ތަޢުލީމު

ވިލާ ކޮލެޖުން 58 ކޯހަކަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި


މިއަހަރުގެ މޭ މަހު ވިލާ ކޮލެޖުގައި ކިޔެވުން ފަށާއިރު، މުޅިން އަލަށް ފަށާ ބައެއް ކޯސްތަކާއެކު ޖުމްލަ 58 ކޯހަކަށް ވަނުމުގެ ފުރުސަތު އެ ކޮލެޖުން ހުޅުވާލައިފިއެވެ.

ޔުނިވަރސިޓީ އޮފް ވެސްޓް އޮފް އިންގުލޭންޑްގެ ބައެއް ކޯސްތަކަށްވެސް ވިލާ ކޮލެޖު މެދުވެރިކޮށް ކިޔެވޭނެ އިންތިޒާމު ހަމަޖައްސައި، އެ ކޮލެޖުން ހުޅުވާލި ފުރުސަތުތަކަށް ކުރިމަތިލުމުގެ މުއްދަތު އޭޕްރީލް މަހުގެ 10 ވަނަ ދުވަހާ ހަމައަށްވަނީ ހުޅުވާލާފައެވެ. މިފަހަރު ހުޅުވާލި ފުރުސަތުގައި ހާހެއްހާ ދަރިވަރުންނަށް ފުރުސަތު ދެވޭނެކަމަށް ވިލާކޮލެޖުން މައުލޫމާތު ދެއްވައެވެ. މިހާރުވެސް އެކޮލޮޖުން ހިންގާ އެކި ކޯސްތަކުގައި 4،000 ދަރިވަރުން ކިޔަވާކަމަށް ވިލާކޮލެޖުންވަނީ ހާމާކުރައްވާފައެވެ. މިފަހަރު ހުޅުވާލި ފުރުސަތުގައި ވިލާކޮލެޖުން މުޅިން އަލަށް ފަށާ ދިވެހިބަހާ ތާރީހްގެ ޑިގްރީ ކޯހެއް ހިމެނެއެވެ. މީގެ އިތުރުން ޔުނިވަރސިޓީ އޮފް ވެސްޓް އޮފް އިންގުލޭންޑުގެ 2 ކޯހެއް އަލަށް ފަށާއިރު، އޭގެތެރޭގައި ބީ.އެސް.ސީ. ކޮމްޕިއުޓަރ ސައިންސާއި ޝަރިއާ އިން ލޯގެ ޑިގްރީ ކޯހެއް ހިމެނެއެވެ.

މޭ މަހު ފަށާ ކޯސްތަކުގެ ތެރޭގައި ހިމެނެނީ މާސްޓަރސް ފެންވަރުގެ 5 ކޯހަކާއި ޕޯސްޓް ގްރެޖުއޭޓް ފެންވަރުގެ 4 ކޯހަކާއި ޑިގްރީ ފެންވަރުގެ 14 ކޯހަކާއި އެޑްވާންސް ޑިޕްލޮމާގެ 2 ކޯހެކެވެ. އަދި ޑިޕްލޮމާ ފެންވަރުގެ 5 ކޯހަކާއި ފައުންޑޭޝަން ފެންވަރުގެ 9 ކޯހަކާއި ސެޓްފިކެޓް 3 ފެންވަރުގެ 8 ކޯހެއް ހިމެނޭކަމަށް ވިލާ ކޮލެޖުން މައުލޫމާތުދެއްވައެވެ. މި ހުރިހާ ފުރުސަތު ތަނަވަސްކޮށްދެވިގެން ދިޔުމުން ރާއްޖޭގައި ތިބެގެން މަތީފެންވަރުގެ ތައުލީމު އުނގެނުމުގެ ފުރުސަތު ތަނަވަސްކޮށްދެވިގެން ގޮސްފައިވާކަމަށް ވިލާކޮލެޖުގެ ރެކްޓަރ ޑރ. އަހުމަދު އަންވަރު ވިދާޅުވިއެވެ.

މާލޭގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވިލާކޮލެޖުން ޤާއިމުކޮށްފައިވާ ކެންޕަސްތަކުގައިވެސް ދަރިވަރުން ކިޔަވަމުންދެއެވެ. ވިލާކޮލެޖުގެ މާރކެޓިން އެގްޒެކެޓިވް ޑިރެކްޓަރު ޑރ. އަލީ ނަޖީބު ވިދާޅުވީ ޑިމާންޑް އޮތްވަރަކަށް ބެލުމަށްފަހު އަތޮޅު ތެރޭގެ ކެންޕަސްތަކުގައިވެސް ވިލާ ކޮލެޖުން ހިންގާ ކޯސްތައް ކުރިއަށްގެންދާ ކަމަށެވެ. އަތޮޅުތެރޭގައި ހިންގިނަމަވެސް އެކޯސްތައް މާލޭގައިވެސް ހިންގާ ފެންވަރަށް ކުރިއަށްގެންދާކަން ޑރ. ނަޖީބު ފާހަގަކުރެއްވިއެވެ.

ވިލާކޮލެޖަކީ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގައި ރަޖިސްޓްރީކޮށް ހިންގަންފެށި ރާއްޖޭގެ ފުރަތަމަ ޕްރައިވެޓް ކޮލެޖެވެ. 2007 ވަނަ އަހަރު ވިލާކޮލެޖުގެ ފުރަތަމަ ކޯސް ފަށާފައިވަނީ އެންމެ 20 ދަރިވަރުންނާއި އެކުގައެވެ.