ޚަބަރު

ލޭނަގާ ނިޒާމަށް ބަދަލުގެނައީ ރައްކާތެރި ނިޒާމަކަށްވާތީ، ކޮރަޕްޝަން ހިންގައިފައެއް ނުވާނެ: އައިޖީއެމްއެޗް


އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗްގައި ލޭނެގުމާ ގުޅުންހުރި ކަންކަމުގައި ބޭނުންކުރާ ސިސްޓަމަށް ބަދަލުގެނައުމުގައި، ކޮރަޕްޝަން ހިމެނޭކަމަށް ދެކެވޭ ވާހަކަތައް އެ ހޮސްޕިޓަލުން ދޮގުކުރައްވައިފިއެވެ. އެ ހޮސްޕިޓަލުން ވިދާޅުވީ އެ ސިސްޓަމަށް ބަދަލު ގެނެސްފައި ވަނީ ޚަރަދުކުޑަ، ޒަމާނީ، ރައްކާތެރި ވަޞީލަތްތައް ބޭނުންކުރުމަށް ކަމަށެވެ.

އައިޖީއެމްއެޗްގައި ލޭނެގުމާ ގުޅުންހުރި ކަންކަމުގައި ބޭނުންކުރާ ބީ.ޑީ ބްރޭންޑްގެ ބްލަޑް ކަލެކްޝަން ސިސްޓަމްގެ ބަދަލުގައި، ފަހުން ގެނެސްގައި ވަނީ ޖަރުމަންގެ ބްރޭންޑެއްކަމަށްވާ ސަރސްޓެޑް ބްރޭންޑްގެ ސިސްޓަމެވެ. އެ ހޮސްޕިޓަލުން ވިދާޅުވީ ސަރސްޓެޑް ސިސްޓަމް ބޭނުންކުރަން ފެށީ، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާ ޤަވާޢިދާ އެއްގޮތަށް ދައުލަތަށް އެންމެ ފައިދާހުރި ގޮތަށްކަމަށެވެ. މިއީ ޚަރަދުކުޑަ ސިސްޓަމަކަށް ވުމާއި، އަދި މިއީ އެންމެ ޒަމާނީ ވަޞީލަތްތައް ހިމެނޭ ސިސްޓަމެއްކަމަށް ވެސް އެ ހޮސްޕިޓަކުން ވިދާޅުވިއެވެ.

މިފަދަ ސިސްޓަމުގައި ސިރިންޖާއި އެހެން ބައެއް ވަޞީލަތްތަކަކީ، ތުއްތު ކުދިންނާއި އުމުރުން ދުވަސްވީ މީހުންގެ ގައިން ލޭ ނެގުމުގައި ކުރިއަށްވުރެ އިތުރަށް ރައްކާތެރިކަން ކަށަވަރުކުރެވި، ފަސޭހަކަމަށް ވެސް އައިޖީއެމްއެޗްއިން ވިދާޅުވިއެވެ.

އައިޖީއެމްއެޗުން ވިދާޅުވީ "އެސް-މޮނޮވެޓް ބްލަޑްކަލެކްޝަން ޓިއުބް ސިސްޓަމް"އަކީ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްފަވާ ރައްކާތެރި އަދި އިސްރާފު ކުޑަ ސިސްޓަމެއްކަމަށެވެ. އަދި މިއީ މިހާރުވެސް ސަރުކާރުގެ ބައެއް ހޮސްޕިޓަލްތަކުގައި ބޭނުންކުރަމުންދާ ސިސްޓަމެއް ކަމަށެވެ. ސަރސްޓެޑް ބްރޭންޑްގެ ސިސްޓަމުން އަހަރަކު 3 މިލިއަނަށްވުރެ ގިނަ ރުފިޔާ ސަލާމާތްކުރެވެއެވެ.

މިކަމުގައ ކޮރަޕްޝަންގެ ތުހުމަތު އޮތްނަމަ، އެފަދަ މައްސަލަ ބަލައި ކޮމިޝަނަށް ހުށައަޅައިގެން ކަށަވަރުކުރުމަށް އައިޖީއެމްއެޗުން ވަނީ ވިދާޅުވެފައެވެ.