ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރަށް ދިން ޙަމަލާ ރައްޔިތުންގެ މަޖިލީހުން ކުއްވެރިކުރައްވައިފިއެވެ.
މެންބަރު ޒަރީރަށް ބަޔަކު ޙަމަލާދީފައިވަނީ ބުރުޒު މަގުގައި ހުންނަ ހަބީބީ ކެފޭ އެންޑް ބިސްޓްރޯ ތެރޭގައި އިންނަވަނިކޮށް އާދީއްތަ ދުވަހުގެރޭ ފަތިހު 5:08 ހާއިރުއެވެ. އަދި އެ ޙަމަލާ އަމާޒުވީ މެމްބަރު ޒަރީރުގެ އިސްތަށިފުޅަށްކަމަށް ވެސް މަޢުލޫމާތު ލިިބިފައިވެއެވެ.
މި ޙަމަލާ ކުށްވެރިކުރައްވައި ރައްޔިތުންގެ މަޖިލީހުން ނެރުއްވި ބަޔާނުގައި ވަނީ މަޖިލިސް މެމްބަރު ޒަރީރަށް ދިން ޙަމަލާ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް، މައްސަލަ ފުރިހަމަގޮތެއްގައި ތަޙްޤީގުކުރެއްވުމަށް ގޮވާލައްވައިފައެވެ. އަދި މިހާރުވެސް މެމްބަރު ޒަރީރަށް ލިބިވަޑައިގެންފައިވާ ޒަޚަމްތަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާކަމަށް ވެސް މަޖިލީހުގެ ބަޔާނުގައި ވިދާޅުވެވަފައިވެއެވެ.
މެމްބަރު ޒަރީރަށް ދިން ޙަމަލާ ފުލުހުން ދަނީ ތަހުޤީޤްކުރައްވަމުންނެވެ. އެހެންނަމަވެސް ތަހުޤީޤާ ގުޅޭ އެއްވެސް މަޢުލޫމާތެއް ފުލުހުން ހާމަކުރައްވައިފައެއް ނުވެއެވެ.
މެންބަރު ޒަރީރަށް ދިން ޙަމަލާ އެމްޑީޕީންވެސް ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި މި ޙަމަލާ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުން ތަޙްޤީޤުކުރައްވައި، މި ނުރައްކާތެރި ކުށްކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އެމްޑީޕީން ވަނީ ގޮވާލައިފައެވެ.