ކުޅިވަރު

އިޓަލީ މުބާރާތުގެ ދެ ކެޓެގަރީއަކުން ލައިބާއަށް ތިންވަނަ


އިޓަލީގެ ބޮލްޒާނޯ ސިޓީގައި ކުރިއަށްގެންދިޔަ ބޮޒްނާ ފްރޫލިން އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ މިކްސްޑް ޑަބަލްސް އަދި ޑަބަލްސް އިވެންޓުން ރާއްޖޭގެ ލައިބާ އަޙްމަދު މަޚްލޫފް (އެލީ) ތިންވަނަ ހޯދައިފިއެވެ.

މިދިޔަ އޭޕްރީލް މަހުގެ 28-30 އަށް ކުރިއަށްދިޔަ މި މުބާރާތުގެ މިކްސްޑް ޑަބަލްސް އިވެންޓުގައި ލައިބާގެ ޕާޓްނަރަކީ ސްލޮވީނިއާގެ މެޓިޗް ކެންޒް އޮގޯރެލެކެވެ. މި އިވެންޓުގެ ސެމީއަށް އެލީ ދަތުރުކުރީ ކުއާޓާ ފައިނަލުގައި ޗެކް ރިޕަބްލިކްގެ ޔާން ކްލިމާޖް އާއި ގަބްރިއޭލާ ބެގޭނީގެ ޕެއާ ސީދާ ދެ ސެޓުން ބަލިކުރުމަށް ފަހުއެވެ. މެޗުގެ ސެޓުތައް ދިޔައީ 21-11 އަދި 21-14 އިންނެވެ.

އެކަމަކު ސެމީގައި އެލީގެ ޕެއާ ބަލިވީ އޮސްޓްރިއާގެ ޕެއާއެއް ކަމަށްވާ ފެލިކްސް އޮސްޓެރޭއިޗާ އާއި، އެމިލީ ސަންއާ ވާދަކޮށް 21-11 އަދި 21-10 އިންނެވެ.

މި މުބާރާތުގެ ޑަބަލްސް އިވެންޓުގައި އެލީގެ ޕާޓްނަރަކީ ޗެކް ރިޕަބްލިކުގެ ގަބްރިއޭލާ ބެގޭނީއެވެ. މި އިވެންޓުގެ ސެމީގައިވެސް ވާދަކުރަން ޖެހުނީ އޮސްޓްރިއާގެ ޕެއާއަކާ ދެކޮޅަށެވެ. އޮސްޓްރިއާގެ އެމިލީ ސަން އާއި ޕިއާ ޒާންއާ ވާދަކޮށް ބަލިވީ 21-11 އަދި 21-5 އިންނެވެ.

މި މުބާރާތުގެ ސިންގަލްސް އިވެންޓުގައިވެސް އެލީ ވަނީ ވާދަކޮށްފައެވެ. ނަމަވެސް ސިންގަލްސްގެ ގުރޫޕް ސްޓޭޖުގެ ތިން މެޗުންވެސް އެލީ ވަނީ ބަލިވެފައެވެ. 11 އަހަރުން ދަށުގެ އުމުރުފުރާއަށް ޚާއްސަކޮށްގެން ބޭއްވި މި މުބާރާތުގައި އެލީ ވާދަކޮށްފައިވަނީ އަމިއްލަ ގޮތުން ބައިވެރިވެގެންނެވެ.

މިއީ ބައިނަލްއަޤްވާމީ މުބާރާތެއްގައި އެލީ ވާދަކުރި ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރު ބެޑްމިންޓަން މުބާރާތްތަކުގައި ވާދަކުރަން ފެށި އެލީ ވަނީ ރާއްޖޭގެ މުބާރާތްތަކުގައި ވާދަކޮށް ރަނގަޅު ކާމިޔާބީތަކެއްވެސް ހޯދާފައެވެ.