ފުޓުބޯޅަ

ފީފާގެ ޕްލޭންތަކާ ބެހޭގޮތުން އިންފަންތީނޯ ވާހަކަ ދައްކަވައިފި


ފީފާގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް ކުރީގެ ކުޅުންތެރިންގެ އެހީ ވަރަށް ބޮޑަށް ބޭނުންވާނެކަމަށް ފީފާގެ އާ ރައީސް ޖާނީ އިންފަންތިނޯ ވިދާޅުވެއްޖެއެވެ..

މިދިޔަ ހަފްތާގައި ނިމިގެންދިޔަ ފީފާގެ އިންތިހާބު ކާމިޔާބުކޮށް، ފީފާގެ ރައީސްކަމަށް އިންތިޚާބުވި އިންފަންތީނޯ ވިދާޅުވީ ފުޓްބޯޅަ ކުރިއަރައި އިތުރު ހަރުފަތަކަށް ދާނީ ކުރީގެ ކުޅުންތެރިންގެ ލަފައާއި، އިރުޝާދު ލިބިގެން ކަމަށާ އެއީ ފުޓްބޯޅަ ދަންނަ މޮޅު މީހުންކަމަށެވެ. އަދި ކަންކަން އިސްލާހުކޮށް ފީފާގެ ބޮޑެތި ކަންކަން ނިންމުމުގައި އެ ފަރާތްތަކުގެ ލަފަޔާއި، އިރުޝާދު ވަރަށް ބޮޑަށް ބޭނުންވާނެކަމަށް އިންފަންތީނޯ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ފީފާގެ އެތެރޭގެ އޮނިގަނޑަށް ބަދަލު ގެނެސް ހަރުދަނާ ގޮތެއްގައި ފުޓްބޯޅައިގެ ޙަރަކާތްތައް ހިންގުމަށް ނިންމާފައިވާކަމަށާއި، ފީފާ ވާލްޑް ކަޕްގައި ވާދަކުރާ ގައުމުތައްވެސް އިތުރުކުރުމާ ބައެއް މުބާރާތްތަކުގެ ފޯމެޓަށް ބަދަލު ގެންނެވުމަށް ބޮޑެތި މަޝްވަރާތަކެއް ކުރެއްވުމަށް ނިންމަވާފައިވާނޭކަމަށެވެ. މި ކަންކަން އިސްލާހުކޮށް ރަނގަޅު ބަދަލުތަކެއް ގެނެވޭނީ ސިޔާސީ ފަރާތްތަކާއި، ފުޓްބޯޅައަށް ލޯބި ކުރާ ޢާންމު ފަރާތްތަކާއި، ކުރިން ފުޓްބޯޅައަށް ޙިދުމަތް ކޮށްދީފައިވާ ފަރާތްތަކުގެ ފުރިހަމަ އެއްބާރުލުން ލިބިގެން ކަމަށް އިންފަންތީނޯ ވިދާޅުވިއެވެ.