ސިޔާސީ

ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް އަލުން ފަށައިފި


ސަރުކާރުން އިސްނަންގަވައިގެން ފައްޓަވައިފައިވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި ބައިވެރިވުމަށް އެމް.ޑީ.ޕީއާއި އަދާލަތު ޕާޓީއަށް އަލުން ދައުވަތު އަރުއްވައި، މާދަމާ މެންދުރުފަހު 3 ޖަހާއިރު މަޝްވަރާތައް ބޭއްވުމަށް ނިންމަވައި މިރޭގެ މަޝްވަރާތައް ނިންމަވާލައްވައިފިއެވެ.

ސަރުކާރުން އިސްނަންގަވައިގެން ސިޔާސީ ޕާޓީތަކާއެކު ފައްޓަވާފައިވާ މަޝްވަރާތަކުގެ ފުރަތަމަ ބައްދަލުވުމުގައި ބައިވެރިވެފައިވަނީ ދައުވަތު ދެއްވި 6 ސިޔާސީ ޕާޓީގެ ތެރެއިން 4 ޕާޓީއަކުންނެވެ.

ސަރުކާރުން އިސްނަންގަވައިގެން ސިޔާސީ ޕާޓީތަކާއެކު ފައްޓަވައިފައިވާ މަޝްވަރާތަކުގެ ފުރަތަމަ ބައްދަލުވުމުގައި ބައިވެރިވި ސިޔާސީ ޕާޓީތަކުގެ މަންދޫބުން ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަޙުގެ ހަލަބޮލިކަން ނައްތާލުމަށް ޕާޓީތަކުގެ މަޝްވަރާތަކުގައި އިދިކޮޅު މައި ދެޕާޓީ، އެމް.ޑީ.ޕީއާއި، އަދާލަތު ޕާޓީގެ ބައިވެރިވުން މުހިންމުކަމަށެވެ.

މަޝްވަރާތަކަށްފަހު ސަރުކާރުގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާ އެންމެ އިސް މަންދޫބު، ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވީ ސަރުކާރުން މަޝްވަރާތަކަށް ހުޅުވާލައްވައިފައިވަނީ އެއްވެސް ޝަރުތެއް އެޖެންޑާއެއް ނެތިކަމުން، އެމް.ޑީ.ޕީއާއި އަދާލަތު ޕާޓީން ބޭނުންފުޅު ކޮންމެކަމަކާމެދު މަޝްވަރާކުރެއްވުމަށް ސަރުކާރުން އޮތީ ތައްޔާރަށް ކަމަށެވެ.

މަޝްވަރާތަކަށްފަހު މީޑިއާއަށް މައުލޫމާތުދެއްވަމުން ޑީ.އާރ.ޕީ ވަގުތީގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި މުހައްމަދު ނަޝީދު ވިދާޅުވީ މަޝްވަރާތައް މެދުވެރިކޮށް ރާއްޖޭގެ ސިޔާސީ މަސްރަޙްގައި ދިމާވެފައިވާ މައްސަލަތަކަށް ދިވެހި ހައްލެއް ހޯދޭނެކަމަށް ޤަބޫލުކުރައްވާކަމަށެވެ. އަދި ޑީ.އާރ.ޕީން ބުނީ މަޝްވަރާގެ ފުރަތަމަ ބައްދަލުވުމުގައި އެޕާޓީން ބައިވެރިވީ ސަރުކާރަށް ކަމެއް ހުށައެޅުއްވުމަށް ނޫންކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަޙްމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ އެމް.ޑީ.ޕީއާއި އަދާލަތުން ޕާޓީން ޤައުމީ މަސްލަޙަތު އިސްކުރައްވައި މަޝްވަރާތަކުގައި ބައިވެރިވާންވާނެކަމަށެވެ. މަޝްވަރާތައް ކުރިއަށްދަނީ ހުޅުވާލެވިގެންކަމުން މަޝްވަރާ ނުކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެކަމަށް ނިހާން ވިދާޅުވިއެވެ.

މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް ވިދާޅުވީ ޤައުމުގައި ހުރި މައްސަލަތައް ހައްލުކުރުމަށްޓަކައި އެމް.ޑީ.ޕީއާއި އަދާލާތުޕާޓީންވެސް މަޝްވަރާ އުސޫލުން ކަންކަން ނިންމެވުން އިސްކުރެއްވުން މުހިންމުކަމަށެވެ.

އެމް.ޑީ.އޭގެ ނައިބު ލީޑަރ އަޙްމަދު އާމިރު ވިދާޅުވީ މަޝްވަރާތަކުން އެއްކިބާވުމަކީ ސިޔާސީ ޚިޔާލުތަފާތުވުމަށް ހައްލު ލިބޭނެކަމެއް ނޫންކަމަށާއި، މައްސަލަތައް ޙައްލުކުރުމަށް އެމް.ޑީ.އޭއިން ދޫދެއްވަންޖެހޭ ކަންކަމުގައި ދޫދެއްވާނެކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް އަލުން ފައްޓަވައިފައިވާއިރު ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާގެ އަމާޒަކީ ސިޔާސީ ޕާޓީތަކާއެކު ކުރިއަށްގެންދަވާ މަޝްވަރާތަކުގެ ތެރެއިން ރާއްޖެއަށް ދިމާވެފައިވައިވާ ބޮޑެތި މައްސަލަތަކަށް ޙައްލު ލިބިގެންދިއުމެވެ. މިމަޝްވަރާތަކުގައި ސިޔާސީ ޕާޓީތަކުން ހުށައަޅުއްވާ ކަންތައްތަކުގެ ތެރެއިން ރައްޔިތުންނަށް ފައިދާހުރި ކޮންމެކަމަށް ބަލައިގަންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.