ޚަބަރު

ފޭސް ދޭއްގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެނީ


ހުޅުމާލޭ ފޭސް ދޭއްގެ ނިރޮޅުމަގުގައި ޕިކަޕަކާއި ސައިކަލެއްޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ހޮސްޕިޓަލުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މިއެކްސިޑެންޓްގައި އަނިޔާވެގެން އެހޮސްޕިޓަލަށް ގެންގޮސްފައިވަނީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށެވެ. މިމީހާގެ ބޮލަށް އަނިޔާ ލިބިފައިވާ ކަމަށާއި މިހާރު އެމީހާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވިދާޅުވެއެވެ.

މިއެކްސިޑެންޓްގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ހަވީރު 3.17 އެހާކަށް ހާއިރު ކަމަށާއި އެކްސިޑެންޓާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވެއެވެ.