މާލީ ހިދުމަތްތަކުން ލިބޭ އާމްދަނީ ދަށްވުމުން މި ހިނގާ މާލީ އަހަރުގެ އޮޕަރޭޓިން ފައިދާ ދަށްވެދާނެކަމަށް އިލެކްޓްރޯނިކްސް ސާމާނު އުފައްދާ ޖަޕާނުގެ ކުންފުނި، ސޮނީ ގްރޫޕުން ހުކުރުދުވަހު ބުނެފިއެވެ.
ޕްލޭސްޓޭޝަން ގޭމް ކޮންސޯލް އުފެއްދި ސޮނީން ލަފާކުރާ ގޮތުގައި މާޗް 31 ވަނަ ދުވަހުގެ ނިޔަލަށް އޮޕަރޭޓިން ފައިދާ %3.2 އަށް ދަށްވެ، 1.17 ޓްރިލިއަން ޔެންއަށް އަރާނެއެވެ. މިއީ ރެފިނިޓިވްއިން ލަފާކޮށްފައިވާ 1.275 ޓްރިލިއަން ޔެން އަށްވުރެ ދަށް އަދަދެކެވެ. ނަމަވެސް ސެމީކޮންޑަކްޓަރ ސަޕްލައި ޗެއިން މެދުކެނޑުމުގެ ސަބަބުން ކޯވިޑުގެ ބަލިމަޑުކަމުގެ ދުވަސްވަރު ޕްލޭސްޓޭޝަން 5 ގެ ގޭމް ކޮންސޯލް އެކަށީގެންވާ ވަރަށް އުފެއްދުމަށް އުނދަގޫވި ސޮނީއަށް ގޭމިން ޔުނިޓުގެ ކުރިއެރުމަކީ އުފާވެރި ހަބަރެކެވެ.
އެކްސްބޮކްސް އުފައްދާ ކުންފުނި މައިކްރޮސޮފްޓާއި ސްވިޗް ޕްރޮވައިޑަރު ނިންޓެންޑޯއާ ވާދަކުރާ ސޮނީން މިދިޔަ އަހަރު ޕްލޭސްޓޭޝަން 5 ،ޕީއެސް 5 ވީޑިއޯގޭމް މެޝިންގެ 19.1 މިލިއަން ޔުނިޓް ވިއްކާފައިވާއިރު، އޭގެކުރީ އަހަރު 11.5 މިލިއަން ޔުނިޓް ވިއްކާފައިވެއެވެ.
ގޭމިން އެންޑް ނެޓްވޯކް ޔުނިޓުން ލިބޭ ފައިދާ މިއަހަރު %8 އަށް އިތުރުވެ 270 ބިލިއަން ޔެންއަށް އަރާނެކަމަށް ލަފާކުރާކަމަށް ސޮނީން ވަނީ ބުނެފައެވެ.
މާޗް 31 ވަނަ ދުވަހުގެ ނިޔަލަށް ވޭތުވެދިޔަ 3 މަސް ދުވަހުގެ ތެރޭގައި ޖުމްލަ އޮޕްރޭޓިންގް ފައިދާ 7.3 އިންސައްތަ ދަށްވެ، 128.5 ބިލިއަން ޔެންއަށް އަރާފައިވާކަމަށް ސޮނީން ބުނެއެވެ.