ތަޢުލީމު

ރާއްޖޭގެ ސްކޫލެއްގައި މާއްދާއެއްގެގޮތުގައި ޗެސް ތަޢާރަފްކޮށްފި


ރާއްޖޭގެ ސްކޫލެއްގައި ޗެސް މާއްދާއެއްގެ ގޮތުގައި ތަޢާރަފްކޮށް ކިޔަވައިދޭން ފަށައިފިއެވެ.

ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް ޝިރުމީނާ ފަހީމް ވިދާޅުވީ އެސްކޫލްގައި ޗެސް، މާއްދާ ތަޢާރަފްކޮށް ކިޔަވައިދޭން ފަށާފައިވާ ކަމަށެވެ. އެގޮތުން ކަރިކިއުލަމްގެ ތެރޭގައި ހިމަނައިގެން ގްރޭޑް 1 ން 5 ގެ ދަރިވަރުންނަށް ހަފްތާއަކު އެއް ޕީރިއަޑްގައި ޗެސް ކިޔަވައިދޭނެކަމަށް އޭނާ ވިދާޅުވިއެވެ.

މި މާއްދާ ކިޔަވައިދެމުންދާނީ އެސްކޫލްގެ ހިސާބު ކިޔަވައިދެމުންދާ ޓީޗަރުން ކަމަށާއި، މިކަމަށްޓަކައި ޓީޗަރުންވެސް ތަމްރީނުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކިޔަވައިދިނުމަށް ބޭނުންވާ ތަކެތި އޮންލައިންކޮށް ލިބޭނެ އިންތިޒާމުވެސް ހަމަޖެހިފައިވާ ކަމަށެވެ. ޝިރުމީނާ ވިދާޅުވީ ޗެސް ކިޔަވައިދެމުންދާނީ ޗެސް ފެޑަރޭޝަންގެ އެހީތެރިކަމާއެކުގައި ކަމަށެވެ. އެ ފެޑެރޭޝަނުން 15 ޗެސް ބޯޑު ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލަށް ހަދިޔާކޮށްފައިވެއެވެ.

ޗެސް މާއްދާއެއްގެ ގޮތުގައި ކިޔަވައިދިނުމުގެ މަޤްޞަދަކީ ދިރިއުޅުމުގައި ސިކުނޑީގެ ދުޅަހެޔޮކަމާއި ވިސްނުމުގެ ކުޅަދާނަކަން އިތުރުކުރުމަށް އެހީވެދޭނެ ގޭމެއްކަމުގައި ވުމުންކަމަށް އެސްކޫލުން ވިދާޅުވެއެވެ. ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލްގައި ގްރޭޑް 1 ން ފެށިގެން 10 އާ ހަމައަށް ދަނީ ކިޔަވައިދެމުންނެވެ.