ސިއްހަތު

ހުޅުމާލޭ ހޮސްޕިޓަލްގައި އައިސީޔޫގެ ޚިދުމަތް މިމަހު ފަށަނީ




ހުޅުމާލޭ ހޮސްޕިޓަލްގައި އައިސީޔޫ ހުޅުވުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތައްވެ ނިމިފައިވާ ކަމަށް ހުޅުމާލޭ ހޮސްޕިޓަލުން ހާމަކުރައްވައިފިއެވެ.



އެ ހޮސްޕިޓަލުން ވިދާޅުވީ، މިމަހު ފަހުކޮޅު އައިސީޔޫ ހުޅުއްވުމަށްފަހު ޚިދުމަތް ދެއްވަން ފަށްޓަވާނެ ކަމަށެވެ. އައިސީޔޫ ޤާއިމްކުރެއްވުމަށް 3 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރައްވާފައިވާ ކަމަށް ހުޅުމާލޭ ހޮސްޕިޓަލުން ވިދާޅުވެއެވެ.



ހުޅުމާލޭ ހޮސްޕިޓަލުން ދެއްވާ ޚިދުމަތްތައް ފުޅާކުރެއްވުމުގެ ގޮތުން އެ ހޮސްޕިޓަލުގައި ދަނީ ތަފާތު ގިނަ ޚިދުމަތްތަކެއް ތަޢާރަފްކުރައްވަމުންނެވެ. އެގޮތުން މިހާރު ހުޅުމާލޭ ހޮސްޕިޓަލުން ތައްޔާރުވެވަޑައިގަންނަވަމުން ގެންދަނީ އައިސީޔޫގެ ޚިދުމަތް ފެއްޓެވުމަށެވެ. ހުޅުމާލޭ ހޮސްޕިޓަލްގެ ޑިރެކްޓަރ އަޙުމަދު ޝާކިރު ވިދާޅުވީ، އައިސީޔޫއާއި އެންއައިސީޔޫގެ ޚިދުމަތް ފެއްޓެވުމަށްޓަކައި އައިސީޔޫއަށް ބޭނުންވާ ހުރިހާ މެޑިކަލް އިކުއިޕްމަންޓްސްތައް ގެނެސްފައިވާ ކަމަށެވެ. އަދި ސެންޓަރަލް އޮކިސިޖަން ސަޕްލައި ފިޔަވައި އެހެން ހުރިހާ އިންފްރާސްޓްރަކްޗަރ މަސައްކަތް ނިންމަވާފައިވާ ކަމަށް ޝާކިރު ވިދާޅުވިއެވެ. ޝާކިރު ވިދާޅުވީ، އައިސީޔޫގެ ގޮތުގައި ބޭނުންކުރާ ތަނަށް ގެންނަންޖެހޭ ހުރިހާ ބަދަލްތަކެއް ގެނެސް ނިމިފައިވާ ކަމަށާއި މިހާރު މަސައްކަތްކުރައްވަމުން ގެންދަވަނީ އެތެރެހަށީގެ ޑޮކްޓަރުން ހޯދުމުގެ މަސައްކަތް ކަމަށެވެ.



މީގެ އިތުރުން ހުޅުމާލޭ ހޮސްޕިޓަލުން ދަނީ ބްލަޑް ބޭންކުގެ ޚިދުމަތްދެއްވުމަށް ތައްޔާރުވަމުންނެވެ. އެކަމަށް ބޭނުންވާ މެޑިކަލް އިކުއިޕްމަންޓު މިމަހުގެ ތެރޭގައި ރާއްޖެ ގެނެވޭނެ ކަމަށް ހުޅުމާލޭ ހޮސްޕިޓަލުން މައުލޫމާތު ދެއްވާފައިވެއެވެ.



ލެބޯޓްރީއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރެއްވުމަށްވެސް އެހޮސްޕިޓަލުން ދަނީ މަސައްކަތަކެއް ކުރަމުންނެވެ. ޖާގައިގެ ދަތިކަން ޙައްލުވުމުން ލެބޯޓްރީގައި މައިކްރޮބައިލޮޖީގެ ޚިދުމަތް ފެށިގެންދާނެ ކަމަށް ހުޅުމާލޭ ހޮސްޕިލުން މައުލޫމާތު ދެއްވާ. މިވަގުތު ހުޅުމާލޭ ހޮސްޕިޓަލްގައި މި ޚިދުމަތް ދެމުންގެންދަވަނީ އައިޖީއެމް ހޮސްޕިޓަލަށް ސާމްޕަލްތައް ފޮނުވައިގެންނެވެ.



ހުޅުމާލޭ ހޮސްޕިޓަލުން ދާދި ފަހުން ވަނީ އަލްޓްރާ ސައުންޑް ސްކޭން ކުރުމުގެ ޚިދުމަތްވެސް ދެއްވަން ވެސް ފަށްޓަވާފައެވެ.



ފާއިތުވި ހަމަސްދުވަހުގެ ތެރޭގައި ހުޅުމާލޭ ހޮސްޕިޓަލުން އަލަށް ތަޢާރަފްކުރައްވާފައިވާ ބައެއް ޚިދުމަތްތަކުގެ ތެރޭގައި، ދަތުގެ ފަރުވާއާއި، ކަށީގެ ބަލިތަކާއި ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރުގެ ޚިދުމަތާއި، ލެބޯޓްރީގައި ތެލެސީމިއާ ޓެސްޓުކުރުމުގެ ޚިދުމަތާއި، ފިޒިއޮތެރަޕީގެ ޚިދުމަތް ހިމެނެއެވެ.



މީގެ އިތުރުން ހުޅުމާލޭ ހޮސްޕިޓަލްގައި ދަނީ ތުންފަތާއި ތަލީގެ އައިބު ( ކްލެފްޓް ލިޕް / ކްލެފްޓް ޕެލެޓް ) ސާރޖަރީތައް ހައްދަވަމުންނެވެ.



ހުޅުމާލޭ ހޮސްޕިޓަލުން ފާއިތުވި އަހަރެއްހާ ދުވަހު ދެއްވާފައިވާ ޚިދުމަތްތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އޯޕީޑީއަށް ދައްކާފައިވާ މީހުންގެ އަދަދު އެއްލައްކައަށްވުރެ މައްޗަށް އަރާފައިވާއިރު، 675 ސާރޖަރީކޮށްފައިވެއެވެ.



30000ވުރެ ގިނަ މީހުންގެ އާބަދީއެއް ދިރިއުޅޭ ހުޅުމާލޭގައި، ހޮސްޕިޓަލްގެ ޚިދުމަތް ދެއްވަން ފަށްޓަވާފައިވަނީ 7 އޭޕްރީލް 2004 ވަނަ އަހަރުގައެވެ.