ޔަހޫދީ އިސްރާޢީލުގެ އަސްކަރިއްޔާއިން ފަލަސްޠީނުގެ ޣައްޒާއަށް ވަރުގަދަ ޙަމަލާތަކެއް ދީފިއެވެ. އިސްރާޢީލުގެ އަސްކަރީ މަތިންދާބޯޓުތަކުން ޣައްޒާއަށް ވަރުގަދަ ވައިގެ ޙަމަލާތަކެއް ދީފައިވާއިރު، އިސްރާޢީލުގެ އަސްކަރީ ޓޭންކުތަކުން ވެސް ވަނީ ޣައްޒާއަށް ޙަމަލާދީފައެވެ.
އިސްރާޢީލުން ޣައްޒާގައި ހަރަކާތްތެރިވާ މުޖާހިދުންގެ އަމާޒުތަކަށް ޙަމަލާދީފައި މި ވަނީ، އިސްރާޢީލަށް އަމާޒުކޮށް ޣައްޒާގެ މުޖާހިދުންގެ ޖަމާޢަތްތަކުން ރޮކެޓް ޙަމަލާތަކެއް ދިނުމާ ގުޅިގެންނެވެ. މުޖާހިދުން ޣައްޒާއަށް ރޮކެޓް ޙަމަލާތަކެއް ދީފައި ވަނީ، ޔަހޫދީ އިސްރާޢީލުގެ ޖަލެއްގައި ބަންދުކޮށްފައި ހުރި މުޖާހިދެއް މަރުވުމާ ގުޅިގެންނެވެ.
މަރުވެފައި ވަނީ ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ މުޖާހިދުންގެ ޖަމާޢަތެއް ކަމުގައި އިސްލާމިކް ޖިހާދުގެ އިސްވެރިއެއް ކަމުގައިވާ ޤާދިރު އަދުނާނެވެ. އޭނާ މަރުވީ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުން ދަނިކޮށް ކަމުގައި ޔަހޫދީ އިސްރާޢީލުގެ އަސްކަރިއްޔާއިން ބުންޏެވެ. އޭނާ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ފަށާފައި ވަނީ ފެބުރުވަރީ މަހުގެ 5 ވަނަ ދުވަހުއެވެ.
ޔަހޫދީ އިސްރާޢީލުގެ ހައްޔަރުގައި ހުއްޓައި އުމުރުން 45 އަހަރުގެ އަދުނާނު މަރުވެފައިވާކަން އިސްލާމިކް ޖިހާދުން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ފެބުރުވަރީ 5 ވަނަ ދުވަހު ހުޅަނގު އައްސޭރީގައި ހުންނަ އޭނާގެ އަމިއްލަ ގޭގައި ހުއްޓައެވެ. އޭނާ ހައްޔަރުކޮށްގެން ބަހައްޓާފައި ހުރީ ރަމްލާ ޖަލުގައެވެ.
ފަލަސްޠީނުގެ ބޮޑުވަޒީރު މުޙައްމަދު ޝްޠައްޔާ ވިދާޅުވީ ޔަހޫދީ ޓެރެރިސްޓު އިސްރާޢީލުގެ އަސްކަރިއްޔާއިން އަދުނާން ގަތުލުކޮށްފައިވާ ކަމުގައެވެ. އަދި، އޭނާއަށް ޞިއްޙީ ފަރުވާ ދިނުމަށް ޔަހޫދީ ޖައްބާރު އަސްކަރިއްޔާއިން ދެކޮޅު ހަދާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފަލަސްޠީނުގެ މުޖާހިދުން އިސްރާޢީލަށް ދީފައިވާ ރޮކެޓް ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން އިސްރާޢީލުގެ އަސްކަރިއްޔާއިން ދީފައިވާ ވައިގެ ޙަމަލާތައް އަމާޒުކޮށްފައި ވަނީ ޣައްޒާގައި ވެރިކަން ކުރާ ހަމާސް ޖަމާޢަތުގެ މަރުކަޒުތަކަށެވެ. ވައިގެ ޙަމަލާތަކުގެ ރައްދުގައި ހަމާސް ޖަމާޢަތުގެ ހަތިޔާރުއެޅި ފިޔަ ކަމުގައިވާ ޢިއްޒުންދީން އަލް-ޤައްސާމް ބްރިގޭޑްސްއިން ވެސް ވަނީ އިސްރާޢީލުގެ އަސްކަރީ މަތިންދާބޯޓުތަކަށް އަމާޒުކޮށް މިސައިލް ޙަމަލާތަކެއް ދީފައެވެ.
އިސްރާޢީލަށް އަމާޒުކޮށް 22 ރޮކެޓާއި މިސައިލް ޙަމަލާ ދީފައިވާނެ ކަމުގައި އެ ޖަމާޢަތުން ބުނެއެވެ. އަދި، މި ޙަމަލާތަކަކީ އަދުނާނުގެ މަރުގެ ބަދަލުހިފުމުގެ ގޮތުން ދީފައިވާ ޙަމަލާތަކެއް ކަމުގައި ހަމާސާއި އިސްލާމިކް ޖިހާދުން ބުންޏެވެ. މި ޙަމަލާތަކުގައި އިސްރާޢީލުގެ ތިން މީހުން ޒަޚަމުވި ކަމުގައި، ޣައްޒާ ކައިރީގައި އޮންނަ އިސްރާޢީލުގެ ސްދެރޮތް ސަރަޙައްދުގެ އޮފިޝަލުން ބުނެއެވެ.
އަދުނާނަކީ އިސްރާޢީލުގެ ހައްޔަރުގައި ހުއްޓައި ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް ކުރަނިކޮށް މަރުވެފައިވާ ފުރަތަމަ މީހާ ކަމުގައި ފަލަސްޠީނު ރައްޔިތުންގެ ހައްޤުގައި މަސައްކަތް ކުރާ ޕަލަސްޓީނިއަން ޕްރިޒަނަރސް ކްލަބުން ބުނެއެވެ. މީގެ ކުރިން ބަނޑުހައިހޫނު ކަމުގެ ހަޅުތާލު ކޮށްފައިވާ މީހުންނަށް ޔަހޫދީން ވަނީ ގަދަބާރުން ކާންދީފައެވެ. އަދި، ގަދަބާރުން ކާން ދިނުމުގެ ތެރޭގައި ބައެއް މީހުން މަރުވެފައިވާ ކަމުގައި ވެސް އެ ޖަމުޢިއްޔާއިން ބުނެއެވެ.