ޚަބަރު

މޭޖަރ ޢަލީ ސަލީމް އަވަހާރަވެއްޖެ


އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްގައި ޚިދުމަތްކުރައްވަމުން ގެންދެވި އެންމެ ތަޖުރިބާކާރު އެއް ފަޔަރމަން، މޭޖަރ ޢަލީ ސަލީމް އަވަހާރަވެއްޖެއެވެ.

މޭޖަރ ޢަލީ ސަލީމް ނުވަތަ މަޝްހޫރު ނަމުންނަމަ، "ފަޔަރު ސަލީމް" އަވަހާރަވީ މިއަދު ކުއްލިއަކަށް އާލާސްކަންފުޅު ބޮޑުވެ ފަރުވާ ދެމުންދަނިކޮށް އައިޖީއެމް ހޮސްޕިޓަލުގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ސަލީމް ވަނީ މިއަދުވެސް އޮފީހަށް ނިކުމެވަޑައިގެންފައެވެ.

މޭޖަރ ސަލީމަކީ ސިފައިންގެ ޔުނިޓެއްގެ ގޮތުގައި "އެންއެސްއެސް ފަޔަރ ސަރވިސް" 1990 ވަނަ އަހަރުގެ މޭ މަހުގެ ފުރަތަމަ ދުވަހު އުފެއްދެވިއިރު ތިއްބެވި 5 ބޭކަލުންގެ ތެރެއިން ބޭކަލެކެވެ. އޭނާ ގިނަ ދުވަސްތަކެއްގައި ޚިދުމަތް ކުރެއްވީ ފަޔަރ އެންޑް ރެސްކިޔު ސަރވިސްގައެވެ. ނަމަވެސް ސިފައިންގޭގެ އެހެން ކޮމާންޑްތަކުގައިވެސް އޭނާ މަސައްކަތްކުރައްވާފައިވެއެވެ.

މޭޖަރ ސަލީމް ވަނީ ސިފައިންގެ ޚިދުމަތުގައި 34 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވާފައެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވިދާޅުވީ މޭޖަރ ޢަލީ ސަލީމަކީ، 34 އަހަރު ދިވެހި އަސްކަރީ ޚިދުމަތުގައި އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއެކު ހިދުމަތްކުރެއްވި ބޭފުޅެއްކަމަށެވެ. އަދި އެ މުއްދަތުގައި މޭޖަރ ސަލީމް ވަނީ އަގުނުކުރެވޭފަދަ އެތައް ޚިދުމަތްތަކެއް ކޮށްދެއްވާފައިކަމަށް ޝަމާލު ވިދާޅުވިއެވެ.

އަސްކަރީ ޚިދުމަތުގައި މަރުޙޫމް މޭޖަރ ޢަލީ ސަލީމް އަދާކުރައްވާފައިވާ މަޤާމުތަކުގެ ތެރޭގައި އެމްއެންޑީއެފް ސަދަން އޭރިއާގެ ޑެޕިއުޓީ ކޮމާންޑަރުގެ މަޤާމާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެެސްކިޔު ސަރވިސްގެ ޑެޕިއުޓީ ކޮމާންޑަރުގެ މަޤާމާއި ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލުގެ ކޮމާންޑިންގ އޮފިސަރގެ މަޤާމު ހިމެނެއެވެ. މީގެ އިތުރުން އެމްއެންޑީއެފްގައި ހެދިފައިވާ އެކިއެކި ބޯޑުތަކާއި ކޮމިޓީތަކުގައިވެސް މަރުޙޫމް މޭޖަރ ޢަލީ ސަލީމްވަނީ ގިނަ ޚިދުމަތްތަކެއްކުރައްވާފައެވެ. އެގޮތުުން އެމްއެންޑީއެފް ވެލްފެއަރ ބޯޑާއި އެމްއެންޑީއެފް ސޭފްޓީ ބޯޑުގެ އިތުރުން ޓްރެއިނިންގ ރިސާރޗް އެންޑް އިވެލުއޭޝަން ކޮމިޓީގެ މެންބަރުކަން ވަނީ ކުރައްވާފައެވެ. މީގެ އިތުރުން އެމްއެންޑީއެފް ވެލްފެއަރ ބޯޑްގެ ވައިސް ޗެއަރމަންކަންވެސް ވަނީ ކުރައްވާފައެވެ.

މަރުޙޫމް މޭޖަރ ޢަލީ ސަލީމް ނިޔާވިއިރު ހުންނެވީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފައިނޭންސް ޕްރޮކިއުމަންޓް އެންޑް ލޮޖިސްޓިކްސްގެ ޑައިރެކްޓަރގެ މަޤާމުގައެވެ.

މަރުޙޫމް މޭޖަރ ޢަލީ ސަލީމުގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މާދަމާގެ ޢިޝާ ނަމާދަށްފަހު، މަސްޖިދުއްތަޢާވުނި (އާސަހަރާ މިސްކިތް)ގައެވެ.