ޚަބަރު

މުސާރައިގެ ކުރިއެރުން ސިއްޙީ ދާއިރާގެ 3710 މުވައްޒަފަކަށް


ސިއްޙީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން 3710 މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށްފަހު، ދައުލަތުގެ ޕޭ ފްރޭމްވަރކް ތެރޭގައި ހިމަނުއްވައިފިއެވެ.

މެއިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ސިއްޙީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވަނީ ނިންމަވާފައެވެ. ރައީސްގެ މި ނިންމެވުމާއެކު މިހާރުވަނީ އެދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައަށް އައިސްފައިވާ ކުރިއެރުންތައް ސަރުކާރުން ހާމަކުރައްވާފައެވެ.

ސިއްހީ ދާއިރާގެ 3710 މުވައްޒަފުންގެ ބޮޑުކޮށްފައިވާއިރު، އޭގެތެރޭގައި ހިމެނެނީ ރީޖަނަލް ހޮސްޕިޓަލް 520 މުވައްޒަފުން، އަތޮޅު ހޮސްޕިޓަލްގެ 471 މުވައްޒަފުން، ހެލްތު ސެންޓަރުތަކުގެ 965 މުވައްޒަފުން، އައިޖީއެމްއެޗްގެ 1004 މުވައްޒަފުން، ހުޅުމާލެ ހޮސްޕިޓަލް 298 މުވައްޒަފުން އަދި އެހެނިހެން ދާއިރާތަކުގައި މަސައްކަތްކުރާ 452 މުވައްޒަފުންނެވެ. އެހެނިހެން ދާއިރާތަކުގެ މުވައްޒަފުންގެ ތެރޭގައި ހިމެނެނީ ހޯމް މިނިސްޓްރީގެ ޖުވެނައިލް ޖަސްޓިސް ޑިޕާޓްމަންޓާއި ޖެންޑަރ މިނިސްޓްރީ އަދި ސްކޫލްތަކުގައި ސިއްހީ ކަންކަމާއި ގުޅޭގޮތުން މަސައްކަތްކުރައްވާ މުވައްޒަފުންނެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޭޝަނަލް ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޑރ.މުޙައްމަދު ފައިޒަލް ވިދާޅުވީ މުސާރަ ބޮޑުކޮށްފައިވަނީ ހަމައެކަނި ދިވެހި މުވައްޒަފުންނަށްކަމަށެވެ. އަދި ސިއްޙީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައަށް ކުރިއެރުން ގެނެސްފައިވަނީ މައިގަނޑު 5 ކަމަކަށް ބެއްލެވުމަށްފަހުގައިކަމަށް އޭނާ ވިދާޅުވިއެވެ. އޭގެތެރޭގައި އެލައިޑް ހެލްތުގެ ފަންނުތަކުގެ މުސާރަތަކަށް އެކަށީގެންވާ ރަނގަޅު ކުރިއެރުމެއް ގެނައުމާއި ހުރިހާ ފަންނުތަކުގެ މުވައްޒަފުންވެސް އެންމެ ދަށްވެގެން "ފުރަތަމަ ޑިގްރީ" ހާސިލްކުރުމަށް ބާރު އެޅުމާއި މީގެ އިތުރަށްޞިއްޙީ ދާއިރާގެ ފަންނުތަކުގެ ތެރެއިން ދިވެހިން ބިނާކުރުމަށް މިހާތަނަށް ދަތިކަމަށް ފާހަގަކުރެވިފައިވާ ފަންނުތަކަށް ދިވެހިން ކުރިމަތިލުމަށް ހިތްވަރު ދިނުން ހިމެނެއެވެ.

"ދަޢުލަތުގެ ޕޭ ފްރޭމް ވޯރކްއަށް ހިޖުރަކޮށް މުސާރާއިގެ ކުރިއެރުން އައިސްފައިވަނީ ހަމައެކަނި ދިވެހި މުވައްޒަފުންނަށް." އަދި މުސާރައިގެ ކުރިއެރުން އައި މުވައްޒަފުންނަށް ކޮންމެ 2 އަހަރަކުން މަޤާމުގެ އެލަވަންސް އިތުރުވަމުންދާނެ." ނޭޝަނަލް ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޑރ.މުޙައްމަދު ފައިޒަލް ވިދާޅުވިއެވެ.

ޑޮކްޓަރުގެ މުސާރައަށް އައި ކުރިއެރުން

ޖެނެރަލް މެޑިކަލް އޮފިސަރުންގެ ގޮތުގައި ތިބި 236 މުވައްޒަފުންނަށް ކުރިން އިތުރުގަޑީގެ އެލަވަންސްއާ ނުލައި މިހާތަނަށް ލިބެމުން އައީ 27000 އާއި 28000 ދެމެދުގެ މުސާރައެކެވެ. އެހެންނަމަވެސް މިހާރު އެމީހުންގެ މުސާރައަށް ވަނީ 33000 އިން 44000 ރުފިޔާއަށް ބަދަލުވެފައެވެ.

ސްޕެޝަލިސްޓް ޑޮކްޓަރުގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ 120 ޑޮކްޓަރަކަށް ކުރިން 40000އާއި 54000 ދެމެދުގެ މުސާރައެއް ލިބުނުނަމަވެސް މި ބަދަލާއެކު އެމީހުންގެ މުސާރަ ވަނީ 48000އާއި 66000 ދެމެދުގެ އަދަދަކަށް މުސާރަ ބޮޑުވެފައެވެ.

ސަބް ސްޕަޝަލިސްޓުންގެ ގޮތުގައި 11 މުވައްޒަފަކު އެބަތިއްބެވެ. އެމީހުންނަށް ކުރިން ލިބެމުން އައީ 60000 އާއި 71000 ދެމެދުގެ މުސާރައެކެވެ. ނަމަވެސް މިއައި ބަދަލާއެކު 68000 އިން 87000 އަށް ވަނީ އިތުރުވެފައެވެ.

ނަރުހުންގެ މުސާރައަށް އައިސްފައިވާ ކުރިއެރުންތައް

ރާއްޖޭގައި މިވަގުތު ތިބި ދިވެހި 1971 ނަރުހުންނަށް ކުރިން 17000 އާއި 19000 ދެމެދުގެ މުސާރައެއް ލިބުނުނަމަވެސް އެމީހުންގެ މުސާރާ ވަނީ 18000 އާއި 32000 ދެމެދުގެ މުސާރައަކަށް ބަދަލުވެފައެވެ.

ސްޕެޝަލް ކެއަރ ނަރުންގެ ގޮތުގައި މަސައްކަތް ކުރާ 117 ނަރުހުންގެ މުސާރަ ކުރިން ހުރީ 19000 އާއި 21000 ދެމެދުގައެވެ. ނަމަވެސް ގެނެވުނު ބަދަލާއެކު މިހާރު ސްޕެޝަލް ކެއަރ ނަރުހުންގެ މުސާރަ ވަނީ 25000 ހަމައަށް ބޮޑުވެފައެވެ.

މެނޭޖަރ ނަރުހުންނަށް ކުރިން ލިބެމުން ދިޔައީ 20000 އާއި 22000 ދެމެދުގެ އަދަދެއްގެ މުސާރައެކެވެ. ނަމަވެސް މެއި މަހުން ފެށިގެން އެމީހުންގެ މުސާރަ ވަނީ 31000 އިން 48000 ދެމެދު ބޮޑުކޮށްފައެވެ.

މުސާރައިގެ އޮނިގަނޑުގެ ތެރޭގައި ވަނީ ނައިޓް ޑިއުޓީ އަދާ ކުރާ މުވައްޒަފުންގެ ތެރެއިން ދަންވަރު 00:00 އިން ހެނދުނު 6:00 އަށް ދެމެދު މަދުވެގެން 4 ގަޑިއިރު ޑިއުޓީ އަދާކުރާ މުވައްޒަފުންނަށް ރެޔަކަށް 100 ރުފިޔާ ދިނުމަށް ހިމަނާފައެވެ.

ނަރުހުންގެ ވޯޑްތަކުގެ އިސް ޒިންމާ އަދާކުރާ ފަރާތްތަކަށް މަސައްކަތަށް ހާޒިރުވާ ދުވަހަކަށް 100 ރުފިޔާގެ އެލަވަންސެއް ދިނުމަށްވެސް ވަނީ ހިމަނާފައެވެ. އަދި އޮންކޯލްގައި ތިބޭ ސްޕެޝަލިސްޓް އަދި ސަބް-ސްޕެޝަލިސްޓް ޑޮކްޓަރުން/ޑެންޓިސްޓުންނަށް ދުވާލަކަށް 100 ރުފިޔާގެ އެލަވަންސްއެއް ދޭނެއެވެ.

ސިއްޙީ ދާއިރާގެ ފަންނީ 3710 މުވައްޒަފުންގެ އިތުރުން އެ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ މުވައްޒަފުންނަށްވެސް ވަނީ މުސާރައިގެ ކުރިއެރުން ވަނީ ލިބިފައެވެ. އެގޮތުން ސިއްޙީ ދާއިރާގައި މަސައްކަތް ކުރާ ފަންނީ އަދި އިދާރީ މުވައްޒަފުން ހިމެނޭހެން 9838 މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން އައިސްފައިވެއެވެ. މިގޮތުން އިދާރީ މުވައްޒަފުންނަށް މުސާރައިގެ %35 އިންސައްތަ ކުރިއެރުމެއް ވަނީ އައިސްފައެވެ. މީގެ ތެރޭގައި ސިއްޙީ ޚިދުމަތްދޭ އެކި ތަންތަނުގައި ތިބި 4761 މުވައްޒަފުންނާއި ސަރުކާރުގެ ބައެއް އިދާރާތަކުގައި މަސައްކަތް ކުރާ 1367 ސިއްޙީ އެހީތެރިން ހިމެނެއެވެ.

ސިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް އައި ބަދަލާއެކު ކޮންމެ އަހަރު ދައުލަތުގެ ބަޖެޓުން އެކަމަށް 482.2 މިލިޔަން ރުފިޔާ ޚަރަދުވާނޭކަމަށް ސަރުކާރުން ވިދާޅުވެއެވެ.