ޚަބަރު

އައިޖީއެމްއެޗްގައި 25 ބުރީގެ އިމާރާތެއް އަޅަނީ


ނޭޝަނަލް ޑައިގްނޯސްޓިކް ސެންޓަރ ހިމެނޭގޮތަށް، އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި 25 ބުރީގެ ޢިމާރާތެއް އެޅުއްވުމުގެ މަސައްކަތް ސިންގަޕޫރުގެ ކުންފުންޏަކާ މިއަދު ޙަވާލުކުރައްވައިފިއެވެ.

ނޭޝަނަލް ޑައިގްނޯސްޓިކް ސެންޓަރެއް ހިމެނޭ ގޮތަށް އަޅުއްވާ މިޢިމާރާތުގެ މަސައްކަތް ސަރުކާރުން ޙަވާލުކުރެއްވީ ސިންގަޕޫރުގެ ޝެންހުއާ ކޮންސްޓްރަކްޝަނާއެވެ. މަސައްކަތް ޙަވާލުކުރެއްވުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ހޮޓެލް ޖެންގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

އައިޖީއެމްއެޗަކީ ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު އެތަނުގެ ޚިދުމަތް ހޯދާ ތަނެކެވެ. އެތަނުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ މިހާތަނަށް ހަތްދިހަހާހަށްވުރެ ގިނަ މީހުން އައިޖީއެމްއެޗުން އެކި ފަރުވާ ހޯދާފައިވެއެވެ. މިހާ ގިނަ ޢަދަދެއްގެ ބަޔަކަށް ޚިދުމަތް ދިނުމުގައި އައިޖީއެމްއެޗަށް މިހާރު ދިމާވެފައިވާ ދަތިތައް ޙައްލުކުރެއްވުމުގެ ގޮތުން ފަންސަވީސްބުރީގެ ޢިމާރާތެއް އެޅުއްވުމަށް މިވަނީ ސިންގަޕޫރުގެ ޗެންހުއާ ކޮންސްޓްރަކްޝަނާ ޙަވާލުކުރައްވާފައެވެ. މި އިމާރާތް ފަރުމާކުރައްވައިފައިވާ ގޮތުން 6 ފަންގިފިލާއެއް ޚާއްޞަކުރެވޭނީ ނޭޝަނަލް ޑައިގްނޯސްޓިކް ސެންޓަރ ޤާއިމްކުރައްވައި ހިންގެވުމަށެވެ. ޑޮކްޓަރަށް ދެއްކުމާއި، ސަރަޙައްދުގައި ކުރެވޭ ހުރިހާ ތަޙުލީލުތަކެއް މި ޢިމާރާތައް ބަދަލުކުރެވިގެންދާނެއެވެ. އޭގެތެރޭގައި ލެބޯޓްރީއާއި، ހިތުގެ ބަލިތަކަށް ޚާއްޞަ ސެންޓަރާއި، ކިޑްނީގެ ބަލިތަކަށް ޚާއްޞަ ސެންޓަރު އަދި ތަފާތު ސްކޭންތައް ކުރުންވެސް ހިމެނެއެވެ.

މުޙައްމަދު ރިޝްވާން ވިދާޅުވީ މިހާރު އައިޖީއެމްއެޗް ހިންގަވާ ޢިމާރާތުގައި ހުރި ހުރިހާ ޑައިގްނޯސްޓިކް ފެސިލިޓީއެއް އާ ޢިމާރާތަށް ބަދަލުކުރެއްވުމަށްފަހު މިހާރު ހުރި ޢިމާރާތުގައި ބަލި މީހުންނަށް އިތުރު އެނދު އިތުރުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި އިމާރާތް ނިމުމުން ސަރުކާރުގެ އަމާޒު ކަމަށްވާ 500 އެނދުގެ ޓާރޝަރީ ހޮސްޕިޓަލަކަށް އައިޖީއެމްއެޗް ބަދަލުވެގެންދާނެ ކަމަށް ރިޝްވާން ވިދާޅުވިއެވެ. މި އާއިމާރާތުގައި ޗައިލްޑް ކެއަރ ސެންޓަރަކާއި، ޖިމާއި، ރިހެބިލިޓޭޝަން ސުއިޓެއްވެސް ހިމެނެއެވެ. މީގެ އިތުރުން އަލިފާނުގެ ޙާދިސާއެއް ދިމާވާ ޙާލަތެއްގައި އަލިފާން ފެތުރިގެން ނުދާ ފަދަ ޚާއްޞަ އިންތިޒާމްތަކެއްވެސް މި އިމާރާތުގައި ޤާއިމް ކުރެވިގެންދާނެއެވެ.

ޖުމްލަ 140 މިލިއަން ޑޮލަރު ޚަރަދު ކުރައްވައިގެން އަޅުއްވާ 25 ބުރީގެ މި އިމާރާތް ނިންމަވައި 2018 ވަނަ އަހަރު ބޭނުންކުރަން ފެށޭނެކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ.