ޚަބަރު

އީރާނުން ގްރީސްގެ ތެޔޮ ޓޭންކަރެއް ހިފަހައްޓައިފި


އީރާނުން ގްރީސްގެ ތެޔޮ ޓޭންކަރެއް ހިފަހައްޓާފައިވާ ކަމުގައި އެމެރިކާއިން ބުނެފިއެވެ. އީރާނުގެ ކަނޑުގެ ސިފައިން ތެޔޮ ޓޭންކަރު ހިފަހައްޓާފައި ވަނީ ސްޓްރެއިޓް އޮފް ހޮރްމުޒް ނުވަތަ ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރަމުން ދަނިކޮށެވެ. މިއީ، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެ ސަރަޙައްދުން ދަތުރުކުރަނިކޮށް އީރާނުން ހިފަހައްޓާފައިވާ ދެވަނަ ތެޔޮ ޓޭންކަރެވެ.

އީރާނުން ހިފަހައްޓާފައި ވަނީ ގްރީސްގެ ބޯޓެއް ކަމުގައިވާ "ނިއޯވީ" އެވެ. އެ ބޯޓު ހިފަހައްޓާފައި ވަނީ އެކުވެރި ޢަރަބި ޢިމާރާތް (ޔޫ.އޭ.އީ)ގެ ޑުބާއީ ބަނދަރުން ފުރައިގެން ފުޖައިރާގެ ބަނދަރަށް ދަތުރު ކުރި މަގުމަތީގައެވެ. ބޯޓު ހިފެހެއްޓީ އީރާނުގެ އިސްލާމިކް ރިވޮލޫޝަނަރީ ގާޑްސް ކޯގެ ކަނޑުގެ ސިފައިން ކަމުގައި އެމެރިކާގެ ކަނޑުގެ ސިފައިން ބުނެއެވެ.

ބަޙްރައިންގައި ގާއިމުކޮށްފައި ތިބޭ އެމެރިކާގެ ކަނޑުގެ ސިފައިންގެ ފިފްތް ފްލީޓުން ބުނީ، ކުދި އުޅަނދުތަކެއްގައި ގޮސް އީރާނުގެ ސިފައިން ތެޔޮ ޓޭންކަރު ވަށައިލާފައިވާ ކަމުގައެވެ. އަދި، ބޯޓު އަނބުރައިލާ އީރާނުގެ ކަނޑުގެ ސަރަޙައްދަށް ގެންގޮސްފައިވާ ކަމުގައި އެމެރިކާގެ ފިފްތް ފްލީޓުން ބުނެއެވެ. އެ ބޯޓު މިހާރު އޮތީ އީރާނުގެ ބަންދަރް އައްބާސްގެ އައްސޭރިފަށުގައެވެ. އީރާނުގެ ކަނޑުގެ ސިފައިންގެ 11 އުޅަނދު ނިއޯވީ ވަށައިލާފައިވާ މަންޒަރު އެމެރިކާގެ ކަނޑުގެ ސިފައިން ޢާންމުކޮށްފައިވާ ވީޑިޔޯއަކުން ފެނެއެވެ.

ދުނިޔޭގައި އެއް ތަނުން އަނެއް ތަނަށް އުފުލާ ތެލުގެ ތިންބައިކުޅަ އެއްބައި ގެންދަނީ ގަލްފް ކަނޑުގެ ސަރަޙައްދު ހުރަސްކޮށެވެ. ދުނިޔޭގެ ބާރުތަކާއި އީރާނާ ދެމެދު ހަދާފައިވާ ނިއުކްލިޔަރ އެއްބަސްވުން 2018 ވަނަ އަހަރު އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުވަލެއްވުމާ ގުޅިގެން ގަލްފް ކަނޑުގެ ސަރަޙައްދުގައި އީރާނުގެ އަސްކަރިއްޔާއިން ހިންގާ ހަރަކާތްތައް އިތުރުކޮށްފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.
މީގެ މަހެއްހާ ދުވަސް ކުރިން އެމެރިކާގެ ކަނޑުގެ ސިފައިން ވެސް ވަނީ ގްރީސްގެ އެހެން ތެޔޮ ޓޭންކަރެއް ހިފަހައްޓާފައެވެ. އެ ތެޔޮ ޓޭންކަރުގައި އުފުލާފައި ވަނީ އީރާނުގެ ތެޔޮ ކަމުގައި އެމެރިކާއިން ބުނެއެވެ. އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުން އީރާނުން ވަނީ ގަލްފް އޮފް އުމާނުން ދަތުރު ކުރަމުންދިޔަ މާޝަލް އައިލެންޑްސްގެ ތެޔޮ ޓޭންކަރެއް ހިފަހައްޓާފައެވެ. "އެޑްވާންޓޭޖް ސުވީޓް"ގެ ނަން ދީފައިވާ އެ އުޅަނދު ވެސް ގެންގޮސްފައި ވަނީ ބަންދަރް އައްބާސް ކައިރިއަށެވެ.

އީރާނުން ތެޔޮ ބަރުކޮށްގެން ދަތުރުކުރި ބޯޓު "ސުއެޒްމެކްސް" އެމެރިކާއިން ހިފެހެއްޓުމާ ގުޅިގެން ގްރީސްގެ އެހެން ބޯޓުތަކަށް އީރާނުގެ ފަރާތުން ނުރައްކާ ކުރިމަތިވެފައިވާ ކަމުގައި ގްރީސުން ވަނީ ބުނެފައެވެ. މީގެ ކުރިން ވެސް، އީރާނުގެ ތެޔޮ އުފުލާ ބޯޓުތައް ހިފެހެއްޓުމާ ގުޅިގެން އީރާނުން މި ފަދަ އަމަލުތައް ހިންގާފައިވެއެވެ. ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އީރާނުން އެހެން ޤައުމުތަކުގެ 15 ބޯޓަކަށް ފުރައްސާރަކޮށްފައިވާ ކަމުގައި އެމެރިކާއިން ބުނެއެވެ.

2019 ވަނަ އަހަރުގެ ޖުލައި މަހު އީރާނުން ވަނީ މި ފަދަ ގޮތަކަށް އިނގިރޭސިވިލާތުގެ ބޯޓެއް ވެސް ހިފަހައްޓާފައެވެ. އެ ބޯޓު ދޫކޮށްލާފައި ވަނީ ދެ މަސް ދުވަސް ފަހުންނެވެ. 2021 ވަނަ އަހަރު އީރާނުން ވަނީ ދެކުނު ކޮރެޔާގެ ތެޔޮ ޓޭންކަރެއް ވެސް ހިފަހައްޓާފައެވެ. އެ ބޯޓު ހިފަހައްޓާފައި ވަނީ އީރާނުގެ ފައިސާތަކެއް ދެކުނު ކޮރެޔާއިން ފްރީޒް ކުރުމުން އެ ކަމާ ނުރުހިގެންނެވެ. ހުސްވި އަހަރުގެ މޭ މަހުގައި ވެސް އީރާނުން ވަނީ ގްރީސް ދެ ބޯޓެއް މި ފަދަ ގޮތަކަށް ހިފަހައްޓާފައެވެ.

ހުޅަނގުގެ ބާރުތަކުން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ހުސްވި ހަފުތާގައި ވަނީ އިތުރަށް ހަރުކަށި ކޮށްފައެވެ. މި ކަމާ ގުޅިގެން އީރާނުން ވެސް ވަނީ، އިނގިރޭސިވިލާތާއި ވިލާތުގެ އިއްތިހާދު (އީ.ޔޫ)ގެ ޤައުމުތަކުގެ މީހުން އީރާނަށް އެތެރެވުމަށް އޮތް ހުރަސްތައް ހަރުކަށިކޮށްފައެވެ. އަދި، މާލީ ގޮތުން ވެސް ދަތިކުރުމުގެ ފިޔަވަޅުތައް ތަޢާރުފުކޮށްފައެވެ.

ހުޅަނގުގެ ބާރުތަކުން އީރާނާ އެކު އެއްބަސްވުމެއް ހަދާފައި ވަނީ 2015 ވަނަ އަހަރުއެވެ. އެއީ، އީރާނުގެ ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ ޕުރޮގުރާމު ކޮންޓްރޯލް ކުރުމަށް އެކުލަވައިލާފައިވާ އެއްބަސްވުމެކެވެ. އެ އެއްބަސްވުމާ އެކު އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދީފައިވީ ނަމަވެސް، 2018 ވަނަ އަހަރު ޓްރަމްޕް ވަނީ އެ އެއްބަސްވުމަށް އަމަލުކުރުން ހުއްޓައިލާ، އީރާނާ ދެކޮޅަށް އަލުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. އެ އެއްބަސްވުމަށް އަލުން އަމަލުކުރަން ފެށުމާ ގުޅޭ ގޮތުން އީރާނާ އެކު ހުޅަނގުގެ ބާރުތަކުން ދަނީ މަޝްވަރާ ކުރަމުންނެވެ.