ސޫރިޔާގެ ސަރަޙައްދީ ރޮނގު ހުރަސްކޮށް އަވައްޓެރި ޤައުމުތަކަށް މަސްތުވާތަކެތި އެތެރެކޮށް، އޭގެ ވިޔަފާރި ކުރާ ފަރާތްތައް ހުއްޓުވަން މަސައްކަތް ކުރުމަށް އެ ޤައުމުން އެއްބަސްވެއްޖެއެވެ. ސޫރިޔާއިން މި ކަމަށް އެއްބަސްވެފައި ވަނީ އެ ޤައުމާއި މިޞްރާއި، އިރާޤާއި، ސަޢޫދީ ޢަރަބިއްޔާއާއި އުރުދުންގެ ޚާރިޖީ ވަޒީރުންގެ މެދުގައި ބޭއްވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުން ބާއްވާފައި ވަނީ އުރުދުންގެ ވެރިރަށް އައްމާނުގައެވެ.
ޢަރަބި ލީގުގެ ޤައުމުތަކުގެ ޚާރިޖީ ވަޒީރުން ސޫރިޔާގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވާފައި މި ވަނީ، އެ ގުޅުމާއި ސޫރިޔާއާ ދެމެދު އަލުން ގުޅުން އިޔާދަކުރަން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. ޢަރަބި ލީގުން ސޫރިޔާ އެކަހެރިކޮށް، އެ ޤައުމާ އެކު އޮތް ގުޅުންތައް ކަނޑައިލާފައި ވަނީ 2011 ވަނަ އަހަރު ސޫރިޔާގައި ފެށި ދާޚިލީ ހަނގުރާމައާ ގުޅިގެންނެވެ.
މި ބައްދަލުވުމުގެ ބައިވެރިން ބުނީ، ސޫރިޔާގައި ހަރަކާތްތެރިވާ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކުން އެ ތަކެތި އުރުދުނާއި އިރާޤަށް އެތެރެކޮށް، އޭގެ ވިޔަފާރިކުރުން ހުއްޓުވަން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރަން ސޫރިޔާއިން އެއްބަސްވެފައިވާ ކަމުގައެވެ. އުރުދުންގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވިދާޅުވީ ސޫރިޔާއާ އެކު އަލުން ގުޅުން ބަދަހިކުރަން ޢަރަބި ލީގުގެ ޤައުމުތަކުން މަސައްކަތް ކުރަމުންދާ ކަމުގައެވެ.
ސޫރިޔާގެ ދާޚިލީ މައްސަލަތަކާއި ސިޔާސީ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް އުރުދުނުން އިސްނަގައިގެން ދަނީ މަސައްކަތް ކުރަމުންނެވެ. ޢަރަބި ލީގުގެ ބޮޑެތި ޤައުމުތަކުގެ ބައްދަލުވުމުގެ ކުރިން ސޫރިޔާގެ ޚާރިޖީ ވަޒީރު ފައިޞަލް މިޤްދާދު ވަނީ އުރުދުންގެ ޚާރިޖީ ވަޒީރު އައިމަން ސަފާދީއާ ބައްދަލުކުރައްވާފައެވެ.
ދެ ބޭފުޅުންގެ މެދުގައި ބޭއްވި މަޝްވަރާތަކުގައި އެންމެ އިސްކަމެއް ދީފައި ވަނީ ސޫރިޔާގެ ދާޚިލީ ހަނގުރާމައާ ގުޅިގެން ހާލުގައި ޖެހިފައިވާ ރެފިޔުޖީންނަށް އެހީތެރިވުމާއި، ފެނުގެ ޚިދުމަތްތައް ކެނޑިފައިވާ ސަރަޙައްދުތަކަށް އަލުން އެ ޚިދުމަތް ގުޅައިދިނުމާއި، ސަރަޙައްދީ ރޮނގުގެ ސަލާމަތީ ކަންކަން ހަރުދަނާ ކުރުމާއި، ސަރަޙައްދީ ރޮނގު ހުރަސްކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތައް ހުއްޓުވުމަށް ކަމުގައި އުރުދުން ޚާރިޖީ ވުޒާރާއިން ބުނެއެވެ.
ސޫރިޔާގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކުން ސަރަޙައްދީ ރޮނގު ހުރަސްކޮށް އެ ތަކެތި އުރުދުނަށް އެތެރެ ކުރެއެވެ. މި ކަމުގައި ހަރަކާތްތެރި ވަނީ ހަތިޔާރު އެޅި ޖަމާޢަތްތަކެވެ. އެ ޤައުމަށް އެތެރެކުރާ މަސްތުވާތަކެތީގެ ބާވަތްތަކުގެ ތެރޭގައި "ކެޕްޓެގަން" ކިޔާ އެމްފެޓަމައިނެއް ހިމެނެއެވެ. އުރުދުން މެދުވެރިކޮށް އެ ތަކެތި ގަލްފުގެ އެހެން ޤައުމުތަކަށް އެތެރެ ކުރަމުންދާ ކަމުގައި އުރުދުނުން ބުނެއެވެ.
ފާއިތުވި އަހަރުތަކުގެ ތެރޭގައި ސޫރިޔާގެ ރައީސް ބައްޝާރު ހާފިޛް އަލް-އަސަދުގެ ސަރުކާރުން ވަނީ ހަތިޔާރު އެޅި ޖަމާޢަތްތަކުގެ ބާރުގެ ދަށުގައި އޮތް ގިނަ ސަރަޙައްދުތަކެއް އަލުން ހިފާފައެވެ. ނަމަވެސް، އެ ޤައުމުގެ އުތުރުގެ ސަރަޙައްދުތަކުގައި ހަތިޔާރު އެޅި ގިނަ ޖަމާޢަތްތަކެއް ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި، އެ ޤައުމުގެ އުތުރުގެ ބައެއް ސަރަޙައްދުތައް އަދިވެސް އޮތީ އެ ޖަމާޢަތްތަކުގެ އަތްދަށުގައެވެ.
ދާޚިލީ ހަނގުރާމައާ ގުޅިގެން ސޫރިޔާއާ ގުޅުން ކަނޑައިލާފައިވާ ގިނަ ޤައުމުތަކަކުން މިހާރު ދަނީ އެ ޤައުމާ އެކު އަލުން ގުޅުން ގާއިމުކުރަން މަސައްކަތް ކުރަމުންނެވެ. އަދި، ފެބުރުވަރީ 6 ވަނަ ދުވަހު ތުރުކީވިލާތާއި ސޫރިޔާއަށް އައި ބާރުގަދަ ބިންހެލުމަށް ފަހު، އެ މަސައްކަތްތައް ހަލުވިކޮށްފައިވެއެވެ. އަދި، މެދުއިރުމަތީގެ ދެ ބާރުގެ ގޮތުގައި ބެލެވޭ ސަޢޫދީ ޢަރަބިއްޔާއާއި އީރާނާ ދެމެދު މާރިޗު މަހު ސިޔާސީ ގުޅުން އަލުން ގާއިމުކުރުމާ އެކު އެ މަސައްކަތްތަކަށް އިތުރު ހަލުވިކަމެއް ލިބިފައިވާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.
ނަމަވެސް، ސޫރިޔާއަށް އަލުން ޢަރަބި ލީގުގެ މެންބަރުކަން ދިނުމަށް އެ ގުޅުމުގެ ހުރިހާ މެންބަރު ޤައުމަކުން ތާޢީދެއް ނުކުރެއެވެ. މި ކަމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާގައި ދާދި ފަހުން ބޭއްވި ގަލްފް ކޯޕޮރޭޝަން ކައުންސިލް (ޖީ.ސީ.ސީ)ގެ ބައްދަލުވުމުގައި އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ. އެ ބައްދަލުވުމުގައި ޖީ.ސީ.ސީގެ ޤައުމުތަކުގެ އިތުރުން މިޞްރާއި، އުރުދުން އަދި އިރާޤުގެ އޮފިޝަލުން ވެސް ބައިވެރިވިއެވެ.
ޢަރަބި ލީގުގައި ބައިވެރިވުމުގެ ފުރުޞަތު ސޫރިޔާއަށް ދިނުމަށް އެންމެ ފާޅުކަން ބޮޑުކޮށް ދެކޮޅު ހަދަމުން ގޮސްފައި ވަނީ ސަޢޫދީ ޢަރަބިއްޔާއިންނެވެ. ނަމަވެސް، ސަޢޫދީ ޢަރަބިއްޔާގެ އެ ނިންމުން ބަދަލުކޮށްފައިވާ ކަމުގައި ބެލެވެއެވެ. ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިޞަލް ބިން ފަރްހާން އަލް-ސަޢުދު ދާދިފަހުން ވަނީ ދިމިޝްޤަށް ދަތުރުކުރައްވައި، އަސަދާ ބައްދަލު ކުރައްވާފައެވެ. އަދި، އީރާނުގެ ރައީސް އިބްރާހީމް ރައީސީ ވެސް މޭ 3 ވަނަ ދުވަހު ވަނީ ދިމިޝްޤަށް ވަޑައިގަންނަވާފައެވެ.