ޚަބަރު

5 އަހަރުގެ ތެރޭގައި 50 ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމް ކުރެވޭނެ


މި ސަރުކާރުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ 50 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމްކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްވައިފިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ތިލަދުންމަތީ އުތުރުބުރީ އުތީމު ބަނދަރު ރަސްމީކޮށް ހުޅުއްވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުންނެވެ. އުތީމުގެ ބަނދަރާއެކު ޒަމާނުންސުރެ އެރަށަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަންވަނީ ހައްލުވެގެން ގޮސްފައެވެ.

އުތީމު ބަނދަރު ހުޅުވުމަށް އެރަށު ބަނދަރު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ، އުތީމަކީ ދިވެހިރާއްޖެއަށް ވަރަށް ޚާއްސަ ރަށެއްކަމަށާއި، އުތީމުގެ ތަރައްޤީއަށް އެމަނިކުފާނުގެ ވެރިކަމުގައި ބޮޑެތި މަސައްކަތްތަކެއް ކޮށްދެއްވާނެކަމަށެވެ. އެގޮތުން މިހާރުވެސް އުތީމުގައި ގެސްޓްހައުސްގެ ވިޔަފާރި ތަރައްޤީކުރެއްވުމުގައި ސަރުކާރުން ނިންމަވަންޖެހޭ ހުރިހާކަމެއް ނިމިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އުތީމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީންވަނީ، އެމަނިކުފާނުގެ ވެރިކަމުގެ 5 އަހަރުގެ ތެރޭގައި ރާއްޖޭގެ 50 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ޤާއިމްކުރައްވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުއިޒް ވިދާޅުވީ، މިއަދަކީ އުތީމު ރައްޔިތުންނަށް ވަރަށް އުފާވެރި ތާރީޚީ ދުވަހެއްކަމަށާއި، މިއީ ރައީސް ޔާމީންގެ ސަރުކާރުން ކުރިއަށްގެންދަވާ ތަރައްޤީގެ ޕްރޮޖެކްޓްތަށް ހަލުވިކަމާއެކު ނިމެމުންދާކަމުގެ ހެއްކެއްކަމަށެވެ. އުނދަގޫ ހިތްދަތި މާޒީއަކަށްފަހު ފެންވަރު ރަނގަޅު ބަނދަރެއް ލިބިގެން ދިއުމުން އުތީމުގެ ރައްޔިތުން މިކަން ސިފަކުރަނީ ވަރަށް އުފަލާއި ޝުކުރުވެރިކަމާއެކުގައެވެ.

އުތީމު ބަނދަރަކީ، 31 މިލިޔަން ރުފިޔާ ޚަރަދު ކުރައްވައިގެން ހެވީފޯސް ކުންފުންޏާއި ހަވާލުކުރައްވައިގެން 2013 ވަނަ އަހަރު ސަރުކާރުން ފެއްޓެވި މަޝްރޫއެކެވެ. މިމަޝްރޫއުގެ ދަށުން އުތީމުގައި ނިންމަވާފައިވަނީ، 630 ފޫޓު ދިގު 250 ފޫޓު ފުޅާ ބަނދަރެކެވެ. އަދި، މި ބަނދަރުގައިބޮޑުހިލަޖަހައިގެން ފެންވަރު ރަނގަޅު ތޮއްޓެއްވެސް ހަދާފައިވެއެވެ.