ޚަބަރު

އައު އުޅަނދު، އިންޑިއާ ކަނޑުގެ ސަލާމަތް ކަށަވަރުކުރުމަށް މުހިންމު ދައުރެއް އަދާކުރާނެ: މާރިޔާ


އިންޑިއާ ސަރުކާރުން ރާއްޖޭގެ ދިފާޢީ ދާއިރާއަށް ހަދިޔާކުރި އުޅަނދަކީ، ދިވެހިރާއްޖޭގެ ދިފާޢާއި ސަލާމަތް ކަށަވަރުކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ އުޅަނދުތަކަކަށް ވެގެންދާނެކަމަށް ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ކޯސްޓްގާޑް ޝިޕް ހުރަވީ ކޮމިޝަން ކުރުމާއި ލޭންޑިން ކްރާފްޓް ޤައުމީ ދިފާއީ ބާރާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ މާރިޔާގެ ވާހަކަފުޅުގައި ‎ދިވެހިރާއްޖޭގެ "އިންޑިއާ ފަސްޓް" ސިޔާސަތަކީ ޒަމާނުއްސުރެ ދިވެހިރާއްޖެއާއި އިންޑިއާއާއި ދެމެދު އޮންނަ ޚާއްޞަ ގުޅުމުގެ އެންމެ މުހިންމު އެއް އަސާސްކަމަށް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުތަކުގައި ދެޤައުމުގެ މުހިންމުކަމުގެ މައްޗަށް ދެއްކެވި ވާހަކަފުޅުތަކަށް މިނިސްޓަރ މާރިޔާ ބައްލަވާލެއްވިއެވެ. އެގޮތުން ދިވެހިރާއްޖެ އާއި އިންޑިއާއާއި ދެމެދުގައިވާ ގުޅުމަކީ ދިވެހި ސަރުކާރުން އަބަދުވެސް އެންމެ އިސްކަންދޭ ގުޅުންކަމަށާއި، ދިވެހިރާއްޖެ އަބަދުމެ ދެމިއޮންނާނީ، ދެޤައުމާއި ސަރަޙައްދުގެ ތަރައްޤީއާއި ޞުލްޙައަށް މަސައްކަތްކުރާ، އިންޑިއާގެ އިޚްލާޞްތެރި އެކުވެރިއެއްގެ ގޮތުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވާކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ. އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އިންޑިއާ އާއި ދިވެހިރާއްޖެއާއި ދެމެދު އޮންނަ ގުޅުމަކީ އިންޑިއާއިން އެންމެ ބޮޑު އިސްކަމެއްދޭ އެއް ގުޅުންކަމަށް ވިދާޅުވެފައިވާތީ އެކަމަށްވެސް މިނިސްޓަރ މާރިޔާ އަލިއަޅުއްވާލެއްވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ‎މި ސަރަޙައްދުގެ މެރިޓައިމް ސެކިއުރިޓީއަކީ އަޅުގަނޑުމެން ދެމިތިބުމާއި، ފާގަތި ކަމާއި ގުޅިފައިވާ، ރާއްޖެއަށް އިންތިހާއަށް މުހިއްމު ކަމެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.

"ދިވެހިރާއްޖޭގެ ސަރަޙައްދުގެ %99 އަކީ ކަނޑު. ޤަވާއިދާއި ޚިލާފަށް މަސްވެރިކަން ކުރުމާއި، ޑްރަގާއި ހަތިޔާރާއި އިންސާނީ ވަގުފާރިއާއި، ކަނޑަށް ތެޔޮއެޅުން ފަދަ ތިމާވެއްޓަށް ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުމުގެ ބިރަކީ އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ ވަރަށް ބޮޑެތި ގޮންޖެހުންތަކެއް. އެހެންކަމުން ކަނޑުގެ މާހައުލަށް އަޅުގަނޑުމެން ދޭ އިސްކަން ވަރަށްވެސް ބޮޑު." މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

‎ޑިފެންސް މިނިސްޓަރގެ ވާހަކަފުޅުގައި، ކޯސްޓްގާޑު އުފެދިގެން އައިއިރު، ބޭނުންކުރެވެމުން އައީ ވަރަށް ކުދި އުޅަނދުފަހަރުކަމަށް ވިދާޅުވިއެވެ. އެ އުޅަނދުފަހަރުތަކުގައި ޒަމާނީ ހަތިޔާރެއް ނުހުންނަކަމަށާއި، މި ކަމުގެ ސަބަބުން ރާއްޖޭގެ ބިޔަ ކަނޑުގެ ސަރަޙައްދު ޕެޓްރޯލްކޮށް ބެލެހެއްޓުމަކީ ވަރަށް އުނދަގޫކަމަކަށްވިކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި 90ގެ އަހަރު ތަކުގައި އެއަށްވުރެ ބޮޑެތި އިންޝޯރ ޕެޓްރޯލް އުޅަނދުތަކެއް ކޯސްޓްގާޑަށް ލިބުމާއެކު މިކަމަށް ކޮންމެވެސް ވަރެއްގެ ތަސައްލީ އެއް ލިބިގެންދިޔަކަމަށާއި، ނަމަވެސް ދިވެހިރާއްޖޭގެ ބިޔަ އެކްސްކުލޫސިވް އިކޮނޮމިކްޒޯންގައި ދެމެހެއްޓެނިވި ގޮތެއްގައި އޮޕަރޭޝަންތައް ހިންގުމަށް ބޭނުންވާ އެންޑިއުރަންސް އެ އުޅަނދު ފަހަރުތަކުގައިވެސް ނެތްކަމަށް މާރިޔާ ވިދާޅުވިއެވެ. އެހެންކަމުން 2006 ވަނަ އަހަރު އިންޑިއާއިން ހަދިޔާކުރި އޯފްޝޯ ޕެޓްރޯލް ވެސަލް، ކޯސްޓްގާޑް ޝިޕް ހުރަވީ ވެގެންދިޔައީ އެ ހުސްކަމަށް ލިބިގެންދިޔަ ވަރަށް ބޮޑު ޙައްލަކަށްކަމަށްވެސް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.


‎"އެއިރުންފެށިގެން އެމް.އެން.ޑީ.އެފް ކޯސްޓްގާޑްގެ ފްލެގްޝިޕް ވެސަލް އެއްގެ ގޮތުގައި ހުރަވީގެ ޚިދުމަތް އަޅުގަނޑުމެންނަށް ދިޔައީ ލިބެމުން. އަދި މި މުއްދަތުގެ ތެރޭގައި ކުރިއަށް ގެންދެވުނު ކޮންމެ ރީފިޓަކަށް އެތައް މިލިއަން ރުފިޔާއެއް ޚަރަދުވެގެން ދިޔައިރު، އެހުރިހާ ރީފިޓްތަކެއްގެ ހުރިހާ ޚަރަދެއް ބަލަހައްޓާދީފައިވަނީވެސް އިންޑިއާ ސަރުކާރުން. ‎ކިތަންމެ ރަގަޅަކަށް ބެލެހެއްޓުނު ނަމަވެސް، އުޅަނދު ބާވަމުން ދިއުމާއި، އެ އުޅަނދު ޚިދުމަތުގައި ބޭއްވުމަށްޓަކައި ބޭނުންވާ ސްޕެއަރ ހޯދުން މިހާރުވެފައިވަނީ ވަރަށް ބޮޑު ގޮންޖެހުމަކަށް. ‎މިކަމާއި ގުޅިގެން، 2022 ވަނަ އަހަރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، މީގެ ބަރާބަރު ނުވަމަސް ކުރިން، 2022 އޯގަސްޓް މަހުގެ 2 ވަނަ ދުވަހު، އިންޑިއާއިން ދިވެހިރާއްޖެއަށް ލޭންޑިން ކްރާފްޓަކާއި، ހުރަވީގެ ބަދަލުގައި އެހެން އުޅަނދެއް ދެއްވާނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު މޯދީ ހާމަކުރެއްވި. މިއަދު އަޅުގަނޑުމެން މިތާ މިތިބީ މި ދެންނެވި ދެ އުޅަނދު ދިވެހިރާއްޖޭއާއި ރަސްމީކޮށް ޙަވާލުކުރުމަށް ބާއްވާ އުފާވެރި ރަސްމިއްޔާތުގައި." މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

‎އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި އައު އުޅަނދު "ހުރަވީ"ގައި ކުރީގެ އުޅަނދާއި ޚިލާފަށް 3 ވޯޓަ ޖެޓް އަޅާފައިވެއެވެ. މީގެ ސަބަބުން މި އުޅަނދުގެ ދުވެލިބާރުވެ، މެނޫވަރ ކުރުމަށް ފަސޭހަވާނެކަމަށް ޤައުމީ ދިފާޢީ ބާރުން ވިދާޅުވިއެވެ. އަދި މި އުޅަނދު ތެޔޮ ބޭނުންކުރާ މިންވަރު ކުރީގެ އުޅަނދަށްވުރެ މަދުވުމަކީ، އޮޕަރޭޝަންތަކަށް ކުރަންޖެހޭ ޚަރަދުވެސް ބޮޑުތަނުން ކުޑަވާނެކަމެއްކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.