ޚަބަރު

އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލުގެ އަގުހެޔޮކޮށްފި


ސަރުކާރުގެ ވިޔަފާރި ކުންފުނި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސް.ޓީ.އޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮ ކުރަން ނިންމައިފިއެވެ.

މިއަދުން ފެށިގެން ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކުރަން ނިންމީ ތެޔޮ ގަންނަން ލިބޭ އަގު ހެޔޮވުމާއި ގުޅިގެންކަމަށް އެސްޓީއޯއިން ބުނެއެެވެ. އެގޮތުން ޕެޓްރޯލް ލީޓަރަކުން 83 ލާރި އަދި ޑީސަލް ލީޓަރަކުން 62 ލާރި ވަނީ އަގުހެޔޮކޮށްފައެވެ.

އެސްޓީއޯއިން ބުނީ އަގަށް ގެނެވުނު ހެޔޮ ބަދަލާއެކު މިއަދުން ފެށިގެން ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ސްޓޭޝަންތަކުން ޕެޓްރޯލް ލީޓަރެއް 15.14 ރުފިޔާއަށް އަދި ޑީސަލް ލީޓަރެއް 15.70 ރުފިޔާއަށް ލިބޭނެކަމަށެވެ.

އެސްޓީއޯއިން ބުނީ އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ މި ކުންފުނިން ފޯރުކޮށްދޭ އެންމެހާ ޚިދުމަތްތައް ހުއްޓުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްކަމަށެވެ. މިގޮތުން ދުނިޔޭގެ ބާޒާރުގައު ތެޔޮ ގަންނަން ލިބޭ އަގަށް އަންނަ ބަދަލުތަކާއެކު އެސްޓީއޯއިން ތެޔޮ ވިއްކާ އަގުތަކަށްވެސް ބަދަލު ގެންނާނެކަމަށް އެ ކުންފުނިން ބުނެއެވެ.

އެސްޓީއޯއަކީ ރާއްޖެއަށް އެންމެ ފުޅާ ދާއިރާއެއްގައި ތެޔޮ އެތެރެކުރާ ކުންފުންޏެވެ. އެ ކުންފުނީގެ ދަށުން ހިންގާ ފިއުލް ސަޕްލައި މޯލްޑިވްސްއަކީ މުޅި ރާއްޖެއަށް ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތްކުރާ ކުންފުންޏެވެ. އެގޮތުން މާލެގައި ހުންނަ ޕެޓްރޯލް ޝެޑުތަކުގެ އިތުރުން، މަސްވެރިންނަށް ބޭނުންވާ ތެލާއި ރަށްރަށުގެ އިންޖީނުގެތައް ހިންގުމަށް ބޭނުންވާ ތެޔޮވެސް ފޯރުކޮށްދެނީ އެކުންފުނިންނެވެ.