ޚަބަރު

ޔޫކްރެއިނަށް 230 އަސްކަރީ ޓޭންކާއި 1,500އަށްވުރެ ގިނަ އުޅަނދު ފޮނުވައިފި


ޔޫކްރެއިނަށް 230 އަސްކަރީ ޓޭންކާއި 1,550 އުޅަނދު ފޯރުކޮށްދީފައިވާނެ ކަމުގައި ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޔެންސް ސްޓޮލްޓެންބަރގް ވިދާޅުވެއްޖެއެވެ. އަސްކަރީ ޓޭންކުގެ އިތުރުން އެ ޤައުމަށް ނޭޓޯއިން ފޯރުކޮށްދީފައިވާ އުޅަނދުފަހަރުގެ ތެރޭގައި ހިމެނެނީ ވަޒަން ނާރާ ގޮތަށް ފަރުމާ ކޮށްފައިވާ އަސްކަރީ "އާމަރޑް" އުޅަނދުފަހަރެވެ.

ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފަށާފައި ވަނީ 2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހުއެވެ. ޔޫކްރެއިނުގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރަން ހަނގުރާމަ ކުރަމުންދާ އެ ޤައުމުގެ ސިފައިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ނޭޓޯއިން ދަނީ އަސްކަރީ ހަތިޔާރާއި ސާމާނުގެ އިތުރުން އެ ޤައުމަށް މާލީ ގޮތުން ވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ސްޓޮލްޓެންބަރގް ވިދާޅުވީ، ޔޫކްރެއިނަށް ފޯރުކޮށްދޭނެ ކަމަށް ނޭޓޯއިން ވަޢުދުވެފައިވާ އަސްކަރީ އުޅަނދުފަހަރުގެ ތެރެއިން 98 އިންސައްތަ ސާމާނު މިހާރު އެ ޤައުމަށް ފޮނުވާފައިވާ ކަމުގައެވެ. "ޔޫކްރެއިނުގެ އަސްކަރިއްޔާގައި އިތުރު ނުވަ ބްރިގޭޑް އުފެއްދޭ މިންވަރަށް ނޭޓޯއިން ވަނީ އަސްކަރީ އުޅަނދުފަހަރު ފޯރުކޮށްދީފައި. ޔޫކްރެއިނަށް އަރާފައިވާ ރަޝިޔާގެ އިސްތިއުމާރީ ސިފައިން ފަހަތަށް ޖެއްސުމުގައި އެ އުޅަނދުފަހަރު ބޭނުންކޮށްގެން ބޮޑެތި ކުރިއެރުންތަކެއް ހޯދޭނެ،" ސްޓޮލްޓެންބަރގް ވިދާޅުވިއެވެ.

ޔޫކްރެއިނުގެ ބިންތަކަށް އަތްގަދަކޮށްފައިވާ ރަޝިޔާގެ ސިފައިންނާ ދެކޮޅަށް ވަރުގަދަ އަސްކަރީ ކެމްޕޭނެއް ފެށުމަށް ޔޫކްރެއިނުން ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި އެ ޤައުމުން ދަނީ ރަޝިޔާ ސިފައިން ހިންގާފައިވާ ކަމަށް ބުނާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކާއި ހަނގުރާމައިގެ ކުށްތައް ދުނިޔެއަށް ސާބިތުކޮށްދޭން ވެސް މަސައްކަތް ކުރަމުންނެވެ.

މި ކަމުގައި ޔޫކްރެއިނަށް އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދެމުން ދަނީ އެމެރިކާގެ ތަހުޤީޤީ އިދާރާ ފެޑެރަލް ބިޔުރޯ އޮފް އިންވެސްޓިގޭޝަން (އެފް.ބީ.އައި)އިންނެވެ. އެފް.ބީ.އައިން ދަނީ، ޔޫކްރެއިނަށް އަރާފައިވާ ރަޝިޔާ ސިފައިންގެ "ޖިޔޯލޮކޭޝަން"ގެ އިތުރުން އެ މީހުން ގެންގުޅޭ މޯބައިލް ފޯނުތަކުގެ އެހެނިހެން މަޢުލޫމާތު އެއް ކުރުމުގައި ޔޫކްރެއިނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މި ފަދަ ޑިޖިޓަލް މަޢުލޫމާތުގެ އިތުރުން "ފޮރެންސިކް" މަޢުލޫމާތާއި ޑީ.އެން.އޭ ހެދުމުގައި ވެސް އެފް.ބީ.އައިން ދަނީ އެހީތެރިވަމުންނެވެ. އަދި، ޔޫކްރެއިނުގައި ހަރަކާތްތެރިވާ ކަމަށް ބުނާ ރަޝިޔާގެ ޖާސޫސުން ދެނެގަތުމަށް ވެސް ދެ ޤައުމުން ދަނީ ގުޅިގެން މަސައްކަތް ކުރަމުންނެވެ.

ރަޝިޔާއިން ޔޫކްރެއިނުގެ އަސްކަރިއްޔާއާއި ބޮޑެތި ރަށްތަކަށް އަމާޒުކޮށް ދޭން މަސައްކަތް ކޮށްފައިވާ ގިނަ ޢަދަދެއްގެ ސައިބަރ ހަމަލާތަކެއް އެމެރިކާގެ އެހީތެރިކަމާ އެކު ހުއްޓުވާފައިވާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ސައިބަރ ދާއިރާގައި ޔޫކްރެއިނާއި އެމެރިކާއިން ގާތްގުޅުމެއް ބާއްވަމުންދާއިރު، ރަޝިޔާއިން ވަނީ މި ކަމާ މެދު އެއްޗެއް ބުނަން ދެކޮޅު ހަދާފައެވެ.