަހު ވަނީ ހިނގައިފައެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވައިފައިވާ ގޮތުގައި މި ވަގުތަށް ރާއްޖޭގެ މޫސުން ރަނގަޅުވާނެކަމަށް ލަފާކުރެވެނީ އަންނަ އަންގާރަދުވަހުއެވެ.