ރިޔާސީ އިތުރު ދައުރަކަށް ކުރިމަތިލެއްވުމަށް ނިންމެވިކަން އެމެރިކާގެ ރައީސް ޖޯ ބައިޑަން އިޢުލާންކުރައްވައިފިއެވެ.
އެމެރިކާގެ ރައީސް ބައިޑަން ރިޔާސީ އިތުރު ދައުރަކަށް ވާދަކުރައްވާނެކަން އިއުލާންކުރެއްވީ މިއަދު އާއްމުކުރެއްވި ވީޑިއޯ މެސެޖެއްގައެވެ. އަދި އެކަން އިއުލާންކުރައްވާފައި މިވަނީ އެމަނިކުފާނު 2020 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ އިއުލާންކުރެއްވި މުނާސަބާއަށް 4 އަހަރު ފުރުނު ދުވަހެވެ.
އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ބައިޑަން ނިންމަވާފައި މިވަނީ އެކަމާއި ގުޅޭގޮތުން ގިނަ ބަޔަކު ސުވާލުކުރަމުންދާ ދަނޑިވަޅެއްގައެވެ.
އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވަމުން 3 މިނެޓްގެ ވީޑިއޯ މެސެޖުގައި ބައިޑަން ވިދާޅުވީ މިއަދުވެސް ކުރަންޖެހިފައި އޮތީ ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ކުރެއްވި މަސައްކަތްތައްކަމަށެވެ.
ބައިޑަން ވިދާޅުވީ މިއަދު ކުރިމަތީގައި އޮތީ ދެ ސުވާލެއްކަމަށެެވެ. އެއީ އިތުރަށް މިނިވަންކަން ހޯދަނީތޯ ނުވަތަ މިނިވަންކަން ހަނިކުރާނީތޯ އަދި އިތުރު ހައްގުތައް ހޯދާނީތޯ ނުވަތަ ހައްގުތައް ހަނިކުރުމުގެ ސުވާލުކަމަށް ބައިޑަން ވިދާޅުވިއެވެ.
ބައިޑަންގެ މެސެޖުގައި ވަނީ އިޤްތިޞާދާއި އެހެން ކަންކަމާއި ގުޅޭގޮތުން އެމެރިކާގެ ރައްޔިތުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް ހައްލު ގެނެސްދެއްވާނެކަމަށް ވިދާޅުވެފައެވެ.
2021 ވަނަ އަހަރުގެ ޖެނުއަރީމަހު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އުމުރުފުޅުން 80 އަހަރުގެ ބައިޑަންއަކީ އެމެރިކާގެ ވެރިކަމަށް ވަޑައިގެންނެވި އުމުރުން އެންމެ ދުވަސްވީ ބޭފުޅާއެވެ. ބައިޑަންގެ އުމުރުފުޅު މައްޗަށް ގޮސްފައިވުމަކީ އެމަނިކުފާނު ނިސްބަތްވާ ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުންގެ ކަންބޮޑުވުމެކެެވެ.
އިންތިހާބުގައި ވާދަކުރެއްވުމަށް ނިންމެވިޔަސް، ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓް އެމަނިކުފާނަށް ކަށަވަރުވާނީ އަންނަ އަހަރުގެ އޮގަސްޓްމަހު ބާއްވާ ޕާޓީގެ ނެޝަނަލް ކޮންވެންޝަނުގައެވެ. ރިޔާސީ ޓިކެޓް ހޯދުމަށް ބައިޑަންއާ ވާދަކުރައްވާނެ ދެތިން ބޭފުޅަކު އުޅުއްވިޔަސް، އެ ޓިކެޓް ލިބޭނީ ބައިޑަންއަށްކަމަށް ވަަރަށް ބޮޑަށް ބެލެވޭކަމަށް ހަބަރުތައް ބުނެއެވެ.
ރިޔާސީ އިތުރު ދައުރަކަށް ވާދަކުރައްވާނެކަން ބައިޑަން އިއުލާންކުރެއްވިއިރު، ވާދަވެރި ރިޕަބްލިކަން ޕާޓީން އިންތިހާބުގައި ވާދަކުރެއްވުން އެންމެ ގާތީ އެންމެފަހުންވެސް ރިޔާސީ އިންތިހާބުގައި ބައިޑަންއާ ވާދަކުރެއްވި ޑޮނާލްޑް ޓްރަމްޕްއެވެ. އޭނާވެސް ވަނީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުކާންކޮށްފައެވެ.