ޚަބަރު

ޔޫކްރެއިނުގެ ބޮޑެތި ރަށްތަކަށް ޙަމަލާދީ ޢާންމުންގެ 21 މީހުން މަރައިލައިފި


ރަޝިޔާއިން ޔޫކްރެއިނުގެ ވެރިރަށް ކީވާއި އެހެން ބޮޑެތި ރަށްތަކަށް ދިން ނުރައްކާތެރި މިސައިލް ޙަމަލާތަކެއްގައި ޢާންމުންގެ 21 މީހުން މަރުވެއްޖެއެވެ. ކީވްގެ އިތުރުން ޔޫކްރެއިނުގެ ބޮޑެތި ރަށްތަކުގެ ތެރެއިން ގިނަ ރަށްތަކަށް ރަޝިޔާއިން ވަނީ މިސައިލް ޙަމަލާތައް ދީފައެވެ. 21 މީހުން މަރުވެފައި ވަނީ ޑްނިޕްރޯއާއި އުމާނަށް ދީފައިވާ މިސައިލް ޙަމަލާތަކުގައެވެ.

ހުސްވި އަހަރުގެ ފިނިމޫސުމުގެ ތެރޭގައި ވެސް ރަޝިޔާއިން ވަނީ ވެރިރަށް ކީވަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. ރަޝިޔާއިން ކީވަށް އެންމެ ފަހުން ޙަމަލާ ދީފައި ވަނީ މީގެ 50 ވަރަކަށް ދުވަސް ކުރިންނެވެ. އެންމެ ވަރުގަދައަށް ހަނގުރާމަ ހިނގަމުން ދަނީ ޔޫކްރެއިނުގެ އިރުމަތީގައިވާ ސަރަޙައްދުތަކުގައެވެ. އިރުމަތީ ދޮންބާސްގެ ޑޮނެޓްސްކުގެ ރަށެއް ކަމުގައިވާ ބަޚްމުތް ހިފުމަށް ރަޝިޔާ ސިފައިން މަސައްކަތް ފަށާފައިވާތާ މިހާރު ނުވަ ވަރަކަށް ފަސް ވެއްޖެއެވެ.

ޑްނިޕްރޯއަށް ދިން ޙަމަލާތަކުގައި މަރުވި 19 މީހުންގެ ތެރޭގައި ޒުވާން އަންހެނަކާއި ދެ އަހަރުގެ ކުޑަކުއްޖެއް ހިމެނޭ ކަމުގައި އެ ރަށުގެ މޭޔަރު ބޮރިސް ފިލެޓޮފް ވިދާޅުވިއެވެ. ޙަމަލާތަކުގައި ޢާންމުން ދިރިއުޅޭ އެޕާޓްމަންޓް ޢިމާރާތަކަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެ، އަލިފާން ރޯވެފައެވެ. ޙަމަލާތަކުގައި 80,000 އެއްހާ މީހުންގެ އާބާދީއެއް އޮންނަ އުމާނަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

ކީވަށް އަމާޒުކޮށް ޙަމަލާދޭން ފެށުމުން އެ ރަށުގެ ވައިގެ ދިފާޢީ ނިޒާމު ވަނީ ރުކުރުވައިލާފައެވެ. އަދި، ރަޝިޔާއިން ފޮނުވައިލި 21 ކްރޫޒް މިސައިލަކާއި ޑްރޯންތަކެއް ވަނީ ވައްޓައިލާފައެވެ. ކީވަށް ދިން ޙަމަލާތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައި ނުވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ.

މާރިޗު މަހުގެ ތެރޭގައި ރަޝިޔާއިން ވަނީ ކީވަށް އަމާޒުކޮށް 12 ޑްރޯން ޙަމަލާ ފޮނުވައިލާފައެވެ. މި ފަހަރު ކީވަށް ޙަމަލަދޭން ބޭނުންކޮށްފައި ވަނީ އީރާނުން އުފައްދާފައިވާ ޑްރޯންތަކެކެވެ. ޔޫކްރެއިނުގެ ވައިގެ ދިފާޢީ ނިޒާމު ބޭނުންކޮށްގެން އޭގެ ތެރެއިން އަށް ޑްރޯން ވަނީ ވައްޓައިލާފައެވެ. މި ޙަމަލާތަކުގައި ދެ މީހުން ޒަޚަމުވިއެވެ.

ރަޝިޔާއިން ދިން ޙަމަލާތަކުގެ ރައްދުގައި ރަޝިޔާ ސިފައިން ކޮންޓްރޯލް ކުރަމުންދާ ބައެއް ސަރަޙައްދުތަކަށް ޔޫކްރެއިނުން ވެސް ވަނީ ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. ޑޮނެޓްސްކުގައިވާ ރަށަކަށް ޔޫކްރެއިނުން ދިން ޙަމަލާތަކެއްގައި ޢާންމުންގެ ހަތް މީހުން މަރުވި ކަމުގައި ރަޝިޔާއިން ބުނެއެވެ. އެއް ޙަމަލާ އަރާފައި ވަނީ ބަހަކަށެވެ.