ޚަބަރު

އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ޚާއްޞަ މަރުކަޒެއް ރައީސް އުފައްދަވައިފި


މާލެ ސަރަޙައްދުގައި ވަގުތީގޮތުން ރައްކާތެރިކަން ދޭންޖެހޭ ފަރާތްތަކަށް ވަގުތީ ރައްކާތެރިކަން ލިބިދިނުމަށް "ވިލިނގިލީ އިޖުތިމާއީ ޚިދުމަތްދޭ މަރުކަޒު"ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ މަރުކަޒެއް އުފައްދަވައިފިއެވެ.

"ވިލިނގިލީ އިޖުތިމާއީ ޚިދުމަތްދޭ މަރުކަޒު"ގެ މައިގަނޑު މަސައްކަތްތަކަކީ، މާލެ ސަރަޙައްދުން ވަގުތީގޮތުން ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް ވަގުތީ ރައްކާތެރިކަން ފޯރުކޮށް ދިނުމާއި، ވިލިނގިލީގައި ދިރިއުޅޭ ފަރާތްތަކަށް އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކުރަންޖެހޭ ކަންކަން ރާވައި ހިންގުމާއި، އާންމުން ހޭލުންތެރިކުރުމުގެ ޕްރޮގުރާމުތައް ހިންގުމެވެ.

މީގެއިތުރުން އަތޮޅުތެރޭގައި ޤާއިމުކޮށްފައިވާ "އަމާން ވެށި" ތަކާއި "އަމާން ހިޔާ" ތަކުގައި ބަލަހައްޓާ ކުދިންގެ ތެރެއިން އެކި ބޭނުންތަކަށް މާލެ ގެންނަ ކުދިން ވަގުތީގޮތުން ބެލެހެއްޓުމައި، ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ކޮމިއުނިޓީ ރިހެބިލިޓޭޝަން ޕްރޮގްރާމް ހިންގުން ހިމެނެއެވެ.

އަދި މިގޮތަށް ބައިތިއްބާ މީހުންގެ ޙައްގުތައް ކަށަވަރުކޮށްދިނުމާއި އެމީހުންގެ ޚިދުމަތްތައް ފުރިހަމަކުރުމަކީ މަރުކަޒާ މިނިސްޓްރީގެ ޒިންމާއެކެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ "އިސްރަށްވެހިންގެ އިޖުތިމާޢީ މަރުކަޒުތައް" މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މަސައްކަތްތަކުގެ ލިސްޓަށް އިތުރުކުރައްވާފައެވެ. އިސްރަށްވެހިންގެ އިޖުތިމާއީ މަރުކަޒުތައް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މަސައްކަތްތަކުގެ ލިސްޓަށް އިތުރުކުރެއްވީ، މުޖުތަމަޢުގައި އިސްރަށްވެހިންގެ ހިއްސާ އިތުރުކުރުމަށް މަގުފަހި ކޮށްދިނުމަށާއި، އިސްރަށްވެހިންނަށް އިޖުތިމާއީ އެހީތެރިކަން ފޯރުކޮށް ދިނުމަށާއި، އިސްރަށްވެހިން ރަނގަޅު ޞިއްޙަތެއްގައި ދެމިތިބުމަށް ޕުރޮގުރާމުތައް ރާވައި ހިންގުމަށާއި، އިސްރަށްވެހިން ޝާމިލުވެ އުޅެވޭ ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ހަރަކާތްތައް ހިންގުމަށް މަރުކަޒުތައް ޤާއިމުކުރުމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ދަށުން ހިނގަމުންދިޔަ "ކުޑަކުދިންގެ ހިޔާ" އާއި "އަމާން ހިޔާ" އާއި "ތަޢުލީމާއި މަސައްކަތް އުނގަންނައިދޭ ކުޑަކުދިންގެ މަރުކަޒު" ން ކުރަމުން ދިޔަ މަސައްކަތްތައް ކުރުމަށް އެހެނިހެން އިންތިޒާމުތައް ހަމަޖައްސަވައިފައިވާތީ، އެ ތަންތަން މިއަދުން ފެށިގެން އުވާލައްވާފައެވެ.