ޚަބަރު

އެކުއެޑޯގައި ފިހާރައަކަށް ޙަމަލާދީ 10 މީހުން މަރާލައިފި


އެކުއެޑޯގެ ހުޅަނގުގައިވާ ބަނދަރުމަތީ ރަށެއް ކަމުގައިވާ ގުވަޔަކިލް ހުންނަ ފިހާރެއް ކައިރީގައި ބަޑިޖަހައި 10 މީހުން މަރައިލައިފިއެވެ. އެކުއެޑޯއަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ގިނަ ޢަދަދެއްގެ ކާޓެލްތަކާއި ގުރޫޕުތައް ހަރަކާތްތެރިވާ ޤައުމެކެވެ. ގުވަޔަކިލްގެ ފިހާރައެއް ކައިރީގައި ބަޑީގެ ޙަމަލާތަކެއްދީ ޢާންމުންގެ 10 މީހުން މަރައިލާފައި މި ވަނީ، މި ފަދަ ކުށްތަކާއި ޙަމަލާތަކާ ގުޅިގެން އެ ރަށުގައި ކުއްލި ޙާލަތު އިޢުލާނުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ޙަމަލާ ދީފައި ވަނީ މެކޭނިކް ފިހާރައެއްގެ ކައިރީގައެވެ. އެ ވަގުތު ޓީވީން ދައްކަމުންދިޔަ ފުޓުބޯޅަ މެޗެއް ބެލުމަށް ގިނަ ޢަދަދެއްގެ ބަޔަކު އެ ފިހާރަ ކައިރިއަށް ޖަމާވެފައިވާ ކަމުގައި މަންޒަރު ފެނުނު ފަރާތްތަކުން ބުނެއެވެ. ގުވަޔަކިލްގެ ފުލުހުންގެ ކޮމާންޑަރު ޖެނެރަލް ވިލިޔަމް ވިޔަރޯލް ވިދާޅުވީ، ފިހާރައަށް ޙަމަލާދީފައި ވަނީ މޫނު ނިވާކޮށްގެން ތިބި ބަޔެއް ކަމުގައެވެ.

އެ މީހުން ޙަމަލާ ދީފައި ވަނީ އެއްވެސް އިންޒާރެއް ދިނުމަކާ ނުލާ ކަމުގައި ވެސް ވިޔަރޯލް ވިދާޅުވިއެވެ. މި ހާދިސާގައި އިތުރު ތިން މީހެއްގެ ހަށިގަނޑަށް ވަޒަން އަރައި ޒަޚަމުވެފައިވާއިރު، އޭގެ ތެރޭގައި ފަސް އަހަރުގެ އަންހެން ކުއްޖަކު ވެސް ހިމެނެއެވެ. އެ ކުއްޖާގެ ޙާލު ރަނގަޅުވަމުން އަންނަ ކަމުގައި އޮފިޝަލުން ވިދާޅުވެއެވެ.

ފިހާރަ ކައިރީގައި ބަޑިޖަހައި ގިނަ ޢަދަދެއްގެ ބަޔަކު މަރައިލާފައި މި ވަނީ، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ދެ ގުރޫޕެއްގެ މެދުގައި ޖެހުނު މައްސަލައަކާ ގުޅިގެން ކަމަށް ބެލެވޭ ކަމުގައި ގުވަޔަކިލްގެ އޮފިޝަލުން ވިދާޅުވެއެވެ. އެ ރަށުގައި ހަރަކާތްތެރިވާ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ގުރޫޕުތަކުގެ މެދުގައި މާރާމާރީތަކާއި ޙަމަލާ ބަދަކުރުންތައް ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ. އަދި، މި ހާދިސާގެ ފުރިހަމަ ތަހުޤީޤެއް ހިންގަމުންދާ ކަމުގައި އެކުއެޑޯގެ ބަންޑާރަ ނައިބުގެ އޮފީހުން ބުންޏެވެ.

ގުވަޔަކިލަކީ އެކުއެޑޯގެ ޕެސިފިކް ކަނޑުގެ އައްސޭރިފަށުގައި އޮންނަ ރަށެކެވެ. އެ ރަށަކީ، އެމެރިކާއާއި ވިލާތުގެ ޤައުމުތަކަށް މަސްތުވާކެތި ފޮނުވަން، އެ ތަކެތީގެ ވިޔަފާރިކުރާ ގުރޫޕުތަކުން މައި ބަނދަރެއްގެ ގޮތުގައި ބޭނުން ކުރަމުންދާ ރަށެކެވެ. އެ ރަށުގައި ހަރަކާތްތެރިވާ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ގުރޫޕުތައް ހުއްޓުވަން އެކުއެޑޯގެ އޮފިޝަލުން ދަނީ ޚާއްޞަ އޮޕަރޭޝަނެއް ހިންގަމުންނެވެ.

އަދި، ކުށްކުރާ ގުރޫޕުތަކަކީ ޓެރެރިސްޓު ޖަމާޢަތްތަކުގެ ގޮތުގައި ބަލާނެ ކަމަށް ރައީސް ގިޔެރްމޯ ލާސޯ ވަނީ އިޢުލާނު ކުރައްވާފައެވެ. އަދި، ކުށްކުރާ ގުރޫޕުތަކުގެ ހަރަކާތްތައް އިތުރުވުމާ ގުޅިގެން ގުވަޔަކިލާގައި ކުއްލި ހާލަތު އިޢުލާނުކޮށްފައި ވަނީ އޭޕްރިލް 1 ވަނަ ދުވަހުއެވެ.

ގުވަޔަކިލްގައި ދީފައިވާ ޙަމަލާގައި މަރުވި މީހުންގެ ތެރެއިން ފަސް މީހަކު ކުށުގެ ރެކޯޑު އޮންނަ މީހުން ކަމުގައި ފުލުހުން ބުންޏެވެ. އޭގެ ތެރޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި ހަތިޔާރު ގެންގުޅުން ފަދަ ކުށްތައް ހިމެނެއެވެ. ނަމަވެސް، މި ޙަމަލާގައި ޒިންމާ ވަނީ ކޮންމެ ބަޔެއް ކަން އަދި ސާފެއް ނޫނެވެ.

2021 ވަނަ އަހަރު އެކުއެޑޯގެ ޖަލުތަކުގައި ހިނގާފައިވާ މާރާމާރީއާއި ހަމަނުޖެހުންތަކުގައި 420 އަށްވުރެ ގިނަ ގައިދީން ވަނީ މަރުވެފައެވެ. އަދި، 2022 ވަނަ އަހަރު އެ ޤައުމުގެ އާބާދީގެ ކޮންމެ 100,000 މީހެއްގެ ތެރެއިން 25 މީހުން މަރުވެފައި ވަނީ ކުށްކުރާ ގުރޫޕުތަކުގެ ޙަމަލާތަކުގައެވެ.

މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ގުވަޔަކިލާއި އެ ރަށާ އިންވެގެން އޮންނަ ޑުރާނާއި ސެމްބޮރޮންޑޮންގައި 555 މީހުން ވަނީ މަރައިލާފައެވެ. މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން އެކުއެޑޯގެ ހުޅަނގުއުތުރުގައިވާ ބަނދަރުމަތީ ރަށެއް ކަމުގައިވާ އެސްމެރެލްޑާގައި ވެސް ބަޑީގެ ޙަމަލާތަކެއްދީ ނުވަ މީހަކު މަރައިލާފައިވެއެވެ.