ޚަބަރު

ރައީސީގެ ހޫނު ބަހުގެ ޙަމަލާތަކެއް އެމެރިކާއަށް


މެދުއިރުމަތީގެ ޤައުމުތަކަށް އެމެރިކާއިން ބާރާއި ނުފޫޒު ފޯރުވަން ކުރަމުންދާ މަސައްކަތްތަށް ކުށްވެރިކުރައްވައި، އީރާނުގެ ރައީސް އިބްރާހިމް ރައީސީ އެމެރިކާއަށް ހޫނު ބަހުގެ ޙަމަލާތަކެއް އަމާޒުކުރައްވައިފިއެވެ. ރައީސީ އެމެރިކާއަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައި ވަނީ އެ ޤައުމަށް ވަޑައިގެން އުޅުއްވާ އިރާޤުގެ ރައީސް ޢަބްދުލް ލަޠީފް ރާޝިދާ އެކު ބޭއްވެވި ބައްދަލުވުމަކަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ.

އެމެރިކާއާއި އީރާނަކީ ދުޝްމަނުންގެ ގޮތުގައި ދެ ޤައުމުން ވެސް ގަބޫލުކުރެއެވެ. 2003 ވަނަ އަހަރު އިރާޤަށް އަރައި އެމެރިކާ ސިފައިން އެ ޤައުމުގެ ކުރީގެ އިންތިޚާބީ ރައީސް ސައްދާމް ޙުސައިން އަވަހާރަކޮށްލި ފަހުން، އެ ޤައުމަށް ބާރާއި ނުފޫޒު ފޯރުވަން އެމެރިކާގެ އިތުރުން އީރާނުން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

ސައްދާމްގެ ވެރިކަން ވައްޓައިލި ފަހުން މެދުއިރުމަތީގެ ބައެއް ސަރަޙައްދުތަކަށް އަތްގަދަ ކުރި އިސްލާމިކް ސްޓޭޓް (އައި.އެސް)އާ ދެކޮޅަށް ކުރި ހަނގުރާމައިގައި އެމެރިކާއާއި އީރާނުން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އިރާޤުގައި އެމެރިކާގެ 2,500 އަށްވުރެ ގިނަ ސިފައިން އަދިވެސް ތިބެއެވެ. އަދި، ސޫރިޔާގައި ތިބި އެމެރިކާ ސިފައިންގެ ފައުޖުގެ ޢަދަދު 900 އަށް އަރައެވެ. އެމެރިކާގެ ކަނޑުގެ ސިފައިންގެ ފިފްތް ފްލީޓް ގާއިމުކޮށްފައި ތިބެނީ ބަޙުރައިނުގައެވެ.

"މެދުއިރުމަތީގެ ޤައުމުތަކުގައި ބޭރު ޤައުމުތަކުގެ ސިފައިން ތިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. މި ސަރަޙައްދުގެ ޤައުމުތަކުގައި ތިބި އެމެރިކާ ސިފައިންގެ ސަބަބުން ސަރަޙައްދީ ސަލާމަތަށް ނުރަނގަޅު އަސަރުތައް ކުރޭ. ނުރައްކާވޭ. އިރާޤާއި އީރާނާ ދެމެދު އޮތީ ވަރަށް ގާތް ގުޅުމެއް. އެއް ޤައުމުން އަނެއް ޤައުމުގެ މަސްލަޙަތަށް އިޙުތިރާމު ކުރޭ. މަސްލަޙަތު ހިމާޔަތް ކުރަން މަސައްކަތް ކުރޭ. ނަމަވެސް، އެމެރިކާއިން އުޅެނީ އެ ޤައުމުގެ އަމިއްލަ މަސްލަޙަތު ހިމާޔަތްކުރަން،" ރައީސީ ވިދާޅުވިއެވެ.

1980ގެ އަހަރުތަކުގެ ތެރޭގައި އިރާޤާއި އީރާނާ ދެމެދު އަށް އަހަރަށް ދެމިގެންދިޔަ ދިގު ހަނގުރާމައެއް ކޮށްފައިވެއެވެ. ނަމަވެސް، 2003 ވަނަ އަހަރު ސައްދާމްގެ ވެރިކަން ވައްޓައިލި ފަހުން ދެ ޤައުމުން ދަނީ ގުޅުންތައް ބަދަހިކުރަން މަސައްކަތް ކުރަމުންނެވެ. އީރާނާ ދެކޮޅަށް ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން އިރާޤަކީ އެ ޤައުމަށް މުހިންމު އިޤުތިޞާދީ ބައިވެރިއެކެވެ. އިރާޤަށް އީރާނުން ދަނީ ގޭހާއި ކަރަންޓާއި އަދި އެހެނިހެން މުދާ ވިއްކަމުންނެވެ.

ރާޝިދާ އެކު ބޭއްވެވި ބައްދަލުވުމުގައި ރައީސީ ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ވިޔަފާރިއާއި އިޤުތިޞާދީ ގުޅުންތަކުގެ އިތުރުން އަސްކަރީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވާފައެވެ. އަދި، ފެނާއި ކަރަންޓު ހަކަތައިގެ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރަމުންދާނެ ކަމުގައި ރައީސީ ވިދާޅުވިއެވެ. އިރާޤުގެ ސަރަޙައްދީ ރޮނގުގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ އީރާނަށް މުހިންމު ކަމެއްގެ ގޮތުގައި ވެސް ރައީސީ ސިފަ ކުރެއްވިއެވެ.