ޚަބަރު

މިނިސްޓަރ ޝާހިދު އިންޑިއާގެ ދިފާޢީ ވަޒީރު ބައްދަލުކުރައްވައިފި


އިންޑިއާގެ ޑިފެންސް މިނިސްޓަރ ރާޖްނާތު ސިންގ، ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދާ ބައްދަލުކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި މިިނިސްޓަރ ޝާހިދު ވަނީ އިންޑިއާގެ ޑިފެންސް މިނިސްޓަރަށް މަރުހަބާ ވިދާޅުވެ، ރާއްޖެ އާއި އިންޑިއާގެ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ. އަދި ރާއްޖޭގެ އަސްކަރިއްޔާ އާއި ސަލާމަތީ ޚިދުމަތްތައް ކުރިއެރުމަށް އިންޑިއާއިން ދެމުން އަންނަ އެހީތެރިކަންވެސް ޝާހިދުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ދެމެދުގައި އޮތް ދިފާޢީ ގުޅުމުގެ ތެރެއިން، ޙާޞިލުކުރެވިފައިވާ މުހިންމު ކާމިޔާބީތަކުގެ މައްޗަށް ދެ ބޭފުޅުންވެސް އަލިއަޅުއްވާލެއްވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ދިފާއީ ދާއިރާއިން ދެ ޤައުމުގެ ގުޅިގެން އިތުރަށް ބަދަހިިކޮށް، އެގޮތުގެ މަތިން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެ ބޭފުޅުންވެސް ވަނީ ދެއްވާފައެވެ.

އިންޑިއާގެ ޑިފެންސް މިނިސްޓަރ މިއަދު ރާއްޖެ ވަޑައިގެންނެވީ 3 ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައެވެ.