ނުވަދިހަ އަހަރުވެފައިވާ ދިވެހި ފުލުހުންގެ ހިދުމަތް އުފެދުނީއްސުރެ، އެ މުއައްސަސާއިން އަދާކުރައްވަމުންދާ ޚިދުމަތަކީ ރައްޔިތުންގެ ރައްކާތެރިކަމާއި މުޖްތަމައުގެ އަމާންކަން ޔަގީންކުރެއްވުމަށް އަދާކުރައްވާ ބުރަ މަސްޢޫލިއްޔަތެވެ. ޤައުމުގެ އަމަން ބެލެހެއްޓެވުމަށް ފުލުހުންގެ މުއައްސަސާއިން އަދާކުރައްވާ ހިދުމަތް ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް ފުޅާވެ، އެއްގަމާއި ކަނޑުގައި، އެކި ކަންކަމަށް ހާއްސަ ފުލުހުން މިއަދު ދަނީ ހަރަކާތްތެރިވަމުންނެވެ.
ރައްޔިތުންނާއި މުދަލާއި ގެދޮރުގެ ސަލާމަތާއި ރައްކާތެރިކަން ޔަގީންކުރެއްވުމަށް ފުލުހުންގެ ހިދުމަތުން ކުރައްވާ މަސައްކަތްތަކުގެ ތެރެއިން
- ޓްރެފިކް އެންފޯސްމަންޓް ނުވަތަ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން އަހުލުވެރި ކުރުވުމާއި މަގުމަތީގެ ތަރުތީބު ދަމަހައްޓައި،
- މަގުމަތީގައި ހިނގާ ހާދިސާތައް މަދުކުރުމަށް، އެންމެންގެ ރައްކާތެރިކަމަށް ހެދިފައިވާ ޤަވާއިދުތަކާއި ޤާނޫނުތައް ތަންފީޒުކޮށް،
- މަގު ބޭނުންކުރާ އެންމެންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ
ފުލުހުންގެ މުއައްސަސާއިން ކުރައްވާ ވަރަށް މުހިއްމު ނަމަވެސް ބުރަ، އަދި ދަތިތައް އެހާމަ ގިނަ މަސައްކަތެކެވެ.
ޓްރެފިކް ޕޮލިސް ހިދުމަތް ފެށިގެން އައީ، މާލޭގައި ޓްރެފިކްގެ ބާރުބޮޑުވެ، ޓްރެފިކްގެ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް ކުރެއްވި މަސައްކަތްތަކުގެ ތެރެއިން 1 ޖެނުއަރީ 1999 ވަނަ އަހަރު ޓްރެފިކް ޕޮލިސްގެ ނަމުގައި ޔުނިޓެއް އުފެދިގެން ދިޔަ ހިސާބުންނެވެ. އަދި 2000 ފެބުރުއަރީ 27 ވީ އާދިއްތަ ދުވަހު މާލޭގައި ޢިމާރާތްކުރެވުނު 4 ވަނަ ވިލީ ފުލުސް އިމާރާތް ހުޅުވައި، މާލޭގެ ޓްރެފިކް މައްސަލަތައް ޙައްލު ކުރުމަށްޓަކައި އިދާރީ މަރުކަޒެއްގެ ގޮތުގައި އެ ވިލީ ފުލުސް ބޭނުން ކުރައްވަން ފެއްޓެވިއެވެ.
ޓްރެފިކް ބެލެހެއްޓުމަށް އެންމެ ފުރަތަމަ އުފެއްދި ޔުނިޓްގެ މަސައްކަތް 12 ފުލުހުންނާއެކު ފެއްޓެވިނަމަވެސް މިއަދު މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތް ވަނީ ވަރަށް ބޮޑަށް ފުޅާވެފައެވެ. ކުރިން ވިލީފުލުސް 4 އިން މާލެއަށް ދެމުންއައި ޓްރެފިކް ޕޮލިސްގެ ޚިދުމަތް މިއަދު މިވަނީފުޅާވެ މާލޭގެ ދެ ޕޮލިސް ސްޓޭޝަނުން އެ މަސައްކަތް ކުރަން ފަށާފައެވެ. މިއީ ރައްޔިތުންނާއި ގާތުން އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮނިގަނޑަށް ގެނެސްފައިވާ ބަދަލެކެވެ.
މުޖްތަމަޢުގެ ތެރެއިން އިވޭ އަޑުތަކަށް ބަލާއިރު ބައެއް މީހުންނަށް ޓްރެފިކް ފުލުހުން ސިފަވެފައި އޮންނަނީ ހަމައެކަނި ސްޓިކަރ ޖެހުމާއި ޖޫރިމަނާކުރަން ތިބޭ ބައެއްގެ ގޮތުގައެވެ. ހަގީގަތަށް ބަލާނަމަ ޓްރެފިކް އެންފޯސްމަންޓްގައި ހަރަކާތްތެރިވާ ފުލުހުންގެ ޒިންމާއާއި މަސްއޫލިއްޔަތު ހަމައެކަނި ސްޓިކަރއެއް ޖަހާލުމަށްވުރެ ބޮޑެވެ. ޓްރެފިކް އެންފޯސްމަންޓްގެ އެންމެ މުހިއްމު ބޭނުމަކީ މަގު ބޭނުންކުރާ އެންމެންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމެވެ. އަދި އެކްސިޑެންޓްތައް ހިނގިޔަ ނުދޭން ކުރެވެން ހުރި މަސައްކަތެއްކުރުމެވެ.
ޓްރެފިކް އެންފޯސްމަންޓްގެ ތެރެއިން ކުރާ މަސައްކަތްތަކަށް ބަލާއިރު ސްޕީޑް ގަންއާއެކު ވެހިކަލް ޗެކްޕޮއިންޓް، ވީސީޕީތައް ޤާއިމްކޮށް އުޅަނދުތަކާއި ދުއްވާ މީހުން ޤާނޫނުތަކާއި ޤަވާއިދުތަކަށް އަމަލުކުރެތޯ ޔަގީންކުރެއެވެ. ވީސީޕީތައް ޖެހުމުގެ އިތުރުން، ޓްރެފިކް އެންފޯސްމަންޓްގައި ހަރަކާތެރިވާ ފުލުހުން 24 ގަޑިއިރު މާލޭގެ އެކި ހިސާބުތަކުގައި ޕެޓްރޯލްކުރަމުންދެއެވެ.
ވީސީޕީތަކާއި ޕެޓްރޯލްކުރުމުގެ ތެރޭގައި ނުރައްކާތެރިކޮށް ދުއްވާ މީހުންނާއި ލައިސަންސް ނޯންނަ ފަރާތްތަކާއި، އަދި އެ ނޫނަސް ޤާނޫނުތަކާއި ޤަވާއިދުތަކާއި ހިލަފުވާ މީހުންނާއި އުޅަނދުތަކާމެދު ފިޔަވަޅު އަޅުއްވައެވެ. އެއީ ބަޔަކަށް އަދަބެއް ދިނުމަށްވުރެ ބޮޑަށް، މުޅި މުޖްމަތަމައުގެ ސަލާމަތާއި ރައްކާތެރިކަމާއި، މަގު ބޭނުންކުރާ އެންމެންގެ ރައްކަލަކަށް އަޅާ ފިޔަވަޅުތަކެކެވެ.
މާލޭގެ ކާރުބާރު ބޮޑު މަގުތަކުގައި ޓްރެފިކް ބަލަހައްޓާ ފުލުހުންގެ މަސައްކަތަކީ ބުރަ މަސައްކަތެކެވެ. ދުވާލުގެ އެންމެ ހޫނުގަދަވާ ވަގުތު މަގުމަތީގައި ހިނގާ މީހުންނަށް ޖާގަ ދައްކަމުން، ވެހިކަލްތައް ތޮށްޖެހުނަ ނުދިނުމަށް އެކުރަނީ ބުރަ މަސައްކަތެކެވެ. ސްކޫލްތައް ނިމޭ ވަގުތާއި ފެށޭ ވަގުތުތަކުގައި، ބާޒާރު މަތި އެންމެ ހަލަބޮލިވާ ވަގުތުއާއި، ސިނަމާލެ ބްރިޖު އެންމެ ބާރު ބޮޑުވާ ވަގުތު ފަސޭހަކަމާއެކު ދަޔުތުކޮށްލެވެނީ ޓްރެފިކް ބަލަހައްޓަން ތިއްބަވާ ފުލުހުންގެ ސަބަބުންނެވެ. މީގެއިތުރުން ނަމާދު ވަގުތުތަކުގައި މީހުން ގިނައިން ޖަމާވާ މިސްކިތްތައް ކައިރީގައި، ހާއްސަކޮށް ރޯދަމަހު ތަރީވީހް ނަމާދު ކުރާ މިސްކިތްތައް ކައިރީގައި ނަމާދުކޮށް ނިމެންދެން ޓްރެފިކް ބެލެހެއްޓުމުގައި ފުލުހުން ހަރަކާތްތެރިވެއެވެ. މާލޭގެ ތޮއްޖެހުން ބޮޑުކަމުން ފުލުހުން މަގުތަކަށް ނިކުމެ ޓްރެފިކް ބަލަހައްޓަން މަސައްކަތްނުކުރާނަމަ އާއްމުންނަށް ޖެހޭނެ ތަކްލީފް މާބޮޑުވާނެއެވެ. އަދި އެކަން ކޮށްދޭނެ އިތުރު ބަޔަކުވެސް ނުތިބޭނެއެވެ.
ޓްރެފިކް އެންފޯސްމަންޓްގެ ތެރެއިން ކުރާ އެހެން ކަންކަމަށް ބަލާލާއިރު ހާއްސަ ދުވަސްތަކާއި މުނާސަބަތުތަކާއި ދިމާކޮށް ބާއްވާ ހަރަކާތްތަކާއި ގުޅިގެން ޓްރެފިކް ފްލޯއަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ރައްޔިތުންނަށް ދައްޗެއް، ނުރައްކަލެއް ކުރިމަތިނުވާނެ ގޮތަށް ޓްރެފިކް ބަލަހައްޓައިދެއެވެ. އަދި ހިނގާފައި އުޅޭގޮތަށް ކަނޑައަޅާ ދުވަސްތަކުގައިވެސް މަގުމަތީގައި އުޅޭ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭން ޓްރެފިކް ފުލުހުން ހަރަކާތްތެރިވެއެވެ. މީގެއިތުރުން ރާއްޖޭގައި ބާއްވާ އެކި ރަސްމިއްޔާތުތަކަށް އެކި އެކި އިއްޒަތްތެރިން އެއްތަނުން އަނެއް ދަތުރުކުރައްވާއިރުވެސް ޓްރެފިކް ފުލުހުންގެ އެހީތެރިކަން ބޭނުންވެއެވެ.
ޓްރެފިކް އެންފޯސްމަންޓްގެ މަސައްކަތް އޮންނަނީ ހަމައެކަނި މަގުތަކުގައި އެކަންޏެއް ނޫނެވެ. ކޮމާންޑް ސެންޓަރގައި ހުންނަ ސިސީޓީވީ ނިޒާމުގެ ތެރެއިން މަގުތައް މޮނިޓަރކުރަމުންދާނެއެވެ. އަދި ބާރުބޮޑުވާ ދިމާތަކަށް ޓްރެފިކް ފުލުހުން ވަގުތުން ފޮނުވައި، ޓްރެފިކް މެނޭޖްކުރުމަށް ކޮމާންޑް ސެންޓަރުގެ ތެރެއިން ގިނަ މަސައްކަތްތަކެއްކުރެވެ.
ޓްރެފިކް އެންފޯސްމަންޓްގެ މަސައްކަތަކީ ހަމައެކަނި މާލެ ސަރަހައްދުގައި ކުރިއަށްދާ މަސައްކަތެއް ނޫނެވެ. މުޅި ރާއްޖޭގައި ޓްރެފިކް އެންފޯރސްކޮށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށްވަރުކުރުމަށް ފުލުހުން މަސައްކަތް ކުރަމުން ދެއެވެ. ޚާއްސަކޮށް ބޮޑެތި މަގުތަކާއި ލިންކު ރޯޑްތައް އޮންނަ ރާއްޖޭގެ އެހެން ސަރަހައްދުތަކުގައިވެސް ފުލުހުން ދަނީ ޓްރެފިކް އެންފޯސްމަންޓްގެ މަސައްކަތްތައް ކުރަމުންނެވެ.
މީގެއިތުރުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ފުލުހުން ކުރާ އަދާކުރަމުންދާ މަސައްކަތުގައި ހަރަކާތްތެރިވާ ފުލުހުން އެކުރަނީ ނުރައްކާތެރިކަން ބޮޑު މަސައްކަތެކެވެ. ސްވޮޓް ޕޮލިހުންނާއި މެރިން ޕޮލިހުން އަދި ނުރައްކާތެރި ކަންކަމާއި ކުރިމަތިލާންޖެހޭ އެހެން ފުލުހުންނެކޭ އެއްގޮތަށް ޓްރެފިކް ބަލަހައްޓާ ފުލުހުންނަށް އޮންނަ ނުރައްކާ ވަރަށްވެސް ބޮޑެވެ. ބާރު ސްޕީޑުގައި އުޅަނދުތައް ދުއްވާއިރު މަގުމެދުގައި ބިރު ކަނޑާލާފައި އެ ތިބެނީ މަގުމަތީގައި އުޅޭ އެންމެންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އަދި އެ މަސައްކަތުގެ ތެރެއިން ފުލުހުންނަށް އަނިޔާވެ، ފުރާނައަށްވެސް ނުރައްކާވާ ކަންކަން ދިމާވެފައި އެބަހުއްޓެވެ.
އެންފޯސްމަންޓަށް ކުރެވޭ މަސައްކަތުގެ ނަތީޖާ ފެންނާނީ ޓްރެފިކާއި ގުޅޭ ޤާނޫނުތަކާއި ޤަވާއިދުކާއި މަގުމަތީގެ ރައްކާތެރިކަމަށް ރައްޔިޔުންގެ ހޭލުންތެރިކަން އިތުރުކުރިގެންކަމުން، ހޭލުންތެރިކުރުވުމުގެ އެތައް ޕްރޮގްރާމްތަކެއް ފުލުހުން ދަނީ އެކި އެކި ފަރާތްތަކަށް އަމާޒުކޮށް ހިންގަވަމުންނެވެ. އަދި އެކި މުއައްސަސާތަކާއި އިދާރާތަކާއި ގުޅިގެންވެސް ހޭލުންތެރިކުރުވުމާއި ގުޅޭ ޕްރޮގްރާމްތައް ހިންގައެވެ. މަގު ބޭނުންކުރާ ފަރާތްތައް އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށާއި، މަގުމަތީގެ ސަލަމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރިއަށްގެންދާ ''ރައްކާ ކެމްޕެއިން'' އަކީވެސް ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދަމުން އަންނަ ހޭލުންތެރިކުރުވުމުގެ މަސައްކަތެކެވެ.
ޓްރެފިކް އެންފޯސްމަންޓަށް ނުވަތަ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މަގުމަތީގެ ޤަވާއިދުތައް ތަންފީޒުކުރުމުގައި ފުލުހުން އަދާކުރަމުންދާ ދައުރުން ނިކުންނާނެ ނަތީޖާއަކީ މުޅި ޤައުމަށް އެކަމުގެ ސަބަބުން އުމްރާނީ ގޮތުންނާއި އިޤްތިޞާދީ ގޮތުން އެތައް ފައިދާތަކެއް ލިބިގެންދާނެ މަސައްކަތެކެވެ. އިލްމީ ދިރާސާތައް ދައްކާގޮތުން މަގުތައް ރަނގަޅަށް ބަލަހައްޓައިގެން، ޓްރެފިކް މެނޭޖްކުރާ ޤައުމުތަކަށް ގިނަ ފައިދާތަކެއް ކުރާނެއެވެ.
އިނގިރޭސިވިލާތުގައި ހެދި ދިރާސާއަކުން ދެއްކި ގޮތުގައި ބާރަށް ދުއްވާ މީހުން މަދުކުރުމަށް ސްޕީޑް ކެމެރާ ހަރުކުރުމުން އެކްސިޑެންޓްތަކުގައި މަރުވާ އަދި އަނިޔާ ލިބޭ މީހުންގެ އަދަދު 42 އިންސައްތަ ދަށްކުރެވިފައެވެ. އެމެރިކާގައި ކުރިއަށްގެންދިޔަ ދިރާސާއަކުން ދެއްކި ގޮތުގައި ޓްރެފިކް ބާރުބޮޑުވުން ކުޑަވާވަރަކަށް ޕަބްލިކް ޓްރާންސްޕޯޓަށް އޮންނަ އިތުބާރު ބޮޑުވެ، ޕަބްލިކް ޓްރާންސްޕޯޓް ނިޒާމު ބޭނުންކުރާ މީހުންގެ އަދަދު އިތުރުވެއެވެ. އަދި ޕަބްލިކް ޓްރާންސްޕޯޓަށް އިންވެސްޓްކުރާ އަދަދުގެ 3 ގުނަ އިޤްތިޞާދީ ފައިދާގެ ގޮތުގައި އަނބުރާ ލިބެއެވެ. އީޔޫގެ ދިރާސާއަކުން ދެއްކި ގޮތުގައި ވެހިކަލް ތޮއްޖެހުން ބޮޑުވާ ސަރަހައްދުތަކުގައި ވެހިކަލް ދުއްވުމަށް ފީއެއް ނަގާތީ އެކަމުގެ ސަބަބުން ތޮއްޖެހުން ކުޑަވުމުގެ އިތުރުން ވައިގެ ސާފުކަންވެސް ވަނީ އިތުރުވެފައެވެ. އަދި ޓްރެފިކް މެނޭޖްކޮށް، ތޮށްޖެހުން ކުޑަކުރުމުން ލިބޭ ފައިދާތަކުގެ ސަބަބުން ވިޔަފާރިތަކަށް ލިބޭ ގެއްލުން އެތައް ގުނައެއް ކުޑަކުރެވިގެންދެއެވެ.
މިހުރިހާ ކަންކަމަކީ ރާއްޖޭގައިވެސް ކުރެވޭނެ ކަންކަމެވެ. އަދި އޭގެ ފައިދާ ހުރިހާ ރައްޔިތުންނާއި މުޖްތަމަޢުއަށް ލިއްބައިދޭނެ މަސައްކަތްތަކެވެ. ނަމަވެސް އެ ކަންކަން ހާސިލުކުރުމަށް ފުލުހުން ކުރާ މަސައްކަތަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބިގެން ނޫނީ އެ އަމާޒަށް ވާސިލުވެ، އެ ފައިދާތަކާއި މަންފާތަކެއް ނުލިބޭނެއެވެ. ޓްރެފިކް ބެލެހެއްޓުމަށް ފުލުހުން ކުރާ ހަމައެކަނި މަސައްކަތަކީ ސްޓިކާރ ޖެހުން ނޫންކަމާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ފުލުހުން ރެއާއި ދުވާލު، ފުރާނަ ނުރައްކަލަށް ހުށަހަޅައިގެން އެކުރާ މަސައްކަތަކީ މުޅި މުޖްތަމައުއާއި އާއްމު ހުރިހާ ފަރުފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތްތަކެއްކަން ހުރިހާ ރައްޔިތުންވެސް ޤަބޫލުކޮށް، އެކަމަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދީގެން ނޫނީ މަގުމައްޗަކީ އެންމެންނަށް ރައްކާތެރި އަމާންތަނަކަށް ނުހެދޭނެއެވެ.