ދުނިޔެ

ޕެރޫއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެ 2 މީހުން މަރުވެއްޖެ


ޕެރޫގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން 2 މީހުން މަރުވެ، 2،600 އަށްވުރެ ގިނަ މީހުން ހާލުގައި ޖެހިއްޖެއެވެ.

ޕެރޫގެ ސަރުކާރުން ބުނާ ގޮތުގައި މިސަރަޙައްދަށް މިހާރު މި ކުރަމުންދާ ވިއްސާރައަކީ އެލް-ނީނޯ، ނުވަތަ ކަނޑުގެ ފިނިހޫނުމިނަށް އަންނަ ކުއްލި ބަދަލެއްގެ ސަބަބުން ދިމާވާ ކަމެއްކަމަށް ބެލެވޭ ކަމަށެވެ. ޕެރޫއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން އެޤައުމުގެ ބޮޑު ސަރަޙައްދެއްގައި ފެންބޮޑުވެ، ކޯރުތައް ބަންޑުން ޖަހާލައި، ބިންގަނޑު ކަޑައިގެން ދިއުމުގެ ސަބަބުން މިހާތަނަށް 2 މީހުން މަރުވެފައިވެއެވެ.

ޕެރޫގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސިވިލް ޑިފެންސްއިން ދަނީ ހާލުގައި ޖެހިފައިތިބި ރައްޔިތުންނަށް އެހީތެރިވުމަށް މަސައްކަތް ކުރަމުންނެވެ. އޮފިޝަލުން މައުލޫމާތު ދޭގޮތުގައި ޕެރޫގެ ބައެއް ސަރަޙައްދުތަކުގައި 16 އިންޗިއަށް ފެންބޮޑުވެފައިވެއެވެ. އަދި ގިނަ ސަރަޙައްދުތަކެއްގައި ކަރަންޓާއި އެހެނިހެން ހިދުމަތްތައް ވަނީ މެދުކެނޑިފައެވެ. ދުނިޔޭގެ މޫސުމާބެހޭ އިދާރާއިން މައުލޫމާތު ދޭގޮތުގައި މިއަހަރު އެލް-ނީނޯގެ އަސަރު ވޭތުވެދިޔަ 15 އަހަރަށް ވުރެ ވަނީ ވަރުގަދަވެފައެވެ.

ޕެރޫއަކީ އެޤައުމުގެ ތާރީހުގައިވެސް ގިނަ އަދަދަކަށް ފެންބޮޑުވުމުގެ ހާދިސާތަކާއި ކުރިމަތިލާފައިވާ ޤައުމެކެވެ. މިގޮތުން 1982 އަދި 1983 ގައި ޕެރޫގައި ހިނގި މިފަދަ ހާދިސާތަކުގައި 9،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ.