ނ.މާޅެންދުއާއި އދ. ދިގުރަށުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ޙަވާލުކުރައްވައިފިއެވެ.
އދ. ދިގުރަށުގެ ރަށްގިރުމުގެ މައްސަލަ ޙައްލުކުރުމަށް ރަށުގެ ގޮނޑުދޮށް ޙިމާޔަތްކޮށް، އުތުރު ފަރާތުގައި 127 މީޓަރު ބޮޑުހިލައިގެ ރިވެޓްމަންޓެއް ޤާއިމްކުރުމާއި، ބެކްފިލްކުރުމާއި، 15 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޤާއިމްކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި ރަށުގެ އިރުމަތީ ފަރާތުގައި 420 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯޓިއުބް ޖައްސައި އެސަރަޙައްދުގެ ގޮނޑުދޮށް ވެލިން މުއްސަނދިކުރުން ހިމެނެއެވެ.
މި މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކުރައްވާފައިވަނީ 150 ދުވަހުން ނިންމާގޮތަށް 12.86 މިލިއަން ރުފިޔާއަށެވެ.
އެމްޓީސީސީއާ މަސައްކަތް ހަވާލުކުރެއްވި ނ.މާޅެންދޫގައިވެސް ރަށްގިރުމުގެ މައްސަލަ ޙައްލުކުރުމަށްޓަކައި ތޮށިލައި ލަފާފުރުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމުގެގޮތުން ރަށުގެ ހުޅަނގު ފަރާތުގައި ޖެޓީ ޤާއިމްކުރެވިގެންދާނެއެވެ.
މާޅެންދޫ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުޢުގެ މަސައްކަތުގެ ދަށުން 735,9 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ހާބަރ ބޭސިން ފުންކުރުމާއި، 73 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖަހައި، 386 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖަހައި،، 175 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 47 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، މޯރިންގ ބޯއީސް ހަރުކުރުމާއި، 30 މީޓަރު ދިގު 4 މީޓަރު ފުޅާ ބްރިޖެއް ހެދުމާއި، ޖެޓީއެއް ހެދުމާއި، 928 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމަށްވެސްވަނީ ހަމަޖެހިފައެވެ.
މި މަސައްކަތް އެމް.ޓީ.ސީ.ސީއާ ހަވާލުކުރައްވައިފައިވަނީ 270 ދުވަހުން މަސައްކަތް ނިންމާގޮތަށް 34.9 މިލިއަނަށް ރުފިޔާއަށެވެ.
ނ.މާޅެންދުއާއި އދ.ދިގުރަށުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާ ޙަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ޝާނާ ފާރޫޤްއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް ޢާޒިމްއެވެ.
ރަށްގިރުމުގެ މައްސަލަ ދިވާވެފައިވާ ރަށްރަށުގެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ގެންދަވަނީ ބޮޑެތި މަޝްރޫއުތައް ހިންގަވަމުންނެވެ.