ސިޔާސީ

ސަރުކާރުގެ އަމާޒަކީ މަޝްވަރާގެ ތެރެއިން ކަންކަން ޙައްލުކުރުން


މާދަމާ ފެއްޓެވުމަށް ހަމަޖެހިފައިވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކަށް ސަރުކާރުން އިސްވެ ކަންތައްތަކެއް ހުށަނާޅުއްވާނެކަމަށާއި، ސަރުކާރުގެ އަމާޒަކީ މަޝްވަރާތަކުގެ ތެރެއިން ޤައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް ގުޅިގެން ޙައްލެއް ހޯއްދެވުންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.  

މަޝްވަރާތަކުގައި ބައިވެރިވާ ޕާޓީތަކުން ހުށައަޅުއްވާ ކަންތައްތަކުގެ ތެރެއިން ރައްޔިތުންނަށް މަންފާ ކުރަނިވި ކޮންމެކަމެއް ސަރުކާރުން ބަލައިގަންނަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ހއ. ވަށަވަރު ބަނދަރު ހުޅުއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާއަށް ސަރުކާރުން ކުރިމަތިލައްވަނީ ހެޔޮނިޔަތާއި، ވަރަށްބޮޑެތި އުންމީދުތަކަކާއެކު ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތައް ޙައްލު ކުރެއްވުމުގެ ބޭނުމުގައިކަމަށެވެ. އެހެންކަމުން ސިޔާސީ ޕާޓީތަކުން މިކަމަށް އިޙްތިރާމް ކުރައްވައި ބިނާކުރަނިވި މަޝްވަރާތަކަކަށް މިމަޝްވަރާތައް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތައް ވަކިމޫނަކަށް ބެއްލެވުމެއްނެތި ކުރިއަށްގެންދެވުމަށް މާދަމާ ފެށުމަށް ހަމަޖެހިފައިވާ ސިޔާސީ ޕާޓީގެ މަޝްވަރާގައި ބައިވެރިވާ ޕާޓީތަކުން އެއްބާރުލުން ދެއްވަން ވާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. މީގެއިތުރުން ދިވެހި ދައުލަތަށް މުސީބާތްތައް ކުރިމަތިވެދާނެ ކޮންމެކަމެއް ކުރިމަތިވާ ސަބަބުތައް ނައްތާލުމަށް ކުރަންޖެހޭ ކޮންމެކަމެއް ކުރުމަށް ޕާޓީތަކުން އެއްބަސްވުމަކަށް އަންނަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރާއްޖޭގައި ސިޔާސީ ކުށްވެރިން ނުތިއްބަވާނެކަމަށް މިއަދުގެ ވާހަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ތަކުރާރުކޮށް ވިދާޅުވިއެވެ.

މަޝްވަރާތަކުގެ ތެރެއިން ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވުން ފަދަ ކަންކަން ހުށައެޅުއްވި ނަމަވެސް ޤާނޫނީ ތަރަހައިގެ ބޭނުން އެބާވަތުގެ ކަންކަން ސަރުކާރުން ނުކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ޤާނޫނީ ޓީމުގައި ހިމެނޭ ބޭރުގެ ފަރާތްތަކުން ރާއްޖެއާމެދު ފިޔަވަޅު އެޅުމަށް ގޮވާލާ ގޮވާލުމަށް އިޝާރާތްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިންގެ އަމިއްލަވަންތަކަމާއި ކަރާމާތް ދެމެހެއްޓެވުމަށް ހުރި އެންމެބޮޑު ގޮންޖެހުމަކީ ސިޔާސީ ބޭނުމަށްޓަކައި ބައިނަލްއަޤުވާމީ މުޖުތަމައުގައި ރާއްޖެ ބަދުނާމުކުރަމުންދާ ފަރާތްތައްކަމަށެވެ.

ދިވެހިންގެ ކަންކަން ޙައްލުކުރާނީ ދިވެހިންކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވާ ވިދާޅުވުން މިއަދުވެސް ތަކުރާރުކުރެއްވިއެވެ.